އެޕަލް އެޕް ސްޓޯރުގެ ސާޗްގައި އިތުރު އިޝްތިހާރުތައް ދައްކަން ނިންމައިފި
އަންނަ މާރިޗު މަހުން ފެށިގެން އެޕަލް އެޕް ސްޓޯރުގެ ސާޗް ނަތީޖާތަކުގައި އިތުރު އިޝްތިހާރުތައް ދައްކަން އެޕަލްއިން ނިންމައިފިއެވެ. އެޕަލްގެ އެޕް ސްޓޯރުން އެޕްލިކޭޝަނެއް ހޯދުމަށް ސާޗް ކުރުމުން ފެންނަ ނަތީޖާތަކުގެ ތެރޭގައި، މިހާރަށްވުރެ ގިނަ އިޝްތިހާރުތައް ދައްކަން އެ ކުންފުނިން ނިންމައިފައިވާއިރު، މީގެ ކުރިން އެޕް ސްޓޯރުގެ ސާޗް ނަތީޖާގައި އިޝްތިހާރު ފެންނަނީ ހަމައެކަނި ލިސްޓުގެ އެންމެ މަތީގައެވެ. ނަމަވެސް، އައު ބަދަލާއެކު ސާޗް ނަތީޖާގެ އެކި ހިސާބުތަކުގައި، އޯގަނިކް ނަތީޖާތަކާ އެކުވެގެން އިޝްތިހާރުތައް ފެންނާނެއެވެ. އެޕަލްއިން ހާމަކޮށްފައިވާ ގޮތުގައި މި ބަދަލު އަންނަ މާރިޗު މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އަމަލީގޮތުން ފެންނަން ފަށާނެއެވެ. އެންމެ ފުރަތަމަ މި ބަދަލު ގެންނަން ނިންމާފައިވަނީ އިނގިރޭސިވިލާތާއި ޖަޕާނަށެވެ. އަދި މާރިޗު މަސް ނިމުމުގެ ކުރިން އެޕަލްގެ އިޝްތިހާރުގެ ޚިދުމަތްދޭ ހުރިހާ ގައުމުތަކަށް މި ބަދަލު އަންނާނެއެވެ. https://sun.mv/198091 މި އައު ބަދަލު ފެންނާނީ އައިފޯން ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން އައިއޯއެސް 16.2 ނުވަތަ އެއަށްވުރެ ފަހުގެ ވާޝަންތައް ބޭނުންކުރާ ފަރާތްތަކަށެވެ. އަދި އައިޕެޑް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން އައިޕެޑްއޯއެސް 16.2 ނުވަތަ އެއަށްވުރެ ފަހުގެ ވާޝަންތައް ބޭނުންކުރާ ފަރާތްތަކަށެވެ. އިޝްތިހާރު ކުރާ ފަރާތްތަކަށް މިކަމުގައި ވަކި ޚާއްސަ އިތުރު ކަމެއް ކުރާކަށް ނުޖެހޭނެއެވެ. އެޕަލްގެ އެލްގޮރިދަމުން އަމިއްލައަށް އިޝްތިހާރުތައް ބަހާލާނެއެވެ. އަދި އިޝްތިހާރު ބަހައްޓާނެ ވަކި މަގާމެއް (ސްޕޮޓް) ބިޑްކޮށްގެން ހޯދުމުގެ ފުރުސަތެއް އިޝްތިހާރު ކުރާ ފަރާތްތަކަކަށް ނޯންނާނެއެވެ. ސާޗް ނަތީޖާގެ އިތުރުން، އެޕް ސްޓޯރުގެ 'ޓުޑޭ' ޓެބާއި، އެޕްތަކުގެ ޕްރޮޑަކްޓް ޕޭޖްތަކުގެ ތިރީގައާއި، ސާޗް ކުރަން ފެށުމުގެ ކުރިން ފެންނަ ސަޖެސްޓެޑް ލިސްޓުގައި ވެސް އިޝްތިހާރުތައް ކުރިއެކޭ އެއްގޮތަށް ފެންނަމުންދާނެއެވެ. އެޕް ސްޓޯރުގެ އިޝްތިހާރުތަކަކީ އެޕަލްގެ 'ސާވިސަސް' ޔުނިޓަށް ބޮޑު އާމްދަނީއެއް ހޯދައިދޭ ވަސީލަތެކެވެ. މާހިރުން ލަފާކުރާ ގޮތުގައި މީގެން އަހަރަކު އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީއެއް އެޕަލްއަށް ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ