އަތޮޅު ކައުންސިލްތައް ރުޖޫއަ ކުރަން ބިލެއް

އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީއަށް ގެނައި އިސްލާހު، ކުރިން އޮތް ގޮތަށް ބަދަލުކުރަން އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
އެ ބިލު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދި އިބްރާހީމް (ކުޑޫ) އެވެ. އޭނަ ހުށަހެޅުއްވި ބިލުގައި ވަނީ އަތޮޅު ކައުންސިލްތައް މި ސަރުކާރުން އުވައިލީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި 2010 ގައި އަމަލުކުރަން ފެށި ގާނޫނުގައިވާ ގޮތަށް ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރަމުން ދަނިކޮށް ކަމަށެވެ. އެހެންވެ އެ މަސައްކަތް ކުރަމުން ދަނިކޮށް، އެ ނިޒާމުގައި ހިމެނޭ މުހިންމު ބައެއް ކަމަށްވާ އަތޮޅު ކައުންސިލްތައް އުވާލުމުގެ ސަބަބުން ގާނޫނުއަސާސީ ތަސައްވުރުކުރި ނިޒާމަށް އުނިކަން ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން، ގާނޫނުއަސާސީ ބަދަލުކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުިގެ އަމިއްލަ ވިސްނުންފުޅަށް ކަމަށާއި އެ ކަންކަމާ މެދު ދިރާސާކޮށްފައި ނުވާ ވެސް ކަމަށް ބިލުގައިވެއެވެ. އެހެންވެ، އަތޮޅު ކައުންސިލްތައް އުވާނުލައި، ކުރިން އޮތް ގޮތަށް ރުޖޫއަ ކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބިލުގައި ހުށަހަޅާފައިވެ އެވެ.
މަޖިލީހުން އަތޮޅު ކައުންސިލްތައް އުވާލީ، ގާނޫނުއަސާސީގެ 231 ވަނަ މާއްދާއިން އަތޮޅު ކައުންސިލްތަކުގެ ބައި އުނިކޮށްގެންނެވެ. އެހެންވެ ކުޑޫގެ ބިލުގައި ވަނީ، އެ ބައި 231 ވަނަ މާއްދާގައި އަލުން ހިމެނުމަށް ހުށަހަޅުއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ