ގައުމީ އަންހެން ފުޓްސަލް ޓީމަށް ހުރި ދަތިތަކާ އެކު ވެސް ކުރި މަސައްކަތް ރަނގަޅު ގައުމީ އަންހެން ފުޓްސަލް ޓީމަށް ހުރި ދަތިތަކާ އެކު ވެސް ކުރި މަސައްކަތް ރަނގަޅު

ގައުމީ އަންހެން ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގައި ހުރި ދަތިތަކާ އެކު ވެސް ކުރެވުނު މަސައްކަތް ޖުމްލަކޮށް ބަލާއިރު ރަނގަޅު ކަމަށް ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗު އާތިފް މުހައްމަދު (އާތީ) ބުނެފި އެވެ.
މުޅިން އަލަށް ރާއްޖޭގެ އަންހެން ފުޓްސަލް ޓީމެއް އެކުލަވާލައި، މި މަހުގެ 13-26 އަށް ތައިލެންޑުގެ ނޮންތަމްބުރީގައި ކުރިއަށްދާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕަށް އެ ގައުމަށް ވަނީ ގޮސްފަ އެވެ. ސާފް އިން ފުރަތަމަ ފަހަރަށް ބާއްވާ ފުޓްސަލް މުބާރާތުގައި ވާދަކުރާ އަންހެން ގިނަ ޓީމުތަކަށް މިއީ ފުރަތަމަ އިންޓަނޭޝަނަލް މުބާރާތެވެ. އޭގެތެރޭގައި ރާއްޖެ ވެސް ހިމެެނެ އެވެ. ގިނަ ޓީމުތަކުގައި މި ހިމެނެނީ ވެސް ފުޓްބޯޅަ ޓީމުގައި ވެސް ކުޅޭ ކުޅުންތެރިންނެވެ.
މާލޭގައި ކުރިއަށްދިޔަ ފަހު ޕްރެކްޓިހަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި އާތީ ބުނީ، ފުޓްބޯޅަ އާއި ފުޓްސަލް މިއީ ތަފާތު ދެ ގޭމެއް ކަމަށާއި އެކަމަކު، ސާފްގައި ކުޅޭ ހުރިހާ ޓީމެއްގައި ކަހަލަ ގޮތަކަށް ވެސް މި ހުރީ ފުޓްބޯޅަ ޓީމުގައި ކުޅޭ ކުޅުންތެރިން ކަމަށެވެ.
"އެހެންވީމަ، ކޮންމެ ގޮތެއް ވިޔަސް މީގެ ކޮމްބިނޭޝަން ރަނގަޅުވެގެން އެޖިލިޓީ ހައި އެއްޗެއްވީމަ މި ހުރިހާ ޕްލޭޔަރުން ވެސް ފުދޭ ވަރަކަށް ގުޅިގެން މަސައްކަތް ކޮށްގެން އެކަކު އަނެކަކަށް އެނގިގެން ކުރިއަށްދާން ފަސޭހަވާނީ. ރާއްޖޭގައި މި ތިބި ޕްލޭޔަރުންނަށް ބަލާއިރު ގިނައީ ކްލަބް މޯލްޑިވްސް ކަޕް ކަހަލަ އެއްޗެހީގައި އޮފީސް މުބާރާތްތަކުގައި ކުޅެފައި ތިބި ޕްލޭޔަރުން، އެހެންވީމަ ރަނގަޅުވާނެ ކަމަށް މި ބަލަނީ،" އާތީ ބުންޏެވެ.
ސާފް ފުޓްސަލް މުބާރާތްތަކުގައި ވާދަކުރާ އަންހެން ޓީމުތަކުގެ ތެރެއިން، ރާއްޖެ ފިޔަވައި، ދެން ހުރިހާ ޓީމަކުން ވެސް އިންޑޯގައި ތަމްރީނު ކުރިއަށް ގެންދިޔަ އެވެ. ރާއްޖޭގެ އަންހެން ޓީމު އިންޑޯގައި ޓްރެއިނިން ކުރިއަށްގެންދަން ކުރި މަސައްކަތަށް ކުރިމަގެއް ނުފެނި، މުބާރާތަށް ދާން ޖެހުނީ އިންޑޯއެއްގައި ޕްރެކްޓިހެއް ކުރަން ނުލިބި އެވެ.
ގައުމީ އަންހެން ފުޓްސަލް ޓީމުގެ ކޯޗު އާތީ ބުނީ، ޓީމަށް އުނދަގޫވާނެ ކަމަކީ އާޓިފިޝަލް ޓާފެއްގައި ޕްރެކްޓިސް ކުރުމަށް ފަހު ގޮސް މުޅިން އަލަށް އިންޑޯއެއްގައި ކުޅެން ޖެހުމުން އެ ހުންނާނެ ދަތި ކަމަށެވެ.
"އަޅުގަނޑުމެން މި ޕްރެކްޓިސް އަށް މި ދަނީ އައުޓްޑޯގައި، ކުރީގައި ވެސް އިންޓަވިއުއެއްގައި އަޅުގަނޑު ހަމަ ފާހަގަކުރި ގޮތަށް ފުރަތަމަ ދުވަހުން ފެށިގެން ވެސް އެހެން ގައުމުތަކުން ޕްރެކްޓިސް ކުރަމުން މި ދަނީ އިންޑޯގައި، އެހެންވީމަ، މި އިންޑޯ އާއި އައުޓް ޑޯގެ މި ހުރި ތަފާތުގެ ތެރެއިން، ގިނައިން ޕްރެކްޓިސް ކުރި ބަޔަކަށް މީގެ ޕިޗަށް ހޭނުމުގެ ފުރުސަތު ބޮޑުވެގެންދާނީ،" އާތީ ބުންޏެވެ.
ގައުމީ އަންހެން ފުޓްސަލް ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ކޯޗު އާތީ: ލިބުނު މުއްދަތާ ބަލައި ކުރެވުނު މަސައްކަތާ މެދު އާތީ ވަނީ ހިތްހަަމަޖެހޭ ކަމަށް ބުނެފައި.--- ފޮޓޯ: އަބްދުﷲ އަބީދު / އަދަދު ސްޕޯޓްސް
ގައުމީ އަންހެން ފުޓްސަލް ޓީމު އެކުލަވާލުމުގައި މައިގަނޑު ގޮތެއްގައި ބެލީ މިދިޔަ މަހު ބޭއްވި އެފްއޭއެމް ވިމެންސް ފުޓްބޯލް ލީގަށެވެ. އާތީ ބުނީ އެ މުބާރާތަށް ފަހު ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ލިބުނީ 10 ވަރަކަށް ޕްރެކްޓިސް ސެޝަން ކަމަށެވެ. ފުޓްބޯޅަ އާއި ފުޓްސަލް އަށް ތައްޔާރުވާއިރު، ފިޓްނަސް ކަންކަމުގައި ތަފާތުތަކެއް ހުންނާނެކަން ފާހަގަކޮށް އާތީ ބުނީ، ލިބުނު ވަގުތުގައި މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
ގައުމީ ފިރިހެން ފުޓްސަލް ޓީމުގެ ކޯޗު އުޒްބެކިސްތާންގެ ފާރޫކް ޒަކީރޯވްގެ ވެސް އެއްބާރުލުމާ އެކު، އަންހެން ފުޓްސަލް ޓީމުގެ ކަންކަން ކުރިއަށްގެންދިޔަކަން އާތީ ވަނީ ބުނެފަ އެވެ. އަދި، އުޒްބެކިސްތާންގެ ގައުމީ އަންހެން ޓީމަށް ވެސް ކޯޗުކޮށްދީފައިވާ ފާރޫކް ދިން ޕްލޭނާ އެކު، ރާއްޖޭގެ އަންހެން ޓީމުގެ ޓްރެއިނިންގެ ޕްލޭނެއް ހަދައި އޭގެ އަށް މަސައްކަތް ކުރެވުނުކަން އާތީ ވަނީ ފާހަގަކޮށްފަ އެވެ.
"(ފާރޫކް) ކޯޗާ ގުޅިގެން ކުރިއަށް ގެންދަން ހުރި ސެޝަންތަކުގައި ކޯޗުގެ އެހީތެރިކަމާއެކީގައި ކުރިއަށް މި ދަނީ. އެހެންވީމަ، މި މަސައްކަތް ކުރާ ގޮތުން، ގަބޫލުކުރެވޭ (ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ފުޓްސަލް ޓީމުގެ ފަރާތުން) ރަނގަޅު މެޗުތަކެއް ފެނިގެންދާނެ ކަމަށް،" ރާއްޖޭގެ ފުޓްސަލްގައި އެންމެ ތަޖުރިބާކާރު އެއް ކޯޗު އާތީ ބުންޏެވެ.
ސާފްގެ ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި، ރާއްޖޭން ފުރަތަމަ މެޗުގައި، މި މަހު 13 ވަނަ ދުވަހު އިންޑިއާއާ ކުޅޭނެ އެވެ. ދެ ވަނަ މެޗުގައި، މި މަހު 15 ވަނަ ދުވަހު ނޭޕާލާ ކުޅުމަށް ފަހު، ތިން ވަނަ މެޗުގައި، މި މަހު 17 ވަނަ ދުވަހު ޕާކިސްތާނާ ކުޅުމަށް ފަހު، ހަތަރު ވަނަ މެޗުގައި މި މަހު 21 ވަނަ ދުވަހު ބޫޓާނާ ބައްދަލުކުރާނެ އެވެ. ފަސް ވަނަ މެޗުގައި، މި މަހު 23 ވަނަ ދުވަހު ބޫޓާނާ ކުޅުމަށް ފަހު، ފަހު މެޗުގައި މި މަހު 25 ވަަނަ ދުވަހު ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ