ސެކިއުރިޓީ ވަރުުގަދަކޮށް، ބަންގްލަދޭޝްގެ 13 ވަނަ އާންމު އިންތިޚާބުގެ ވޯޓުލުން ފަށައިފި

ބަންގްލަދޭޝްގެ 13 ވަނަ އާންމު އިންތިޚާބަށް އެ ގައުމުގެ ހުރިހާ ހިސާބެއްގައި ވޯޓުލާން ފަށައިިފިއެވެ. މިއީ މުޅި ގައުމު ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ވެއްޓި 2024 ވަނަ އަހަރު ކުރި މުޒާހަރާތަކާ ގުޅިގެން ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އިސްތިއުފާ ދެއްވިފަހުން އެ ގައުމުގައި ބާއްވާ ފުރަތަމަ އާންމު އިންތިޚާބެވެ. ބަންގްލަދޭޝް ގަޑިން މިއަދު ހެނދުނު 7:30 ގައި ވޯޓުލުން ފަށާފައިވާއިރު ވޯޓުލުން ބަންދުކުރާނީ ހަވީރު 4:30 ގައެވެ. އެ ގައުމުގެ އެކި ހިސާބުތަކުގައި 42،000 އަށް ގިނަ ވޯޓުލާ މަރުކަޒުތައް ގާއިމުކޮށްފައިވެއެވެ. ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ 127 މިލިއަން މީހުން ވަނީ ވޯޓުލާން ރަޖިސްޓްރީކޮށްފައެވެ. މިއަދު ވޯޓްލުން ފެށުމުގެ ކުރިން ރެއިން ފެށިގެން ބައެއް ހިސާބުތަކުގައި ވޯޓުލާ މަރުކަޒުތަކުގެ ބޭރުގައި ވޯޓުލާ މީހުންގެ ދިގު ކިޔޫތައް ވަނީ ހަދާފައެވެ. އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސީދާ އިންތިޚާބު ކުރާ މަޖިލިސް ދާއިރާގެ ތެރެއިން 299 ދާއިރާއަށް ޖުމްލަ 2،028 ކެންޑިޑޭޓުން ވާދަކުރެއެވެ. އިންތިޚާބުގައި ވާދަކުރާ ޕާޓީއަކަށް ސަރުކާރު އެކުލަވާލެވޭނީ ޖުމްލަ 151 ގޮނޑި ކާމިޔާބުކޮށްގެންނެވެ. ބަންގްލަދޭޝްގެ ވޯޓުލާ މީހުން ކިޔޫގައި ޖެހިގެން. ފޮޓޯ/ބީބީސީ ވޯޓުލާން ފަށާފައި ވަނީ ސެކިއުރިޓީ ވަރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ވޯޓުލާ މަރުކަޒުތަކުގައި 100،000 ސިފައިންނާއި 157،000 ފުލުހުން ހަރަކާތްތެރިވާނެ ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނަރު އަބުލް ފަޒަލް މުހައްމަދު ސަނައުﷲ ވިދާޅުވީ 299 ދާއިރާގެ ތެރެއިން 90 ޕަސެންޓަށް ވުރެ ގިނަ ސަރަހައްދުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށްފައިވާ ކަމަށެވެ. https://sun.mv/world_news މި އިންތިޚާބަކީ، ހަސީނާ ނިސްބަތްވެވަޑައިގަންނަވާ އަވާމީ ލީގުގެ ދަށުން އަހަރުތަކެއް ވަންދެން އޮޅުވާލުމާއި ފިއްތުންތައް ކުރިމަތިވެފައިވާ ބަންގްލަދޭޝްގެ ޑިމޮކްރެޓިކް ނިޒާމު އަލުން ގާއިމު ކުރަން ލިބުނު ފުރުސަތެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ