އުނގޫފާރު ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތްދޭން ފަށައިފި
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި, ކެންސަރު ބައްޔަށް ދޭ ފަރުވާއެއް ކަމަށްވާ ކީމޯތެރަޕީގެ ޚިދުމަތް ދޭން ފަށައިފިއެވެ. އުނގޫފާރު ހޮސްޕިޓަލުގެ މެނޭޖަރު ޙުސައިން ޢާސިފް 'ސަން'އަށް ވިދާޅުވީ، އެ ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ފަރުވާ ދޭން ފެށިތާ ހަފުތާއެއް ވެއްޖެ ކަމަށެވެ. އެގޮތުން ކީމޯތެރަޕީގެ ޚިދުމަތް ދޭން ފެށީ އެއްފަހަރާ ބަލި ދެ މީހުންނަށް ޚިދުމަތް ދެވޭ ގޮތަށް ކަމަށް، ޢާސިފް ވިދާޅުވިއެވެ. އުނގޫފާރު ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށާއި، މިދިޔަ އަހަރު އެކަނިވެސް ލައްކައަކާ ގާތްކުރާ އަދަދަކަށް މީހުންނަށް އެ ހޮސްޕިޓަލުން ޚިދުމަތްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. https://x.com/urh_mv/status/2015073238158823612 ޢާސިފް ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރު ގިނަ ޚިދުމަތްތަކެއް އުނގޫފާރު ހޮސްޕިޓަލަށް ތައާރަފްކޮށްފައިވާ ކަމަށެވެ. "އެމްއާރުއައިގެ ޚިދުމަތް މިހާރު މިހިރީ މިކޮޅުގަ ފެށިފަ، އަދި އާ ސަބް-ސްޕެޝަލިޓީ ޚިދުމަތްތަކުގެ ގޮތުގަ ނާރުގެ ޑޮކްޓަރެއްގެ ޚިދުމަތާއި، ކާޑިއޮލޮޖިސްޓް، ޕަލްމޮނޮލޮޖިސްޓްގެ ޚިދުމަތް ފެށިފަ ވަނީ، އޭގެ އިތުރަށް ސްޕީޗް ތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީ، އަދި މި މަހު ކީމޯތެރަޕީގެ ޚިދުމަތް މި ފެށުނީ،" ޢާސިފް ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި އާރުޓީއެލް ފެރީ ޚިދުމަތުގެ ސަބަބުން އުނގޫފާރު ހޮސްޕިޓަލުން ޚިދުމަތް ހޯދާ މީހުން ވަނީ އިތުރުވެފައެވެ. އެއާއެކު އެ ހޮސްޕިޓަލުން ޚިދުމަތް ހޯދަން އަންނަ އެހެން ރަށްރަށުގެ މީހުންނަށް ފަސޭހަކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. ހެލްތު މިނިސްޓަރު ޢަބްދުالله ނާޒިމް އިބްރާހީމް މިދިޔަ މަހުގެ ފަހުކޮޅު އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ކެންސަރު ބަލި ދެނެގަނެވޭނެ ގޮތްތައް ގާއިމުކުރުމާއި އިތުރު ފަރުވާތައް މާލެ އާއި ރަށްރަށުގައި ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި، އެގޮތުން ކެންސަރަށް ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ކުރިން ނެތް އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގައި މިހާރު ގާއިމްކޮށްފައިވާނެ ކަމަށެވެ. މާލޭން ބޭރުން ކީމޯތެރަޕީގެ ޚިދުމަތް ދޭން ފުރަތަމަ ފެށީ ޅ. އަތޮޅު ހޮސްޕިޓަލުގައި މީގެ ފަސް އަހަރުކުރިން ޑިސެންބަރު 16، 2020ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ