އަބްދުﷲ ގާޒީ ފެމެލީ ކޯޓަށް ބަދަލުކުރަން ނިންމައިފި

ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ފެމިލީ ކޯޓްގެ ގާޒީ ކަމަށް ހަމަޖައްސަން ނިންމައިފި އެވެ. އެގޮތަށް ހަމަޖެއްސީ މިރޭ ޖުޑީޝަލް ސާވިސަސް ކޮމިޝަން، ޖޭއެސްސީ އިން ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރުމަށްފަހު އެވެ.
ޖޭއެސްސީ އިން ނިންމީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އަބްދުﷲ ގާޒީ ފެމިލީ ކޯޓުގެ ގާޒީއަކަށް ހަމަޖެއްސުމަށެވެ.
އަބްދުﷲ ގާޒީ، އަދާކުރައްވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަސްއޫލިއްޔަތު މިހާރު އަދާކުރައްވަމުން ގެންދަވަނީ އެ ކޯޓުގެ ގާޒީ އަބްދުލް ޔޫސުފް ބާރީ އެވެ. ގާޒީ ބާރީއަކީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅެކެވެ. ކްރިމިނަލް ކޯޓު ހިންގެވުމާ ގާޒީ ބާރީ ހަވާލުވެލެއްވީ، އަބްދުﷲ ގާޒީ ޗުއްޓީއަށް ވަޑައިގަތުމާ ގުޅިގެންނެވެ.
އިއްޔެ އަބްދުﷲ ގާޒީ ވަނީ ޗުއްޓީ ކުރުކޮށްލުމަށްފަހު ވަޒީފާއަށް ނިކުންނަވާފަ އެވެ.
ޖޭއެސްސީގެ އެ ނިންމުމާ ގުޅޭ ގޮތުން އެ ކޮމިޝަންގެ ވެބްސައިޓްގައި ބުނެފައި ވަނީ، އަބްދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލު ކުރީ ސުޕްރީމް ކޯޓުން އެދުނު އެދުމަކާ ގުޅިގެން ކޮމިޝަންގައި މިރޭ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.
"ކޮމިޝަނުން މިރޭ ބޭއްވި ބައްދަލުވުމުގައި ކުރިމަނިލަކް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު ފެމިލީ ކޯޓަށް ބަދަލުކުރުމަށް ނިންމީ ޤާނޫނުއަސާސީގެ 159 ވަނަ މާއްދާއާއި އެއްގޮތަށް ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 47 އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/2016 (ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއްކޯޓުން އަނެއްކޯޓަށް ބަދަލުކުރުމާ ބެހޭ އުޞޫލު) ގެ ދަށުން އެކަމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކޮމިޝަނަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން ބޭއްވުނު ކޮމިޝަނުންގެ ބައްދަލުވުންނެވެ،" ކޮމިޝަނުން ނެރުނު ބަޔާނުގައިވެ އެވެ.
މީގެކުރިން ވެސް އަބްދުﷲ ގާޒީ ޑްރަގް ކޯޓަށް ބަދަލުކޮށްފައިވެ އެވެ. ނަމަވެސް އެ ބަދަލަކީ ގާނޫނާ ހިލާފު ބަދަލެއް ކަމަށް ސްޕްރީމް ކޯޓުން ނިންމާފައިވެ އެވެ.
އަބްދުﷲ ގާޒީ ފެމިލީ ކޯޓުގެ ގާޒީ ކަމަށް ހަމަޖެއްސެވިއިރު ފެމިލީ ކޯޓުގެ އިސްގާޒީގެ މައްސަލައެއް ޖޭއޭސްއީ ދަނީ ބަލަމުންނެވެ. މިހާރު ކްރިމިނަލް ކޯޓުގެ ހިންގުން ހަވާލުކޮށްފައިވާ ގާޒީ ބާރީއަކީ، ބޮޑެތި ގިނަ މައްސަލަތަކެއް ބައްލަވާފައިވާ ގާޒީ އެކެވެ. އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ވެސް ގާޒީ ބާރީއިންނެވެ. އަދި މިހާރު ކުރިއަށްދާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ މައްސަލަ ވެސް ބައްލަވަނީ ގާޒީ ބާރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ