ހުޅުމާލޭ ފޭސް 1 ގެ ރައްޔިތުންނާ މުއިއްޒު ބައްދަލުކުރެއްވުން މާދަމާ ރޭ ހުޅުމާލޭ ފޭސް 1 ގެ ރައްޔިތުންނާ މުއިއްޒު ބައްދަލުކުރެއްވުން މާދަމާ ރޭ

ރައްޔިތުންނާ ގާތުން ބައްދަލުކުރެއްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް މުހައްމަދު މުއިއްޒު ބާއްވަވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 1 ގެ ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އަދި ރައްޔިތުންގެ ބައްދަލުވުންތަކުގައި އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ އެންސްޕާގެ ސީއީއޯ ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ބައްދަލުވުން އޮންނާނީ ޑިސެންބަރު 21 ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި ރެހެންދި ސްކޫލްގައި ކަމަށެވެ.
މި ބައްދަލުވުމަކީ ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ހުރި ހިޔާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.
މާލޭގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުންތަކުގައި ފާޅުކުރި ބައެއް ހިޔާލާ ގުޅިގެން ބައެއް ކަންކަން ވަނީ ހައްލު ކުރައްވައި، އަދި އަނެއްބައި ކަންކަން ހައްލު ކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވެ އެވެ. ނަމަވެސް ރައީސް ބަހެއް ވެސް، ޖަވާބެއް ވެސް ވިދާޅުނުވާ އަދި އަމަލީ ގޮތުން އެއްވެސް ކަމެއް ނުކުރައްވާ ބައެއް ކަންކަން ވެސް އެބަ ހުއްޓެވެ.
މީގެ ކުރިން ބޭއްވި ބައްދަލުވުންތަކުގައި ތަކުރާރުކޮށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދައިދީފައި ނުވާކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރެއެވެ. ސަރުކާރުގެ އިދާރާތަކުންނާއި އޮފީސްތަކުން ރައްޔިތުންނަށް އެދެވޭ ޖަވާބެއް ނުލިބޭ ކަމުގެ ޝަކުވާ ވެސް ބޮޑެވެ.
އާދީއްތަ ދުވަހުގެ ރޭ މުއިއްޒު ޖަލްސާ ބާއްވާއިރު، އެ މަނިކުފާނަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލްސާ ވެސް އެ މަނިކުފާނުގެ ޕާޓީގެ އޮފީސް ވެސް ހިންގަވާ އަމިއްލަގެ ހ. ދޫވެހީގައި ބާއްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ