އައްޑޫގެ ހުޅުދޫ އާއި މީދޫއަކީ ވަކި ދެ ރަށުގެ ގޮތުގައި ކަނޑައަޅުއްވައިފި

އައްޑޫ ސިޓީން ހުޅުދު އާއި މީދޫ ވަކިކޮށް، އެ ދެ ރަށަށް ވެސް ވަކި ދެ ކައުންސިލެއް އުފައްދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ނިންމަވައިފި އެވެ.ރައީސް މިގޮތަށް ނިންމެވީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމާ ގުޅޭ ގަރާރަށް ގެނައި އިސްލާހަކަށްފަހު އެވެ.ރައީސްގެ ގަރާރު އިސްލާހު ކުރައްވާފައިވަނީ އައްޑުއަތޮޅު ހުޅުދޫ އާއި މީދޫ އާއި ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި މިދިޔަ މަހުގެ 25 ވީ ހޮނިހިރު ދުވަހު ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި، ހުޅުދޫއާއި މީދޫގައި ވަކި ކައުންސިލެއް ހެދުމަށް އެ ރަށްރަށުގެ ރައްޔިތުން ނިންމުމާ ގުޅިގެންނެވެ. އެ ދުވަހު ފޭދޫ ރައްޔިތުން ނިންމީ މިހާރުވެސް އޮތް ގޮތަށް އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ފޭދޫ ބޭއްވުމަށެވެ.ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް އިސްލާހުކުރައްވައި މިއަދު ޝާއިއުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ގަރާރުގައި، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅައިފައިވާ "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމުގައި ކަނޑައަޅައި، "އައްޑޫ ސިޓީ" ގައި ހިމެނޭނީ އައްޑުއަތޮޅު "ހިތަދޫ" އާއި، "މަރަދޫ" އާއި، "މަރަދޫފޭދޫ" އާއި، "ފޭދޫ" ކަމަށާއި، "އައްޑޫ"ގެ އިޚްތިސާސްގެ ބައެއްގެ ގޮތުގައި އޮތް "ހުޅުދޫ" އާއި "މީދޫ" އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި ރައީސް ވަނީ ކަނޑައަޅުއްވާފަ އެވެ.މި އިސްލާހާ އެކު އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ ވަނީ، މީހުން ދިރިއުޅޭ ދެ ރަށުގެ ގޮތުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަރާރަށް އިތުރުކޮށްފަ އެވެ. އަދި "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމަށާއި، އައްޑޫ ސިޓީގައި ހިމެނެނީ އައްޑުއަތޮޅު ހިތަދޫ އާއި، މަރަދޫ އާއި، މަރަދޫފޭދޫ އާއި، ފޭދޫ ކަމުގައި ބަޔާންކޮށް، ގަރާރުގެ ޖަދުވަލެއްގެ ގޮތުގައި ހިމަނައިފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކުރައްވާފަ އެވެ.މި އިސްލާހަށް އަމަލުކުރަން ފަށާނީ ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބެއްގައި އިންތިހާބު ކުރެވޭ ކައުންސިލްތަކުގެ އުމުރު ގުނަން ފަށާ ދުވަހުން ފެށިގެންނެވެ.ހުޅުދު އާއި މީދޫ އަދި ފޭދޫގައި ވަކި ކައުންސިލެއް ހަދަން ފެނޭތޯ ބަލަން ފެންނަ ނުފެންނަ ވޯޓެއް ނެގީ ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި 2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެ މަނިކުފާނު އައްޑު އަށް ވަޑައިގަތުމުން އެ ތިން ރަށުގެ ބައެއް މީހުން އެ ކަމަށް އެދިފައިވާތީ އެވެ.ހުޅުދު އާއި މީދޫ އާއި ފޭދޫގައި މިދިޔަ މަހު ބޭއްވީ ހިޔާލު ހޯދުމުގެ ރިފަރެންޑަމް ގާނޫނުގެ ދަށުން ނެގި ފުރަތަމަ ވޯޓު ވެސް މެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ