މާޗު މަހުގެ ކަރަންޓު ބިލު ބޮޑުވުން: މައްސަލައެއް އުޅޭ ކަމަށް ޝައްކު ކުރެވޭ ބިލުތައް ފެނަކައިން ޗެކްކޮށްދެނީ
މިދިޔަ މާޗް މަހުގެ ކަރަންޓު ބިލުތައް ފެނަކައިން އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވިއިރު، އާދަޔާ ޚިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުން ދަނިކޮށް، މައްސަލައެއް އުޅޭ ކަމަށް ޝައްކުކުރެވޭ ބިލުތައް އަލުން ބަލައިދޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ. ނިމިދިޔަ ރަމަޟާން މަހު ކަރަންޓު ބިލުން ޑިސްކައުންޓް ދީ، ކޮންމެ ގޭބިސީއަކަށް ވެސް ފޮނުވައިފައިވަނީ 400 ރުފިޔާގެ ބިލެކެވެ. ނަމަވެސް އޭގެ ފަހުން ލިބުނު ކަރަންޓު ބިލުތައް އެހެން މަސްތަކާ އަޅައިބަލާއިރު މާ ބޮޑު ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ބައެއް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. https://sun.mv/220976 އެ މައްސަލައާ ގުޅޭ ގޮތުން ފެނަކައިން ނެރުނު ބަޔާނެއްގައި ވަނީ، މިދިޔަ މަހު ރީޑިން ނެގުމުގައިއާއި ކަރަންޓު ބިލު ތައްޔާރުކުރުމުގައި އެ ކުންފުނިން އަމަލުކޮށްފައިވާނީ އެހެން މަސްތަކުގައި ވެސް އަމަލުކުރަމުންދާ އުސޫލަށް ކަަމަށެވެ. އަދި ގާނޫނާއި ގަވާއިދުތަކުގައި ކަނޑައެޅިފައިވާ އުސޫލާ ޚިލާފަށް، އެ ކުންފުނިން ޚިދުމަތްދޭ އެއްވެސް ކަސްޓަމަރެއްގެ ބިލު ތައްޔާރުކޮށްފައި ނުވާނެ ކަމުގެ ބަޔާނުގައިވެއެވެ. https://x.com/TeamFenaka/status/2048369011080262071 ފެނަކައިން ވަނީ އެ ކުންފުނިން ތައްޔާރުކޮށްފައިވާ އެއްވެސް ކަރަންޓު ބިލެއްގައި މައްސަލައެއްް އުޅޭކަމަށް ޝައްކުކުރެވޭނަމަ، އަދި ރީޑިން އިތުރަށް ޗެކްކުރަން ބޭނުންވާނަމަ، އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ. މީގެ އިތުރުން އެ ކުންފުނިން ވަނީ، ކޮންމެ އަހަރެއްގެ ވެސް މާޗް މަހާއި އޭޕްރިލް މަހުގެ އިތުރުން މެއި މަހަކީ އެންމެ ގިނަ އަދަދަކަށް ކަރަންޓު ބޭނުންކުރެވޭ ދުވަސްވަރަށް ވުމުން، ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވުމަށް ހަނދާންކޮށްދީފައެވެ. https://sun.mv/221129 މޫސުމާ ބެހޭ ގައުމީ އިދާރާއިން ވެސް މީގެ ކުރިން ވަނީ މާޗު މަހާއި އޭޕްރިލް މަހަކީ ރެކޯޑްތަކުން ދައްކާގޮތުން އެންމެ ހޫނުގަދަ ދެ މަސް ކަމަށް ބުނެފައެވެ. އެގޮތުން މި އަހަރު ވެސް މި ދެ މަހު ވަރަށް ހޫނުގަދަ ވާނެ ކަމަށާއި، އެންމެ ހޫނުގަދަ ވާނީ މި ހިނގާ އޭޕްރިލް މަހު ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. މާލެ ސަރަހައްދުގައި ކަރަންޓު ޚިދުމަތް ފޯރުކޮށްދެނީ ސްޓެލްކޯއިން ކަމަށްވާއިރު، އެ ކުންފުންޏާއި ފެނަކައިން ވެސް، ހޫނުގަދަ ދުވަސްތަކުގައި ކަރަންޓު ބޭނުންކުރެވޭ މިންވަރު އިތުރުވާކަން ފާހަގަކުރެއެވެ. އެގޮތުން އޭސީއާއި ފަންކާ ފަދަ ވަސީލަތްތައް ބޭނުންކުރާ މިންވަރު އިތުރުވުމުން، ބިލު ބޮޑުވާކަން ދެ ކުންފުނިން ވެސް ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ