ގާޑިއޯލާ 10 އަހަރަށް ފަހު މެންޗެސްޓާ ސިޓީ ދޫކޮށްލަން ނިންމައިފި

މެންޗެސްޓާ (މެއި 22) - މެންޗެސްޓާ ސިޓީގެ ކޯޗަކަށް 10 އަހަރު ދުވަހު މަސައްކަތްކޮށް އެ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދި މަޝްހޫރު ކޯޗު، ސްޕެއިންގެ ޕެޕް ގާޑިއޯލާ މި ސީޒަން ނިމުމުން އެ މަގާމު ދޫކޮށްލަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ. 
ފާއިތުވި ހަފްތާއެއްހާ ދުވަހު، އިނގިރޭސި އަދި ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވަނީ، މި ސީޒަނަށް ފަހު އުމުރުން 55 އަހަރުގެ ގާޑިއޯލާ، ސިޓީގެ ކޯޗުކަމުން ވަކިވާނެ ކަމަށެވެ.
އެކަމަކު، ބޯންމައުތާ ދެކޮޅަށް ސިޓީން ކުޅުނު މެޗަށް ފަހު ވެސް ގާޑިއޯލާ ވަނީ އެ. ވާހަކަތަކަށް ސީދާ ޖަވާބެއް ނުދީ ސިޓީއާ އެކު، އޭނާގެ ކޮންޓްރެކްޓްގައި ބާކީ އަހަރެެއް އޮތްކަމަށް ބުނެފަ އެވެ.
މި ސީޒަން ނިމުމުން މެންޗެސްޓާ ސިޓީގެ ކޯޗުކަމުން ޕެޕް ގާޑިއޯލާ ވަކިވާން ނިންމާފައިވާ ކަމަށާއި އެ މަގާމާ ހަވާލުވާނީ ކުރިން ޗެލްސީން އަށް ކޯޗުކޮށްދިން އެންޒޯ މަރެސްކާ ކަމަށް އިނގިރޭސި ގިނަ މީޑިއާތަކަކުން ވަނީ ރިޕޯޓްކޮށްފައި. ގާޑިއޯލާ، ސިޓީ ދޫކޮށްލަނީ ކޮންޓްރެކްޓްގައި ބާކީ އަހަރެއް އޮއްވައި.
އެކަމަކު، މިއަދު، ސިޓީން ވަނީ 2016 ވަނަ އަހަރު އެ ޓީމާ ހަވާލުވި ކޯޗު، ގާޑިއޯލާ މި ސީޒަނަށް ފަހު އެ ޓީމުން ވަކިވާން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ.
"އަހަރެން ސިޓީ މި ދޫކޮށްލަނީ ކީއްވެތޯ ނާހާތި. ވަކި ސަބަބެއް ނެތް. އެކަމަކު އަހަންނަށް އެނގޭ މިއީ ސިޓީ ދޫކޮށްލަން ޖެހޭ ވަގުތުކަން،" ސިޓީ ދޫކޮށްލުމާ ބެހޭގޮތުން ގާޑިއޯލާ ބުންޏެވެ. 
"އަބަދަކު އެއްގޮތަކަށް ހުރިހާ ކަމެއް ނޯންނާނެ، އެއީ ދުނިޔޭގެ އާދަ. އެކަން ބަދަލުވާނަމަ އަހަރެން މި ކްލަބްގައި ހުންނާނެ. އެކަމަކު، ޔަގީންކަމެއް އަހަރެން މި ކްލަބްގައި އެ ހާދަކުރި އަހަރުތަކުގެ ހަނދާންތައް މުޅި އުމުރަށް ހުންނާނެ،" 
ސިޓީގެ ކޯޗުކަމާ ހަވާލުވާން ގާޑިއޯލާ، 2016 ވަަނަ އަހަރުގެ ފެބްރުއަރީ މަހު އެއްބަސްވުމެއް ހެދީ، އެ އަހަރުގެ ޖުލައި 1 އިން ފެށިގެން ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކި ފަހަރު މަތިން އެއްބަސްވުން އާ ކޮށް، ޖުމްލަ އެކު، ސިޓީގައި 10 އަހަރު ހޭދަކުރާ ގާޑިއޯލާ ވަނީ އެ ޓީމަށް ބޮޑު 17 މުބާރާތުގެ ތަށި ހޯދައިދީފަ އެވެ. އޭގެ ތެރޭގައި، ހަ ފަހަރު އިނގިރޭސި ޕްރިމިއާ ލީގު ހޯދުމުގެ އިތުރުން، ސިޓީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. 
ސަތޭކަ ޕޮއިންޓާ އެކު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރެކޯޑާއި އެއް ސީޒަނެއްގައި، ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގު އަދި އެފްއޭ ކަޕް ޗެމްޕިއަންކަން ހޯދައިގެން، ޓްރެބަލް ވެސް ސިޓީގައި ހުރެ ގާޑިއޯލާ ވަނީ ފުރިހަމަކޮށްފަ އެވެ. 
ޗެލްސީގެ ކޯޗުކަމުން ޖެނުއަރީ މަހު ވަކިކުރި އެންޒޯ މަަރެސްކާ އަކީ ސިޓީގެ އާ ކޯޗު ކަމަށް މީޑިއާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ. މަރެސްކާ އަކީ ކުރިން ސިޓީގައި ގާޑިިއޯލާގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ފަރާތެެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ