އާރަށު މައްސަލައިގައި ސުޕްރީމް ކޯޓަށް ހުށަހެޅި ހެކިތަކާ ގުޅޭ އަޑުއެހުމެއް 20 ޖެނުއަރީގައި!

ވ އާރަށު މައްސަލައިގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ހެކީގެ ބައި ގެ އަޑުއެހުމެއް އެ ކޯޓުގައި ތާވަލުކޮށްފިިއެވެ.
މި އަޑުއެހުން ތާވަލުކޮށްފައިވަނީ 20 ޖެނުއަރީ ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 އަށެވެ.
ސުޕްރީމް ކޯޓުގައި މައްސަލައިގެ ގޮތެއް ކަނޑައެޅެންދެން ކްރިމިނަލް ކޯޓުގައިި ކުރިއަށްދާ މައްސަލަވެސް އޮތީ މަޑުޖައްސާލާފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި މި މައްސަލަ ބަލަމުންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް 2022 ވަނަ އަހަރު އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް މައްސަލަ އަލުން ބަލަން ހައިކޯޓުން އެންގުމުންނެވެ.
އާރަށު ހިޔާނާތުގެ މައްސަލައިގައި ހައިކޯޓުގެ ނިންމުމުގައި މައިގަނޑު 3 ކަމެއް އަންގާފައިވެއެވެ. އެއީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް އަލުން ފުރުސަތުދީ އެކަމަށް ގޮތް ނިންމުމާއި، ދައުލަތުގެ އައު ހެކިތައް އެއްފަރާތް ކުރުމާއި، ދަށު ކޯޓުގެ ރިޕޯޓުގެ 68 ވަނަ ނުކުތާގައި ނެރެފައިވާ ދޭހަ އެއްފަރާތްކޮށް، އަލުން ކްރިމިނަލް ކޯޓުން މައްސަލައިގެ ގޮތެއް ކަނޑައެޅުމަށެވެ.
އޭގެ ތެރެއިން ދައުލަތުން ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ދައުލަތުގެ އައު ހެކިތައް އެއް ފަރާތް ކުރުމަށް އެންގި އެންގުމެވެ. އެގޮތުން ދައުލަތުން ވަނީ ޝަރީއަތް ފަށާ ފަހުންވެސް އައު ހެކިތަކެއް ހުށައެޅޭނެކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުން އެނގޭކަމަށް ބަޔާންކޮށްފައެވެ.
އެ ހެކިތަކަކީ ދިފާއީ ހެކިންގެ މައުލޫމާތުތައް ތަހުގީގު މަރުޙަލާގައި ހުށައަޅާފައިނުވާތީ ދައުލަތުން ހުށައެޅި އައު ހެކިތަކެއްކަމަށް ދައުލަތުގެ ވަކީލު ދަށު ކޯޓުގެ އަޑުއެހުމުގައިވެސް ވިދާޅުވިއެވެ. އަދި އެއީ ދިފާއީ ހެކިންގެ ”ކްރެޑިބިލިޓީ“ އާ ގުޅޭ ހެކިތަކެއްކަން ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.
ދައުލަތުން ބުނާ ގޮތުގައި އެއީ ދިފާއީ ހެކިންގެ ތެދު ދޮގު ސާބިތު ކުރުމާއި، ބައެއް ދިފާއީ ހެކިންގެ ހެކިބަސް ނަފީވެސް ކުރެވޭނެ ހެކިތަކެއް ހިމެނޭގޮތުން ދައުލަތުން ހުށައަޅާފައިވާ ލިއުންތަކެކެވެ. މިސާލެއްގެ ގޮތުން އީވައިސީގެ އެއްވެސް ޔައުމިއްޔާއެއްގައި ސޮއިނުކޮށް ނޯންނާކެމަަށް ދިފާއީ ހެކިން ބުނެފައިވާތީ އެކަން ނަފީ ކުރުމަށް ދައުލަތުން ވަނީ ޔައުމިއްޔާތަކެއް ހުށައަޅާފައެވެ.
ދައުލަތުގެ ހެކިތަކުގެ ތެރޭގައި އަހުމަދު ނަރީޝްގެ ހާޒިރީ ރިޕޯޓެއްވެސް ހިމެނެއެވެ.
ދައުލަތުން ސުޕްރީމް ކޯޓުގައި މި އިސްތިިއުނާފު ހުށަހެޅުމުން ރައީސް ޔާމީނާއި ޔޫޫސުފް ނައީމްގެ ފަރާތުން ވަނީ އިސްތިިއުނާފަށް ރައްދު ދީފައެވެ. އެއަށްފަހު ފަނޑިޔާރުން ވިދާޅުވީ، މި މައްސަލައިގައި ދެން އޮންނަ އަޑުއެހުން އޮންނާނީ ރިސެސަށް ފަހު ކަމަށާއި، ދެން އޮންނަ އަޑުއެހުމުގައި މި މައްސަލައިގައި ދައުލަތާއި ރައީސް ޔާމީނު އަދި ޔޫސުފް ނައީމްގެ ފަރާތުން ފާހަގަކުރަން ހުރި ކަންކަމަށް ފުރުސަތެއް ދެއްވައި، މައްސަލައިގައި ގޮތެއް ނިންމަވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވަނީ އެ ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމްއެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ވަނީ މަނީ ލޯންޑަރިންގގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ އިތުރު ދައުވާއެއް، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ