ކޮއިންބޭސްއިން 375 މިލިއަން ޑޮލަރަށް ކްރިޕްޓޯ ޕްލެޓްފޯމް 'އެކޯ' ގަންނަނީ
ކްރިޕްޓޯގެ ދުނިޔޭގެ އެންމެ ބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކޮއިންބޭސް ގްލޯބަލް އިންކްއިން، ކްރިޕްޓޯ އިންވެސްޓްމަންޓް ޕްލެޓްފޯމެއް ކަމަށްވާ އެކޯ 375 މިލިއަން ޑޮލަރުގައި ގަތުމަށް އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމުގެ މުއާމަލާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފައިސާއާއި ސްޓޮކްގެ ގޮތުގައެވެ. ކޮއިންބޭސްގެ އަމާޒަކީ އެ ކުންފުނީގެ ޕްލެޓްފޯމަށް ފައިސާ ހޯދުމުގެ (ފަންޑްރައިޒިންގެ) ވަސީލަތްތައް އިތުރުކުރުމެވެ. އެކޯގެ ޕްލެޓްފޯމްގެ ސަބަބުން ކްރިޕްޓޯ ކޮމިއުނިޓީއަށް ޕްރައިވެޓް އަދި ޕަބްލިކް ޓޯކަން ވިޔަފާރީގެ ޒަރީއާއިން ފައިސާ ހޯދުމާއި އިންވެސްޓްކުރުން އިތުރަށް ފަސޭހަވާނެއެވެ. https://sun.mv/212571 ކޮއިންބޭސްއިން ބުނެފައިވާ ގޮތުގައި، އެމީހުން ބޭނުންވަނީ "އިތުރަށް ފަސޭހަ، އަވަސް އަދި ހާމަކަން ބޮޑު ކެޕިޓަލް މާކެޓްތަކެއް" އުފެއްދުމަށެވެ. އެކޯގެ 'ސޮނާ' ޕްލެޓްފޯމް މެދުވެރިކޮށް ފުރަތަމަ ފަށާނީ ކްރިޕްޓޯ ޓޯކަން ވިއްކުމުގެ މަސައްކަތެވެ. ނަމަވެސް، ފަހުން ޓޯކަނައިޒްކޮށްފައިވާ ސެކިއުރިޓީސްތަކަށާއި އަސްލު ދުނިޔޭގެ މުދަލަށް (ރިއަލް ވޯލްޑް އެސެޓް) ވެސް އެހީތެރިކަން ފުޅާކުރުމަށް ކޮއިންބޭސް އިން ވަނީ ރާވާފައެވެ. ކްރިޕްޓޯ ޓްރޭޑަރެއް ކަމަށްވާ، ޖޯޑަން ފިޝް ނުވަތަ އޭނާގެ މަޝްހޫރު ނަމުން ނަމަ "ކޯބީ" އަކީ އެކޯގެ ބާނީއެވެ. މި ޕްލެޓްފޯމް ފެށިތާ ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހޯދުމަށް ކްރިޕްޓޯ ޕްރޮޖެކްޓްތަކަށް އޭނާ އެހީތެރިވެދީފައިވެއެވެ. މި އަހަރުގެ ތެރޭގައި ޑިޖިޓަލް އެސެޓްސްގެ ދާއިރާގައި އެއްބަސްވުންތައް ހެދުން ވަނީ އިތުރުވެފައެވެ. މިކަމަށް ބާރުއެޅެނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކްރިޕްޓޯއަށް ހިތްވަރުދީ، އެމެރިކާގައި ވިޔަފާރި ފުޅާކުރުމަށް ކުންފުނިތަކަށް ހިތްވަރުދޭތީއެވެ. މިދިޔަ ހަފުތާގައި ކްރިޕްޓޯ އެކްސްޗޭންޖް ކްރާކެން އިން 100 މިލިއަން ޑޮލަރަށް ފިއުޗާސް އެކްސްޗޭންޖް ސްމޯލް އެކްސްޗޭންޖް ގަނެ، އެމެރިކާގައި ޑެރިވޭޓިވްސްގެ ޚިދުމަތް ފެށުމަށް މަގުފަހިކޮށްފައިވެއެވެ. މީގެ އިތުރުން، މެއި މަހު ކޮއިންބޭސް އިން ވަނީ 2.9 ބިލިއަން ޑޮލަރަށް ކްރިޕްޓޯ އޮޕްޝަންސް ދޭ ކުންފުނި ޑެރިބިޓް ގަނެ، އެ ކުންފުނީގެ އިންޓަނޭޝަނަލް މަސައްކަތްތައް ވަރުގަދަކޮށްފައެވެ. ކްރިޕްޓޯ މާކެޓްގައި މިފަދަ ބޮޑެތި އެއްބަސްވުންތައް ގިނަވަމުންދަނީ، ޑިޖިޓަލް އެސެޓްސްގެ ދާއިރާއަށް ދުނިޔޭގެ އިގުތިސާދުގައި ލިބެމުންދާ އިތުބާރު އިތުރުވަމުންދާތީއެވެ. ޚާއްސަކޮށް، ޓްރަމްޕްގެ ސަރުކާރުން ކްރިޕްޓޯއަށް ހިތްވަރުދީ، އެމެރިކާގައި ވިޔަފާރި ފުޅާކުރުމަށް ކުންފުނިތަކަށް ފަހިވާ މާހައުލެއް ބިނާކުރުމަކީ މިފަދަ އިންވެސްޓްމަންޓްތަކަށް ބާރުދޭ ކަމެކެވެ. މިއީ ކްރިޕްޓޯ ކުންފުނިތަކަށް އެ މީހުންގެ ޚިދުމަތްތައް ފުޅާކޮށް، ގިނަ ބަޔަކަށް ޑިޖިޓަލް މުޢާމަލާތްތަކުގެ ފުރުސަތު ހޯދައިދިނުމަށް ލިބޭ ބޮޑު ހިތްވަރެކެވެ. އަދި މިއީ ކްރިޕްޓޯގެ މުސްތަގުބަލު އުޖާލާކޮށްދޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމެއްވެސް މެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ