ރަޖިނީކާންތު އާއި ކަމަލް ހަސަން 47 އަހަރު ފަހުން އެއްކޮށް ފިލްމެއްގައި މަސައްކަތް ކުރަނީ

ދެކުނު އިންޑިއާގެ އެންމެ މަޝްހޫރު ދެ ސުޕަސްޓާރުން ކަމަށްވާ ރަޖިނީކާންތުއާއި ކަމަލް ހަސަން 47 އަހަރު ފަހުން އެކީގައި މަސައްކަތްކުރާ ފިލްމުގެ ޕޯސްޓަރު ދައްކާލައިފިއެވެ. ރަސްމީކޮށް ނަން އިއުލާނު ނުކުރާ މި ފިލްމަށް ވަގުތީގޮތުން ދީފައިވާ ނަމަކީ "KHXRX"އެވެ. ފިލްމުގެ ކުޑަ ޕްރޮމޯއެއް ވެސް ބެލުންތެރިންނަށް ދައްކާލާފައިވާއިރު މިއީ ސައުތު ސިނަމާގެ ކުޅަދާނަ ޑައިރެކްޓަރު ނެލްސަން ދިލިޕްކުމާރު ގެނެސްދޭ ފިލްމެކެވެ. ނެލްސަން އަކީ 2023 ވަނަ އަހަރު ގެނެސްދިން ރަޖިނީގެ "ޖެއިލާ" އަދި އޭގެ ދެވަނަ ބައި ވެސް އުފައްދާ ޑައިރެކްޓަރެވެ. މި ފިލްމުގެ ޕޯސްޓަރު އަދި ޕްރޮމޯ ދައްކާލުމާއެކު ދެ ތަރިންގެ ސަޕޯޓަރުން ވަނީ އެކަމާ އުފާފާޅުކޮށް ފިލްމަށް އިންތިޒާރުކުރަމުން އަންނަ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައެވެ. ހަމައެއާއެކު މިއީ ވަރަށް ފޯރިގަދަ ކަމާ އެކު ސިނަމާގައި ބަލާލެވޭނެ ފިލްމެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ. ރަޖިނީ އާއި ކަމަލް އެކީގައި ކުޅޭ އާ ފިލްމުގެ ޕްރޮމޯގެ މަންޒަރެއް -- ފޮޓޯ/ އެންޑީޓީވީ ރަޖިނީއާއި ކަމަލްއަކީ އެކީގައި ވަރަށް ގިނަ ތަމަޅަ ފިލްމުތައް ކުޅެފައިވާ ދެކުނު އިންޑިއާގެ އެންމެ ނުފޫޒުގަދަ ތަރިންގެތެރޭ ހިމެނޭ ދެ އެކްޓަރުންނެވެ. އެގޮތުން އިންޑިއާގައި ވާހަކަދައްކާ އުޅޭ ފަސް ބަހުރުވައަކުން 21 ފިލްމެއްގައި ދެ ތަރިން މަސައްކަތްކޮށްފައިވާއިރު އޭގެތެރޭގައި ތަމަޅަ، ތެލުގޫ، ކަންނާޑާ މަޅަޔާލަމް އަދި ހިންދީ ބަހުން އުފައްދާފައިވާ ފިލްމުތައް ހިމެނެއެވެ. ކަމަލް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކޮށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމު "ތަގް ލައިފް"އިންނެވެ. އަދި ރަޖިނީކާންތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ސިނަމާތަކަށް ގެނެސް ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ކޫލީ"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ