"އެމްއެސްއެމްއީ ހަރަކާތްތަކުން، ޒުވާނުންނަށް ފަހި ފުރުސަތު"

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަސް ނުވަތަ އެމްއެސްއެމްއީ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކަކީ ސަރުކާރުގެ ސިޔާސަތުތަކަށް ބާރުދީ ވިޔަފާރިކުރަން ބޭނުންވާ ޒުވާނުންނަށް ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތްތައް ނިންމާލުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
އެމްއެސްއެމްއީ ދުވަހާއި ގުޅުވައިގެން ބީސީސީއާއި، ވިޔަފާރިއާއި ބެހޭ ވުޒާރާ ގުޅިގެން ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. ހޮނިހިރު ދުވަހު "އެމްއެސްއެމްއީ ފެސްޓް"ގެ ނަމުގައި ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. މި ފެސްޓިވަލްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ 30 ސްޓޯލް ބަހައްޓައި ގިނަ މައުލޫމާތުތަކެއް ވަނީ ދީފައެވެ.
ވަޒީރު ސައީދު ވިދާޅުވީ، އެމްއެސްއެމްއީ ދުވަހާ ގުޅުވައިގެން މުޅި ދުވަހު ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން މުޅި ރާއްޖޭގައި ހަރަކާތްތަކެއް ހިންގާފައިވާކަމަށެވެ. އެގޮތުން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އެމީހުންގެ ޚިޔާލުތައް ހުށައަޅައި ކުރިއަށްދެވިދާނެ ގޮތްތަކާއިމެދު މަޝްވަރާކުރެވުނުމަށެވެ. މިއީ ފެށުމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"މީގެ ހުރިހާ މަސައްކަތެއްގޮސް މި ގުޅެނީ ރައީސުލްޖުމްހޫރިއްޔާގެ އެސްއެމްއީ ސަޕޯޓަށް. ކުދި ވިޔަފާރިތަކަށް ކުރިއަރައި ދިއުމަށްޓަކައި ގެންގުޅުއްވާ ސިޔާސަތުތަކަށް. އެގޮތުން ވަކިން ޚާއްސަކޮށް ޑިޖިޓަލައިޒޭޝަންގެ ސްޕޭސްގައި ހިމެނޭ ކަންތައްތަކަށް. ޚާއްސަކޮށް މޯލްޑިވްސް 2.0. އެނގިވަޑައިގަންނަވާނެ ދާދިފަހުން ޕޭޕަލްގެ ޚިދުމަތްވެސް ރާއްޖެއަށް މިވަނީ ފަހިވެފައި. އެއީ ހަމަ މި ޕްރޮޖެކްޓްގެ ތެރެއިން ކުރިއަށްދާ ކަންތައްތައް. އިތުރު ޕްލެޓްފޯމްތައް ގެނައުމުގެ މަސައްކަތްވެސް ކުރިއަށްދާނެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސައީދު ވިދާޅުވީ، އެމްއެސްއެމްއީ ދުވަހާއި ގުޅުވައިގެން ކުރިއަށްދާ މަސައްކަތަކީ މި ސިޔާސަތުތަކަށް ބާރުދިނުމާއި އަދި ވީހާ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަން ބޭނުންވާ ޒުވާނުންނަށް ރީޗްއައުޓްވެގެން ކަންކަން ކުރުމަށްޓަކައި ކުރާ މަސައްކަތްތަކެއްކަމަށެވެ.
އެމްއެސްއެމްއީ ދުވަހާއި ގުޅުވައިގެން ރައީސް ވިދާޅުވެފައިވަނީވެސް ކްރިއޭޓިވް އިކޮނޮމީއާއި ކްރިއޭޓަރ އިކޮނޮމީ އަދި ޑިޖިޓަލައިޒޭޝަންގެ ފައިދާ ގްލޯބަލް އީކޮމާސް ޕްލެޓްފޯމްތަކަށް ރީޗްއައުޓްވުމާއި، އަދި ގުޅިލާމެހިފައިވާ ދުނިޔެއެއްގައި ދިވެހި ޒުވާނުން އުފައްދާ އުފެއްދުންތައް މާކެޓްކޮށް މަނިޓައިޒްކުރެވޭނެ ގޮތްތަކާއިމެދުކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ