އިސްރާއީލްގެ ވަރުގަދަ ހަމަލާތަކެއް ޣައްޒާއަށް؛ ކުޑަކުދިން ހިމެނޭހެން 31 މީހުން ޝަހީދުކޮށްލައިފި

ޤަތުލްޢާއްމު ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ގައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތަކުގައި، ވޭތުވެދިޔަ ސައުވީސް ގަޑިއިރު ތެރޭގައި 31 ފަލަސްތީީނު ރައްޔިތުން ޝަހީދުކޮށްލައިފިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ހަ ކުޑަކުދިންނާއި ފަލަސްތީނުގެ ފުލުހުންގެ ބަޔަކުވެސް ހިމެނެއެވެ.
މި ހަމަލާތައް ދީފައިވަނީ ރަފަހް ބޯޑަރު ހުޅުވުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިންނެވެ. ޚާން ޔޫނިސްގެ ހުޅަނގު އުތުރުގައި އޮންނަ އަލް-މަވާސީ ސަރަހައްދުގައި ރެފިއުޖީން ދިރިއުޅޭ ފޭލިގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ހަތް މީހުން ޝަހީދުވިއިރު، އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނެއެވެ.
މީގެ އިތުރުން ގައްޒާ ސިޓީގެ ރިމާލް އަވަށުގެ އިމާރާތަކަށް ދިން ހަމަލާއެއްގައިވެސް ފަސް މީހުން ޝަހީދުވެފައިވެއެވެ. މި ހަމަލާގެ ސަބަބުން މުޅި ސަރަހައްދުގައި ދުމާއި ހިރަފުސް ފެތުރިގެން ދިޔައިރު، ޝަހީދުވި މީހުންގެ ތެރޭގައި މަންމައަކާއި އޭނާގެ ކުދިން ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ގައްޒާ ސިޓީގެ ދަރަޖް އަވަށަށް ދިން ހަމަލާއެއްގައި އަށް މީހަކު ވަނީ ޒަޚަމްވެފައެވެ.
އދ. ގެ ފަލަސްތީނު ރެފިއުޖީންނާ ބެހޭ އެޖެންސީ (UNRWA) ގެ އިސްވެރިޔާ ފިލިޕް މި ހަމަލާތައް ކުށްވެރިކުރައްވަމުން ވިދާޅުވީ، މިއީ ހަމައެކަނި ނަމެއްގައި އޮތް ޤަތުލްއާއްމު ހުއްޓާލުމެއް ކަމަށެވެ. އަދި ގައްޒާގެ ރައްޔިތުންނަށް ހަގީގީ ސުލްހައެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. މި ހަމަލާތަކާ ގުޅިގެން މިސްރާއި ގަތަރުންވެސް ވަނީ އިސްރާއީލްގެ އަމަލުތައް ކުށްވެރިކޮށް، ސަރަހައްދީ ހަމަޖެހުން ގެއްލިދާނެ ކަމުގެ އިންޒާރު ދީފައެވެ.
އިސްރާއީލް އަސްކަރިއްޔާއިން ބުނާ ގޮތުގައި މި ހަމަލާތަކަކީ ހަމާސްއިން އެއްބަސްވުމާ ޚިލާފުވުމުން ދިން ރައްދު ހަމަލާތަކެކެވެ. ނަމަވެސް ހަމާސްގެ ސިޔާސީ ގޯފީގެ މެންބަރު ސުހައިލް އަލް-ހިންދީ އެކަން ދޮގުކުރައްވައި ވިދާޅުވީ، މިއީ އެއްބަސްވުންތަކަށް އިހުތިރާމް ނުކުރާ ދުޝްމަނަކު ހިންގާ ޖަރީމާތަކެއް ކަމަށެވެ.
ގައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާ މެދުވެރިވެގެން އެކުލަވާލި ގަތުލްއާއްމު ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުންވެސް އިސްރާއީލުން ވަނީ 524 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައެވެ.
މިއަދު ރަފަހް ބޯޑަރު ހުޅުވުމަށް ހަމަޖެހިފައިވީ ނަމަވެސް، އިސްރާއީލުން ބުނެފައިވަނީ ހުއްދަ ދީފައިވާ މަދު ބަޔަކަށް ނޫނީ އެތަން ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި އެއްވެސް ކަހަލަ އިންސާނީ އެހީއެއް އެތަނުން އެތެރެވުމުގެ ހުއްދަ ނުދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. ގައްޒާގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުނީރު އަލް-ބުރުޝް ވިދާޅުވީ، ގައްޒާގެ ސިއްހީ ހާލަތު އިންތިހާއަށް ގޯސްވެ، ބޭހާއި ސިއްހީ ސާމާނު ހުސްވަމުންދާ ކަމަށެވެ.
2023 އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުން ގައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި މިހާތަނަށް 71,600 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ