(އާދިއްތަ ދުވަހާ ގުޅޭ)
ކަމަކުދާކަށް ނެތެވެ. ހަމީދު ހުންނެވީ ކުރު ސޯޓަކާއި ގަންޖުފަރާހެއް ތުރުކުރައްވައިގެންނެވެ. ގައުމުގެ ވެރިމީހާ، އަންހެން ދަރިވަރުންގެ ތެރޭގައި އެ ފަދަ ހެދުމެއް ތުރުކުރައްވައިގެން އުޅުއްވުން ހެޔޮވާނީ ކޮން ގޮތަކުންބާއޭ އާދަނު ހިތަށް އެރިއެވެ. އާދަނަށް ފެނުނު އިރު ހަމީދު ގަސްތަކު ތެރެއިން ދުވެފައި ނުކުމެވަޑައިގަންނަވަނީއެވެ. ފަހަތުން ހެމުން ދުވެފައި ނުކުތީ އަންހެން ދަރިވަރެކެވެ. އޭނަ ވެސް ހުރީ ހަމަ ހަމީދު ތުރުކުރައްވައިގެން ހުންނެވި ކަހަލަ ހެދުމެއް ލައިގެންނެވެ. ކުރު ސޯޓަކާއި ގަންޖުފަރާހެކެވެ. އެ ފަދަ ހެދުމެއްގައި އަންހެންކުއްޖަކު ތެމިފޯވެފައިވާ މަންޒަރު ބަލާކަށް އާދަނަކަށް ނުކެރުނެވެ. އަވަހަށް ގަހެއްގެ ނިވަލަށް ވަދެ އާދަނު ފިލިއެވެ. ހިތަށް އެރިއެވެ. ހަމީދަކީ އިސްލާމެކެވެ. މީހެއްގެ ފިރިއެކެވެ. ބައްޕައެކެވެ. ހިލޭ އަންހެންކުދިންތަކެއް ގޮވައިގެން އެ ފަދައިން އުޅުއްވުން ހުއްދަވާނީ ކިހިނެއް ހެއްޔެވެ؟ ހާމަ ތަނެއްގައި އެ ގޮތަށް އުޅުއްވާ ބޭފުޅަކު ސިއްރު ތަނެއްގައި ނޫޅުއްވާނީ ކޮން ގޮތަކަށް ހެއްޔެވެ؟ އެ ފަދަ ބޭފުޅަކަށް އިސްލާމުންތަކެއްގެ ވެރިޔަކަށް ނުވެސް ހުންނެވޭނެއެވެ. އެ ފަދަ ވެރިން ވެރިކަމުން ދުރުކުރުމަކީ، އިސްލާމެއްގެ ހައިސިއްޔަތުން އާދަނަށް ވާޖިބު ކަމެކެވެ.
މެހުމާންސަރާ ކައިރީގައި ހުރި ޖޯއްޔެއްގައި އިށީނދެލައިގެން އާދަނު ވިސްނަން އޮތެވެ. ޖެހިގެން ހުރި ޖޯލީގައި މީހަކު އިށީންކަން އާދަނަށް އެނގެއެވެ. އެއީ ކާކުތޯއެއް ނުބަލައެވެ.
"ކޮބާ އަލާފިލައިފި؟" އޭނަ ބުނެލި އަޑުއިވުނެވެ.
އާދަނު ބަލައިލި އިރު ދެވަން ފުރައިގެ އޮޅަލި މީހަކު ޖޯލީގައި އޮށޯވެގެން މައްޗަށް ބަލަހައްޓައިގެން އޮތެވެ. އޭނަގެ ކަނާއަތު ކަންފަތާ ދިމާގައި ދިގު ލަކުނެއް ހުއްޓެވެ. ކަނާތު ލޯ ވައަތު ލޮލަށް ވުރެ ހަންޏެވެ. ހީވަނީ އަނިޔާއެއްގެ ނަތީޖާ ހެންނެވެ.
"ތީ ކާކު؟" އާދަނު އެހިއެވެ.
"އަހަންނަށް ކިޔަނީ ނަމުރު ކާސިމު،" ވަރަށް ހަމަޖެހިލާފައި އޭނަ ބުންޏެވެ. "އާދަނު ދަންނަންތަ ނަމުރު؟"
"އަޑުއެހިތާ މީނީ!" އާދަނު ބުންޏެވެ.
"ނަމުރަކީ ބުޅަލަކާ ވައްތަރު މިނިކާ ޖަނަވާރެއް. ސިންގާއަށް ވުރެ ކުޑަވާނެ،" ކާސިމު ވަރަށް ގަޔާވެގެން ކިޔައިދިނެވެ. "ކެހެރިގަނޑުގަ ހުންނާނެ ކަޅާއި ހުދު ލައްތަކެއް. ވަރަށް ބާރަށް ދުވާނެ. އެހެންވެ އަހަންނަށް އެ ނަން ލިބުނީ. ކުޑަ އިރުއްސުރެ އަހަރެން ވަރަށް ބާރަށް ދުވާނެ. އެކަމަކު އަހަރެންގެ މޫނާ ލޮލުން ތި ފެންނަ އަނިޔާއަކީ، އަހަރެން އަމިއްލައަށް ވެއްޓިގެން ލިބިފަ ހުރި އަނިޔާއެއް ނޫން. އަހަންނަށް މި އަނިޔާ ދިނީ އާދަނަށް ވެސް އަނިޔާ ދިން މީހާ. އަހަރެންގެ ކުށަކީ އާދަނުގެ ވެސް ކުށް. އަންހެނެއް ދެކެ ލޯބިވުން. މި ދަތުރުގަ ބައިވެރިނުވާށޭ އަހަރެން ހުރީ. އާދަނު އަންނަކަން އެނގޭތީ، ކައްކާމީހާގެ އެހީތެރިޔަކަށް ވެގެން މި އައީ. ހަމީދަށް ފާރަލާން ހުރެފައެއްނު އާދަނު ތި އައީ؟"
"އަހަރެން ދިޔައީ އަތިރިޔަކަށް." އާދަނު ބުނެލިއެވެ.
"މި ތާ ތިން ގިފިލި ހުއްޓާ، ދިޔުން މަނާކޮށްފަ އޮތް ތަނަކަށް އާދަނު އަތިރިޔަށް ހިނގައިދާނެ ކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވޭ،" ކާސިމު ބުންޏެވެ. "އަހަރުމެން ދެ މީހުންނަށް މިހާރު އެއްގަލަށް އެރިއްޖެއްޔާ، ހަމީދަކަށް މާދަމާ އިރެއް ނާރާނެ. މެންދުރުފަހު އޭނަ ކޮޓަރިއަށް ވަންނާނެ އަރާމުކުރަން. އެ ކޮޓަރި އެނގޭނީ ވަރަށް މަދު މީހަކަށް. ކޮޓަރީގައި ވަލުދޮރެއް ހުންނަކަން އެނގޭނީ، އަހަރެން ފިޔަވާ އެންމެ މީހަކަށް. އެ ދޮރުން ވަދެ އަހަރުމެންނަށް މިއަދު މި ކަން ނިންމާލެވިދާނެ."
އާދަނު ހިތަށްއެރިއެވެ. ނަމުރު ކާސިމަކީ އާދަނު ދަންނަ މީހެއް ނޫނެވެ. ހަމީދުގެ ޖާސޫސަކަށް ވެސް އޭނަ ވެދާނެއެވެ. ރަނގަޅުވާނީ ވައިނޭޅުނިއްޔާއެވެ.
"ހަމީދު ކޮންމެ ގޮތަކަށް ކަންތައް ކުރެއްވިޔަސް އަހަރުމެން ހިތްބަރު ކުރާނެ ކަމެއް ނެތް. އަހަރުމެންނަށް އޮންނާނީ ވެރިންނަށް ކިޔަމަންވުން،" އާދަނު ދެއްކީ ވަރަށް ތަފާތު ފީތާއެކެވެ. "ހަމީދަކީ ވަރަށް އަބުރުވެރި، އަދަބުވެރި، އޯގާވެރި ވެރިޔެއް."
ކާސިމު ވަރަށް ކޮނުނެވެ. އެހެން ނަމަވެސް ހަމީދަށް ކުޑައިމީސް ބަހެއް ހައި ހިސާބު ވެސް އާދަނު ނުބުންޏެވެ. ހިތުގައި ހުޅުހިފާފައި ވިޔަސްވެހެވެ.
އާދަނު އެންމެ ހިތްދަތިވީ ފަރުކޮޅުފުށީގެ ސުފުރާމަތި ފެނުމުންނެވެ. މުޅި ރާއްޖެއަށް އޮތީ ތަދުމަޑުކަމެއް ކުރިމަތިވެފައެވެ. އެ ފަދަ ނާޒުކު ދަނޑިވަޅެއްގައި އާދަނު ހީކުރީ ފަރުކޮޅުފުށީގެ ދިގު މޭޒު އޮންނާނީ ފަޅަށް ކަމަށެވެ. އެކަމަކު ހެނދުނަށް އަވެއްޔާއި، ހަނާކުރި މަހާއި، ހިއްކި ބަނަހާއި، ކިރުސައި ހުއްޓެވެ. ކާނެ ވަރަކަށް ކާންވީއެވެ. އެ ތަކެއްޗަކީ، ދިވެހިންގެ އާދައިގެ މީހުންނަށް އެ ދުވަސްވަރު ތަދު އެއްޗިއްސެވެ. މެންދުރަށް ހުރީ ތެއްލިރިހާކުރާއި މަސްބަތެވެ. ކައްޓަލަ އާއި، ބަނބުކޭލާއި، އަލަ އާއި، ހުނި ވެސް ހުއްޓެވެ. ފޮނިއެއްޗަކަށް ހުރީ ބޯކުރި ފަޅޮލާއި، ހަނޑުލު ބޮނޑިބަތާއި، ސާގު ބޮނޑިބަތެވެ. ހަނޑުލާއި ހަކުރަކީ ރަނެވެ. ދިވެހިންގެ އާންމެ ކެއުމަކީ ބިންބި އާއި، ކުދިބަތާއި، ދޮނަޅަ އާއި ޒުވާރިއެވެ. ހިތިފުށާއި، ފީފުށާއި، ފަޑުއްކަ ހަނޑުލެވެ. ހިއްކި ކޭލާއި ކަނޑުލެވެ. އެ ވެސް ދިޔައީ މަދުވަމުން ހުސްވަމުންނެވެ. ފަރުކޮޅުފުށީގައި ރޭގަނޑަށް ބަތާއި، ކުކުޅުރިހަ އާއި، ބޮޑުފިޔާ ސަޓަނި ހުއްޓެވެ. ބޯން ލުނބޯހުތުފަނި ހުއްޓެވެ. އެ މަންޒަރު ފެނިފައި އާދަނުގެ ރުޅި ކޮންޓުރޯލުން ނެއްޓެން ފެށިއެވެ. އިރާކޮޅު އެންމެ ފުރަތަމަ ފުރި އުޅަނދުން ފުރައިގެން އާދަނު މާލެއައެވެ.
ގަޑިން ދަންވަރު ބާރަޖެހި އިރު ވެސް ފަތްޖެހިއެނދުގައި އޮވެގެން އާދަނު ދެކޮޅަށް ފުރޮޅެނީއެވެ. މުޅި ތަނަށް ފެތުރިފައިވަނީ ގުގުރިދަމާ އަޑެވެ. ދޭތެރެއަކުން އިވިލާ މަދިރީގެ ނާނާއަށް އަތްހޫރަހޫރާ އޮތް އާދަނުގެ ހިތަށްއެރިއެވެ. ރައްޔިތުން ބަނޑަށްޖެހި ރަށްރަށުގައި މީހުން މަގޫފަތް ކަނީއެވެ. އެއް ބަޔަކު މަރުވަނީއެވެ. ގިނަ މީހުންގެ އުނުއޮރިޔާން ނިވާކުރާނެ ވަރު ވެސް ނެތެވެ. ވީ އިރު ހަމީދަށް އެ ވަރު ބޮޑު އިސްރާފެއް ކުރައްވަން ފުރުސަތު ދެވިގެން ނުވާނެއެވެ. ހުރިހައި ދިވެހީންނަށް އެ ކަން އެނގެން ޖެހެއެވެ. ކޮންމެވެސް ބަޔަކު އެ ކަން ހުއްޓުވަން ޖެހޭނެއެވެ. ހިތާމައަކީ އެ ވަރުގެ އުރައްޕެއް ހުރި މީހަކު ނެތް ކަމެވެ. އާދަނު ފިޔަވައެވެ. ކުރީ ރޭ ފަޅުގޭގައި ދެއްކެވުނު ވާހަކަތައް އޭރު ވެސް އާދަނު ހަނދާންހުއްޓެވެ.
"ކެރޭނެތަ އަހަރުމެންނާ ބައިވެރިވާން؟" އެ ސުވާލުކުރީ ޔޫސުބެވެ.
އެއީ ވެސް އެ މީހެއްގެ ވަފާތެރިކަމާ މެދު އާދަނުގެ ހިތުގައި ޝައްކު އުފެދޭ މީހެކެވެ.
"ކީއްކުރަން؟" އާދަނު އެހިއެވެ.
"ހަމީދު މަރާލަން،" ޔޫސުބު ބުންޏެވެ. "އެހެން ގޮތެއް ނެތެއްނު."
އެ ރޭ ވެސް އާދަނު ހިތަށް އެރިއެވެ. ތެދެކެވެ. އެހެން ގޮތެއް ނެތެވެ. އާދަނަށް ދިން ހިތާމައިގެ ބަދަލެއްގެ ގޮތުން ވެސް ހަމީދަށް އަދަބެއް ދޭންޖެހެއެވެ. ބޮޑު ސުވާލު އުފެދެނީ އެ ހިސާބުންނެވެ.
"އަހަރުމެންނަށް އޭނަ މަރާލެވޭނެތަ؟" ވިސްނައިލާފައި އާދަނު ބުންޏެވެ. "އެއީ އެހާ ފަސޭހަ ކަމަކަށް ނުވާނެއްނު."
"ތީ ހަމަ ހީވާ ގޮތް،" ޗޮކެއްކަނޑާފައި ޔޫސުބު ބުންޏެވެ. "ނުލާހިކު ވަރުގަދަ މީހުން މި ތިބީ. އާދަނު ބޭނުންތަ އަހަރުމެންނާ އެއްބައިވާން؟"
"އެހެންޏާ ފަހެ!" ޔަގީންކަމާ އެކު އާދަނު ބުންޏެވެ. "އަހަންނެއްނު އެންމެ އައުލާކަން ބޮޑީ. މިހާރު ވެސް ހިތުގަ ހީވަނީ އެއްޗެއް ތާށިވެފަ ހުންނަ ހެން. އަބަދަކު މިހެނެއް ނޫޅެވޭނެ. ހަތިޔާރު ހޯދާ!"
ބޮޑުސިންގާ ކުށެއް ކުރަން އާދަނު އެއްބަސްވި އިރު، އެ ބައްދަލުވުމުގައި ބައިވެރިވި އެންމެން ކިހައި ތެދުވެރިކަމެއް އާދަނަކަށް ނޭނގެއެވެ. ބައްދަލުވުން ނިންމައިފައި ގެއަށް އައި އިރު ވެސް އާދަނު ހުރީ ދެ ފިކުރެއްގައެވެ. ހަމީދުއަށް އަދަބު ދޭންވީ ހެއްޔެވެ؟ އިހަށް މަޑުކުރަންވީ ހެއްޔެވެ؟ އެހެނަސް ފަރުކޮޅުފުށްޓަށް ދެވުމުން އާދަނުގެ ނިންމުން އެކަތަ ވެއްޖެއެވެ. ދެނެއް ފަސްއެނބުރި ބެލުމެއް ނެތެވެ.
ނިދެމުން ދަނިކޮށް ބުޅަލެއް ގޮވައިލި އަޑު އާދަނަށް އިވުނެވެ. އަޑު ކަންފަތުގައި ޖެހުމާ އެކު އާދަނު ފުންމައިގެން ތެދުވިއެވެ. ސިއްރުސިއްރުން ގެއިން ނުކުތެވެ. މަގުމައްޗަށް ނުކުމެފައި ދެކޮޅު ހޯދައިލި ވަގުތު މީހަކު ތުނބުންފުމެލި އަޑުއިވުނެވެ. އަޑުއައީ ހުކުރު މިސްކިތު ތެރެއިންނެވެ. އެ ދިމާއަށް އާދަނު ހިނގައިގަތެވެ. މިސްކިތަށް ވަން އިރު، ގަބުރުސްތާނުގެ ޒިޔާރަތެއް ކައިރީގައި މީހަކު ބޮނދައި އޮތެވެ.
"މީ މަށޭ!" ދޮންމަނިކު ބުންޏެވެ.
"މިޔޮއް ދަންވަރު ކޮން ވަޑާމެއް؟" ފާރު ކައިރިއަށް ގޮސް އާދަނު އެހިއެވެ.
"އިވުނު އަޑެއްގެ ސަބަބުން ކެތްނުވީ،" ދޮންމަނިކު ބުންޏެވެ. "އާދަނު ސޯސަންފުށްޓަށް ދިޔައިން ދޯ؟"
އާދަނު ބޯޖަހައިލިއެވެ.
"ނަމުރު ކާސިމު އެއްޗެކޭ ބުނިތަ؟" ދޮންމަނިކު ސިއްރުން އެހިއެވެ.
"އާނ! އެކަމަކު މަށަކަށް ނުކެރުނު އޭނަޔާ ބައިވެރިވާކަށް،" އާދަނު ވެސް ހަމަ އެހައި މަޑުމަޑުން ބުންޏެވެ. "މަ ހީކުރީ އޭނައަކީ ހަމީދުގެ ޖާސޫސެއް ކަމަށް."
"ޖާސޫސެކޭ އެއީ!" ދޮންމަނިކު ބުންޏެވެ. "އޭނަ އުޅުނީ އާދަނުގެ ބޮލަށް އެރެން. ނަމަނަމަ އޭނަޔަށް އިތުބާރު ނުކުރާތި!"
"ކިހިނެއް އޭނައަށް އިތުބާރު ކުރާނީ؟ ކަލެޔާ ދޭތެރޭ ވެސް ޝައްކު." އާދަނު ބުންޏެވެ.
ދޮންމަނިކު ފާޑަކަށް ބަލައިލިއެވެ.
"ހަމަ ރަނގަޅަށް. މަގޭ ހިތް ބުނަނީ ކަލޭ މަށަށް ބޮނޑިއެއް ދޭނޭ!" އެހެން ބުނާކަށް ވެސް އާދަނު ޖެހިލުމެއް ނުވިއެވެ. "ހަމީދަށް ކަލޭގެ ބައްޕަ ވިކުނީމަ ކަލެޔަށް ކިހިނެއް އިތުބާރު ކުރާނީ؟"
"ހަތިމެއްގަ އަތްލާފަ ހުވާކޮށްފިއްޔާޔޯ؟" ދޮންމަނިކު ސުވާލުކުރިއެވެ.
"ފުރަތަމަ ޖެހޭނެ ހަތިމު ހުޅުވާފަ ދައްކަން." އާދަނު ޖަވާބުދިނެވެ.
ސިއްރު ބައްދަލުވުންތައް ކުރިޔަށް ދިޔައީ އިތުބާރުގެ ތޫނު މިޔައެއް މަތީގައެވެ. އެ ދުވަސްވަރު ފަސް ކިލޯވޮޓުގެ ޖަނަރޭޓަރަކާއި ހަ ކިލޯވޮޓުގެ ޖަނަރޭޓަރެއް މާލެ ގެނައެވެ. ޖަނަރޭޓަރުތައް ބަހައްޓާފައި ހުރީ އޯކިޑުމާގޭގެ އަތިރިމައްޗަށް ފައިބާ ދިމާ މަގުމަތީ ފާރު ކައިރީގައި ހުރި ފެންޑާގައި އޮތް ލަކުޑިގަނޑެއްގެ މަތީގައެވެ. ހަތަރު ގެއަކަށް ކަރަންޓު ނަރު ގެންދިޔައެވެ. ކޮންމެ ގެއެއްގެ އެތެރޭގައި އެއް ބޮކި ދިއްލިއެވެ.
ފުރަތަމަ ބޮކި ދިއްލި ރެޔަކީ ވަރަށް ވިއްސާރަ ރެޔެކެވެ. އެހެނަސް، ބޮކި ބަލައިލާ ހިތުން މީހުން ބޮލަށް އަލަފަތް ނަގައިގެން އެ ގޭގޭ ދޮށަށް އެއްވިއެވެ. ރައްޔިތުންގެ ސަމާލުކަން އެ ދިމާއަށް އެނބުރުނަސް އާދަނު ތައްޔާރުވީ މުޅީން އެހެން ކަމަކަށެވެ. ދަންވަރު ބާރަ ޖެހުމުން ބޮކިތައް ނިއްވައިލިއެވެ. މަގުތައް ފަޅުވިއެވެ. އާދަނާއި ދޮންމަނިކު އެ މީހުންގެ މަންޒިލާ ދިމާއަށް މިސްރާބު ޖެހިއެވެ. އެ މީހުން ދިޔައީ ޗާންދަނީމަގުން އުތުރަށެވެ. ވިދާލި ވިދުވަރަކާ އެކުގައި މުޅި މަގަށް އަލިވި އިރު، ފެންހެދިފައިވާ މަގުގައި އެ ދެ މީހުން ނޫން މީހަކު ނެތެވެ.
"މިރޭ މި ކަން ވާނެތަ އާދަނާ؟" ދޮންމަނިކު އެހިއެވެ. (ނުނިމޭ)
ދަރޭތި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ