ޚާމަނާއީއަށް "ޚާއްޞަ ސިޓީއެއް" ރައްދުކުރަން ޕާކިސްތާންގެ ވަޒީރަކު އީރާނަށް ވަޑައިގެންފި

މީގެ 100 ދުވަސް ކުރިން ފެށުނު އެމެރިކާ-އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ތެރެއިން، އީރާނުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއަށް "ޚާއްޞަ ސިޓީއެއް" ރައްދުކޮށްދެއްވުމަށް ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު މުޙުސިން ނަޤްވީ، އީރާނަށް ވަޑައިގެންފިއެވެ.
ނަޤްވީ އީރާނުގެ ވެރިރަށް ތެހެރާނަށް ވަޑައިގަތީ ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އޭނާ މިހާރު ވަނީ އީރާނުގެ އިންޓީރިއާ މިނިސްޓަރު އިސްކަންދަރު މޫމިނީއާ ބައްދަލުކުރައްވާފައެވެ. ސޯޝަލް މީޑިއާގައި ނަޤްވީ ވިދާޅުވި ގޮތުގައި، ދެ ބޭފުޅުން ވަނީ "ސަރަޙައްދީ އެންމެ ފަހުގެ ކުރިއެރުންތަކާއި ދާޚިލީ ސަލާމަތާ ގުޅުންހުރި ކަންކަމާ" ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އޭނާ ވަޑައިގަތުމުގެ ކުރިން އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕާކިސްތާނުގެ ވަޒީރު އީރާނަށް ވަޑައިގަތީ އެޤައުމުގެ އަސްކަރިއްޔާގެ ވެރިޔާއާއި ބޮޑުވަޒީރުގެ ފަރާތްޕުޅުން އީރާނުގެ އެންމެ މަތީ ވެރިޔާއަށް ފޮނުއްވި ސިޓީއެއް ހިއްޕަވައިގެންނެވެ.
މި ދަތުރުފުޅަކީ ގަލްފް ސަރަޙައްދުގައި މަސްރަޙު އަނެއްކާވެސް ހޫނުވެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ދަތުރުފުޅެކެވެ. އާދީއްތަ ދުވަހު އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި، "ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ބައިނަލްއަޤްވާމީ ކަނޑުގެ އުޅަނދުފަހަރަށް ނުރައްކާވާ ގޮތަށް" އީރާނުން ފޮނުވާލި ދެ ޑްރޯން އެމެރިކާގެ ސިފައިން ވަނީ ވައްޓާލާފައެވެ.
ހުކުރު ދުވަހު ސެންޓްކޮމްއިން ބުނި ގޮތުގައި، ކުވައިތާއި ބަޙްރޭނާ ދިމާލަށް ދަތުރުކުރަމުންދިޔަ ހަތް ބެލިސްޓިކް މިސައިލެއް ވަނީ ހުއްޓުވާފައެވެ. މިއީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް 20 އިންސައްތަ ހިއްސާކުރާ މުހިންމު ކަނޑުއޮޅިއެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅިއާ ދިމާލަށް އީރާނުން ފޮނުވާލި ހަތަރު ޑްރޯން ވައްޓާލިތާ މަދު ގަޑިއިރުތަކެއް ފަހުންނެވެ. އެމެރިކާގެ ސިފައިން ބުނި ގޮތުގައި، "އިތުރު ހަމަލާތަކުން ދިފާޢުވުމަށްޓަކައި" އެމީހުން ވަނީ ގަރޫކް އަދި ގޭޝްމް އައިލެންޑްގައި ހުރި އީރާނުގެ ކޯސްޓަލް ސަވައިލަންސް ރާޑަރު ސައިޓްތަކަށް ހަމަލާދީފައެވެ.
ދެފަރާތުން ބަދަލުކުރަމުންދާ ހަމަލާތަކާއި މެދުކެނޑުމެއްނެތި ކުރިއަށްދާ ކުރިމަތިލުންތަކާއެކުވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ކުރެވޭ މަޝްވަރާތައް ދަނީ ކުރިއަށެވެ. ނަމަވެސް އަދިވެސް އެއްބަސްވުމަކާ ހަމައަށް ނުދެވެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އަސްކަރީ ހަމަލާތައް އަލުން ފަށާނެ ކަމުގެ އިންޒާރު ދެއްވުމާއި، ޑިޕްލޮމެޓިކް ހައްލެއް ލިބިދާނެ ކަމުގެ އުންމީދު ފާޅުކުރެއްވުމާ ދެމެދުގައި ވާހަކަދައްކަވަމުންނެވެ. ބުދަ ދުވަހު އޭނާ ވިދާޅުވީ ހަފްތާ ބަންދުގައި އެއްބަސްވުމެއް ނިންމާލެވިދާނެ ކަމަށެވެ.
ނަމަވެސް އީރާނުގެ އޮފިޝަލުން ދައްކަވާ ވާހަކަތަފާތެވެ. "މަޝްވަރާތައް އޮތީ ހުއްޓިފައި، އަދި ޓްރަމްޕް ޖެހޭނީ މި ހުއްޓުމުން މަޝްވަރާތައް ނެރެދޭން،" އީރާނުގެ އެންމެ މަތީ ވެރިޔާގެ އަސްކަރީ މުޝީރު މުޙުސިން ރެޒާއީ ހޮނިހިރު ދުވަހު އެމެރިކާގެ ސީ.އެން.އެން އަށް ވިދާޅުވިއެވެ. މީގެ އިތުރުން، ހިފަހައްޓާފައިވާ އީރާނުގެ ގާތްގަނޑަކަށް 24 ބިލިއަން ޑޮލަރުގެ މުދާ ދޫކޮށްލުމަށްވެސް އޭނާ ގޮވާލެއްވިއެވެ.
އީރާނުގެ ހިފަހައްޓާފައިވާ ފައިސާ ދޫކޮށްލުމަކީ މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި އެންމެ ބޮޑަށް މައްސަލަ ޖެހިފައިވާ އެއް ކަންތަކެވެ. ބުދަ ދުވަހު މީޑިއާ ރިޕޯޓުތައް ބުނި ގޮތުގައި، އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ގެންދަވަނީ، އީރާނުގެ ހަމަލާތަކުގެ ސަބަބުން ގަލްފް ސަރަޙައްދަށް ލިބިފައިވާ ގެއްލުންތައް އާބާދުކުރުމަށް އެ ފައިސާ ބޭނުންކުރުމާ މެދު ވިސްނަވަމުންނެވެ.
"އީރާނުގެ ފަރާތުން ކުރިމަތިވެދާނެ އެއްވެސް ގެއްލުމެއް މަރާމާތުކުރުމަށާއި އާބާދުކުރުމަށްޓަކައި، އަޅުގަނޑުމެންގެ ގަލްފްގެ ބައިވެރިންނަށް އީރާނުގެ ފައިސާ ލިބޭނެ ގޮތް ހެދުމަށް ޓްރެޜަރީން ހުރިހާ ވަސީލަތެއް ބޭނުންކުރާނެ،" އެމެރިކާގެ އޮފިޝަލަކު ބައެއް ނޫސް އެޖެންސީތަކަށް ވިދާޅުވިއެވެ. އިތުރު ހުރަސްތަކުގެ ތެރޭގައި ލުބުނާން ހިމެނޭހެން ހުރިހާ ފްރަންޓެއްގައި ހިނގަމުންދާ ހަމަލާ ބަދަލުކުރުންތައް ހުއްޓާލުމާއި؛ ސާފުނުކުރާ ތެޔޮ އެކްސްޕޯޓް ކުރުމުގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުމާއި؛ އެމެރިކާއިން ބަނދަރުތައް ބްލޮކްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމާއި؛ އަދި ސްޓްރެއިޓް އޮފް ހޯރްމޫޒްގެ މައްޗަށް އޮތް ބާރުވެރިކަން ހިމެނެއެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން ހަނގުރާމަ ފެށި ފަހުން އީރާނުން ވަނީ އެ ހަނި ކަނޑުއޮޅި ބަންދުކޮށްފައެވެ. އީރާނުން މީގެ ރައްދު ދީފައިވަނީ އިސްރާއީލަށާއި، ސަރަހައްދުގައި ހުރި އެމެރިކާގެ އަމާޒުތަކަށާއި، އަދި އަވަށްޓެރި ގަލްފްގެ ގައުމުތަކަށް ގިނަ އަދަދެއްގެ ޑްރޯން އާއި މިސައިލް ހަމަލާތަކެއް ފޮނުވާލައިގެންނެވެ.
އީރާނުން ވަނީ ސްޓްރެއިޓް އޮފް ހޯރްމޫޒް ބަންދުކުރިކަން އިއުލާނުކޮށް، އެ ގައުމުގެ ހުއްދައާ ނުލައި އެ ހަނި ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. ވިޔަފާރީގެ މި މުހިންމު މަގުގެ މައްޗަށް އީރާނުން ހޯދި ކޮންޓްރޯލްގެ ސަބަބުން ތެލާއި ގޭހުގެ އަގު ފާއިތުވި ގިނަ އަހަރުތަކެއްގެ ތެރޭގައި ނުއުފުލޭ މިންވަރަށް އުފުލި، ދުނިޔޭގެ ސަޕްލައިއަށް ވަނީ ނުރައްކާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ