އީރާނުން ޗާގޯސްގެ ބޭހަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް

އީރާނުން ރާއްޖެއާ ވަރަށް ކައިރީގައި އޮންނަ ޗާގޯސްގެ ޑިއޭގޯ ގާސިއާގައި ހުންނަ އެމެރިކާ އަދި އިނގިރޭސިވިލާތުގެ އަސްކަރީ ބޭހަށް ބެލިސްޓިކް މިސައިލް ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށާއި ނަމަވެސް އެއްވެސް މިސައިލެއް އެ ބޭހަށް އަރާފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ވޯލް ސްޓްރީޓް ޖާނަލްގައި މިއަދު ޝާއިއުކުރި ރިޕޯޓެއްގައިވާ ގޮތުން، އިންޑިއާ ކަނޑުގައި އޮންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ ބޭސް ކަމަށްވާ ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް އީރާނުން މިސައިލްތަކެއް ފޮނުވާލި ނަމަވެސް، އެއްވެސް ހަމަލާއެއް އެ ބޭހަށް އަމާޒުވެފައެއް ނުވެ އެވެ.
އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއް މިސައިލް ދަތުރުމަތީގައި ފެއިލްވިއިރު، ދެވަނަ މިސައިލް އެމެރިކާގެ އަސްކަރީ މަނަވަރަކުން ބޭނުންކުރި އެސްއެމް-3 ސިސްޓަމެއްގެ އެހީގައި ވަނީ ހުއްޓުވާފަ އެވެ.
ޑިއޭގޯ ގާސިއާ އާއި އީރާނާ ދެމެދު ގާތްގަނޑަކަށް 3,800 އާއި 4,100 ކިލޯމީޓަރުގެ ރާސްތާއެއް ހުރެ އެވެ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މި ހަމަލާއިން ދޭހަވަނީ ކުރިން އެނގިފައިވާ މިންވަރަށް ވުރެ ދުރު ރާސްތާއަށް ހަމަލާދިނުމުގެ ގާބިލުކަން އީރާނަށް ލިބިފައިވާ ކަމެވެ. އެއް ތަޖުރިބާކާރަކު ފާހަގަކުރި ގޮތުގައި، މި ރާސްތާއަކީ އީރާނުގެ ބެލިސްޓިކް މިސައިލްތަކުން މީގެ ކުރިން ހަމަލާދެވޭނެ ކަމަށް ބެލެވުނު ދުރުމިނަށް ވުރެ މާ ބޮޑު ތަނެއް ދުރު ރާސްތާއެކެވެ.
ޑިއޭގޯ ގާސިއާއަކީ މެދުއިރުމަތީގެ އަސްކަރީ ހަރަކާތްތަކަށް އެމެރިކާއިން ބޭނުންކުރާ އެމެރިކާ އަދި އިނގިރޭސިވިލާތުގެ މުހިންމު މަރުކަޒެކެވެ. މީގެ ކުރިން ބެލެވިފައި އޮތީ އެ މަރުކަޒަކީ އީރާނުގެ މިސައިލް ހަމަލާތައް ފޯރާނެ ދުރުމިނެއްގައި އޮތް ތަނެއް ނޫން ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުން މި ހަމަލާ ދީފައިވަނީ، ތެހެރާނަށް އަމާޒުކޮށް އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން، އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ޑިއޭގޯ ގާސިއާ ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން އެމެރިކާއަށް ދިންތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.
އީރާނުގެ ހަތިޔާރުގެ ގުދަންތަކުގައި އެތައް ހާސް ބެލިސްޓިކް މިސައިލް ހުރި ކަމަށް ލަފާކުރެވޭއިރު، އޭގެ ތެރެއިން ގިނަ މިސައިލްތަކުގެ ރާސްތާއަކީ 3,000 ކިލޯމީޓަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ