ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް ހޮވުމަށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ތާއީދުކުރައްވައި އެންޑޯޒްކުރައްވައިފިއެވެ.
އުއްޗުގެ އަރިހަށް މިއަދު ޖަލީލް ވަނީ ޗަމްޕާގިރިއަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތުގަައި އުއްޗު ވަނީ ޖަލީލް އެންޑޯޒްކުރައްވާ މާލެ ސިޓީގެ މޭޔަރުކަމަށް ޖަލީލް އިންތިހާބުކުރުމަށް ތާއީދުކުރައްވާކަމާއި އަދި ވޯޓު ހޯދަން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މި ބައްދަލުވުމުގައި އުއްޗު ދެއްކެވި ވާހަކަފުޅުގައި، މާލެ ސިޓީގެ މޭޔަރުކަމަށް މިފަހަރު ވާދަކުރައްވާ ގައުމީ ހިދުމަތުގެ އެންމެ ފަހުރުވެރި ރެކޯޑެއް އޮތް ބޭފުޅަކީ ޖަލީލްކަމަށް ވަނީ ވިދާޅުވެފަައެވެ. އަދި ވަކިން ހާއްސަކޮށް ސިފައިންގެ ހިދުމަތުގައި ކެރުމާއި ހިތްވަރާއި ރީތި ނަމޫނާ ދައްކަވާފައިވާ ޖަލީލް ފަދަ ބޭފުޅުންގެ ހިދުމަތް މި ގައުމަށް ބޭނުންވާކަން އުއްޗު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ގައުމީ ހިދުމަތުގައި އިތުބާރު ހިފެހެއްޓެވުމާއެކު މަސައްކަތް ކުރައްވާފައިވާ ޖަލީލް ފަދަ ބޭފުޅުން ގައުމުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވުމަށް އަބަދުވެސް އިސްކަން ދެއްވާކަމަށް އުއްޗު ވިދާޅުވިއެވެ.
ޖަލީލް ވަނީ، މި ދައުވަތު ދެއްވިކަމަށްޓަކައި އަދި މި އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް އޭނާ ގެނައުމަށް ތާއީދުކުރެއްވިކަމަށްޓަކައި އުއްޗު އަށް ޝުކުރު އަދާކުރައްވާފައެވެ.
މާލެ ސިޓީގެ ފުރަތަމަ މޭޔަރު ކަމަށްވާ އާދަމް މަނިކު (ސަރަނގު) ވެސް ދާދި ފަހުން ވަނީ ޖަލީލަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.
އުއްޗުގެ ތާއީދުވެސް މޫސާ އަލީ ޖަލީލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ