އާސެނަލް ބަލިކޮށް ލީގު ކަޕްގެ ޗެމްޕިއަންކަން ސިޓީން ހޯދައިފި

އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބާއޯ ކަޕްގެ ޗެމްޕިއަންކަން މެންޗެސްޓަރ ސިޓީ އިން ހޯދައިފި އެވެ.
މެންޗެސްޓަރ ސިޓީ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި 2-0 ގެ ނަތީޖާއަކުން އާސެނަލް ބަލިކުރުމަށްފަހުގަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ ކުރީގައި އޮތް އާސެނަލް އިން މި ސީޒަނުގައި ތިން މުބާރާތް ކާމިޔާބު ކުރުމަށް ކުރަމުން އައި އުންމީދުތަކަށް ނިމުމެއް އައިސްފައިވާއިރު މި މުބާރާތުގެ ޗެމްޕިއަންކަން މެންޗެސްޓަރ ސިޓީ އިން ހޯދުމާއެކު ސިޓީގެ ކޯޗު ޕެޕް ގަޑިއޯލާ ވެފައިވަނީ ލީގު ކަޕްގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދު ފުރަތަމަ ކޯޗަށެވެ.
މެންޗެސްޓަރ ސިޓީގެ ޓީމަށް ބަދަލުތަކެއް ގެނެސްގެން ރޭ ކުޅުނު މެޗަށް އެ ޓީމު ނިކުތްއިރު މި މެޗު ޑޮމިނޭޓްކޮށްގެން މޮޅަށް ކުޅެފައިވަނީ ސިޓީންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭ ގޮތްވަނީ ނުވެފަ އެވެ.
މި މެޗުގައި މެންޗެސްޓަރ ސިޓީ އިން ލީޑު ނަގާފައިވަނީ މެޗުގެ 60 ވަނަ މިނިޓުގައި އާސެނަލްގެ ގޯލުކީޕަރު ކެޕާ އަރިޒަބަލަގާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ސިޓީގެ ޑިފެންޑަރ ނިކޯ އޮރެއިލީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ ވަނީ ލީގު ކަޕްގެ އިތުރުން އެފްއޭ ކަޕްގައި އާސެނަލްގެ ފުރަތަމަ ކީޕަރުކަން ކެޕާއަށް ދީފަ އެވެ. ނަމަވެސް ޕްރިމިއާ ލީގުގެ މެޗުތަކުގައި ގޯލުކީޕަރުކަން ކުރަނީ ޑޭވިޑް ރާޔާ އެވެ.
އަދި އޭގެ ހަތަރު މިނިޓު ފަހުން މެތިއުސް ނޫނޭޒް ނެގި ހުރަހަކުން އޮރެއިލީ ވަނީ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުން އާސެނަލް ބަލިވުމާއިއެކު ބޮޑު މުބާރާތެއް ކާމިޔާބުނުކުރެވި އޮތް އޮތުމަށް ނިމުމެއް ގެނެވޭގޮތް އާސެނަލް އަށް އަދި ވަނީ ނުވެފަ އެވެ. އާސެނަލް އިން އެންމެ ފަހުން ބޮޑު މުބާރާތެއް ކާމިޔާބު ކޮށްފައިވަނީ 2020 ވަނަ އަހަރު އެވެ. އެއީ އެ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ