ޕީޖީއިން އެދިގެން ގާޒީ ނިހާންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި

ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރުމަށް ފޭކް ކޯޓު އަމުރެއް ނެރުނު މައްސަލާގައި ހައްޔަރުކުރި މާމިގިލީ ކޯޓުގެ އިސް ގާޒީ ގއ. މާމެންދޫ، ވީނަސް، އަހުމަދު ނިހާންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. މި އަޑުއެހުން ތާވަލުކޮށްފައި އޮތީ މެންދުރުފަހު ދެއެއް ޖަހާއިރަށެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ، ގާޒީ ނިހާންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފައިވަނީ ޕީޖީއިން އެގޮތަށް އެދިގެން ކަމަށެވެ.
ގާޒީ ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހަތަރު ދައުވާއެކެވެ. ގާޒީ ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތަރު ދައުވާއަކީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފަހައްޓަން އުޅުނު ކަމުގެ ދައުވާ އާއި ވަކި އަސްލެއް އޮތް އެއްޗެއް ކަމުގައި ސައްހަ ނޫން ގޮތެއްގައި ދެއްކުމައްޓަކައި ލިއުމެއް އުފެއްދި ކަމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާ ކުރުމުގައި އެކަށިގެން ނުވާ އަމަލެއް ހިންގި ކަމުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ދައުވާ އެވެ.
އެ ހަތަރު ދައުވާއަށް ވެސް އިންކާރު ކުރައްވާ ކަމަށް ނިހާން ވަނީ މި މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ވިދާޅުވެފަ އެވެ.
ގާޒީ ނިހާންއާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާޒީ ނިހާން ސަސްޕެންޑް ކުރުމުގެ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކާއި، ވާޖިބުތަކުން އެކަހެރިކުރުމަށާއި އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށެވެ. ޝަރީއަތް ނިމެންދެން އޭނާ މިހާރު ހުރީ ފުލުހުންގެ ބަންދުގަ އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން، ގާޒީ ނިހާން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް އެ ކޯޓުން ވަނީ އެއީ ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށް ބުނެ ބޭރުކޮށްލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ