ކުޅުދުއްފުށީގައި ތަރައްގީކުރި 'ބޮޑަވަކި އަތިރި' ބީޗް ސަރަަހައްދު ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އިން އެރަށު 'ބޮޑަވަކި އަތިރީ'ގައި ތަރައްގީކުރި ހިތްފަސޭހަ ހަޓްތައް އާންމުކޮށް ހުޅުވާލައިފި އެވެ.
މިތަން ހުޅުވައިދެއްވީ މިއަދު ހަވީރު އެކަމަށްޓަކާ އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އަންހެނުންގެ ކޮމެޓީގެ މެންބަރުންނެވެ. މިތަނުގައި 5 ހަޓާއި ބެޗާއި މޭޒް އަދި ޖޯލިފަތި ބަހައްޓާފައިވެ އެވެ.
މި ހަޓްތައް ޑިޒައިންކޮށްދީފައިވަނީ މޭޔަރު މުހައްމަދު އާތިފް އާއި ސިޓީ ކައުންސިލަރު ރިލްވާން މުހައްމަދެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމެޓީގެ ރައީސާ ހަދީޖާ މޫސާ ވިދާޅުވީ، މިއީ ކޮމެޓީގެ ބަޖެޓުން 7 ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި ސަރަހައްދެއް ކަމަށެވެ. މިތަން ތަރައްގީކުރުމަށް ސިޓީ ކައުންސިލަރުންނާއި ކައުންސިލްގެ ޓީމް ދިން އެއްބާރުލުން ފާހަގަކޮށް އެ ފަރާތްތަކަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ.
އަދި މިތަން ސާފުތާހިރުކަމަށް ބެހެއްޓިފައިވާ ޑަސްބިންރަކާއި ތަނުގައި ހުރި ތަކެތި ގިނަ ދުވަހަށް ބޭނުންކުރެވޭނެ ރައްކާތެރި ގޮތުގައި ބޭނުންކުރުމަށް ހުރިހާ ފަރާތްތަކަށްވެސް އޭނާ އިލްތިމާސްކުރެއްވި އެވެ.
ކޮމެޓީ މެންބަރު އަކްބަރީ ވިދާޅުވީ، މިއަދަކީ ރަށުގެ މަލަމަތި ބަދަލުކޮށްލައި ރަށުގެ އިގްތިސޯދަށް އާ ދިރުމެއް ގެންނުވާނެ އުފާވެރި ދުވަހެއް ކަމަށެވެ.
"މި މަޝްރޫއުގެ އަސްލަކީ މީގެ ކުރިން އަޅުގަނޑުމެން ބޯޒިޔާރާތް ބީޗް ސަރަހައްދުގައި ތިބި ތަޖުރިބާ. އަޅިގަނޑުމެންގެ ފުރަތަމަ ވިސްނުމަކަށްވީ ރަށުގެ 6 ދާއިރާ 6 ހަޓް ޖެހުން. އެހެންނަމަވެސް ސިޓީ ކައުންސިލްގެ އިރުޝާދާއެކު އަޅުގަނޑުމެންގެ ލޯ ހުޅުވިގެންދިޔައީ މިއަށްވުރެ ފުޅާ ތަސައްވަރަކަށް، ބޮޑަވަކި އަތިރިއަކީ ލޯކަލް ޒޫރިޒަމްގެ މަރުކަޒަކަށް ތަސައްވަރު އުފަންވެގެންދިޔަ. މިއީ އިގްތިސޯދީ ބިންގަލެއްކަމަށް ބަލަމާ." އަކްބަރީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރަށުގެ ލޯކަލް ޓޫރިޒަމް ފުޅާވުމުން މިތަނުގެ ބޭނުންތެރިކަން އިތުރުވެ ރަށުގެ ޒުވާނުންނަށާއި އާއިލާތަކަށް އާމްދަނީ ލިބޭނެ މަގުތައް ހުޅުވިގެންދާނެ ކަމަށެވެ. އަދި ދުޅަހެޔޮ ސިއްހަތަކަށް އެދި ހިނގާ ބިނގާވެ އުޅުމަށާއި އަންހެންވެރިން ކަސްރަތަށް މޫދަ އެރިއުޅުމަށާއި އާއިލީ ގުޅުން ބަދަހިކުރުމަށްވެސް މިތަނުގެ ބޭނުން ހިފިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ނަފްސާނީ ތަސައްލީއެއް ލިބި މުޅި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކާ ކުރެވުނު މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައި މި މަޝްރޫއު އަކްބަރީ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ، އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ހުރިހާ ހުވަފެންތަކެއްގައި ކުލަޖެހެނީ ކުޅުދުއްފުށީގެ ރައްޔިތުންނާއި މޭޔަރާއި ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށާއި މި މަޝްރޫއުގެ ބިން ހަމަޖެއްސުމުން ފެށިގެން ޑިޒައިން ކުރުމާއި ފަންނީ ލަފާދިނުމާއި ބިޑްކުރުމާއި މަސައްކަތް މޮނީޓަރކުރުމުގައި ކައުންސިލްގެ ދައުރު ވަރަށްވެސް ބޮޑު ކަމަށެވެ. ޑަބުލިއުޑީސީތަކަށް ކައުންސިލްގެ އެންމެ ފުރިހަމަ އެއްބާރުލުން ނުލިބިއެއް މިފަދަ މަޝްރޫއުތައް ހިންގިފައެއް ނެތްކަން އަކްބަރީ ފާހަގަކުރެއްވި އެވެ.
ސިޓީ ކައުންސިލްގެ ޕްލޭންގައި ހިމެނިގެން ކުރިއަށްގެންދިޔަ މިތަން އިތުރަށް ތަރައްގީކޮށް ލޯކަލް ޓޫރިޒަމަށް ފައްކާ ބީޗެއްގެ ގޮތުގައި ހެދުމަކީ ކައުންސިލްގެ ތަސައްވަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ