އަޔުޝްމާންއާއި ރަޝްމިކާގެ ފިލްމު 'ތަމާ' ބަލައިފިންތަ؟

މިދިޔަ އަންގާރަ ދުވަހު މެޑްޑޮކް ފިލްމްސްގެ ހޮރޯ ކޮމެޑީ ޔުނިވާސްއިން ސިނަމާތަކުގައި އެޅުވި ފިލްމު "ތަމާ"އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ފިލްމުން ބެލުންތެރިންނަށް ސަޕްރައިޒްތަކެއް ވެސް ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އަޔުޝްމާން ކުރާނާ އަދި ބޮލީވުޑްގައި ވިދަމުން އަންނަ ސައުތު ބަތަލާ ރަޝްމިކާ މަންދަންނާ ލީޑް ރޯލު ކުޅެފައިވާ "ތާމާ"ގެ ޚާއްސަ ފެނިލުންތަކުން ދައްކައިލީ ސްކްރީނުން ފެންނާނެ ކަމަށް ބެލުންތެރިން އުންމީދުކުރި ތަރިންނެއް ނޫނެވެ. އެ ތަރިން ފިލްމުން ފެންނާނެކަމުގެ ހިލަމެއް ފިލްމުގެ ޓްރެއިލާއާއި ޓީޒާތަކުން ވެސް ނުވިއިރު އެއީ ޕްރޮޑިއުސަރު ދިނޭޝް ވިޖަން ބެލުންތެރިންނަށް ދިން ވަރަށް ބޮޑު ސަޕްރައިޒެކެވެ. އެގޮތުން، ފިލްމުގެ ޚާއްސަ ފެނިލުންތަކުން ދައްކައިލި ތަރިންގެ ތެރޭ "ބާހޫބަލީ"ގެ ކަޓައްޕާ ރޯލު ކުޅުނު ކުޅަދާނަ އެކްޓަރު ސަތިޔަރާޖް، މެޑްޑޮކްގެ ފިލްމުތަކުން މި ފަހަކަށް އައިސް އެންމެ އާއްމުކޮށް ފެންނަ ތަރި އަބިޝޭކް ބެނަޖީ، ބޮލީވުޑް އެކްޓަރު ވަރުން ދަވަން އަދި ކުޅަދާނަ ނެށުންތެރިޔާ/ބަތަލާ ނޯރާ ފަތޭހީ ހިމެނެއެވެ. ފިލްމު "ތަމާ"ގެ މަންޒަރެއްގައި އަޔުޝްމާން އަދި ރަޝްމިކާ--ފޮޓޯ/ދަހިންދޫ އަޔުޝްމާން ވެމްޕަޔައެއްގެ ރޯލް ކުޅެފައިވާ "ތާމާ"އަށް ލިބެމުން އަންނަ ރިވިއުސްތަކަށް ބަލާއިރު ފިލްމު ކްރިޓިކުން ވެސް ވަނީ އެއީ ސިނަމާ ހޯލްއަށް ފިލްމު ބަލަން ދިޔަ މީހުން ވަރަށް ރަނގަޅަށް މުނިފޫހިފިލުވައިދިން ފިލްމެއް ކަމަށް ބުނެފައެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާއިން މި ފިލްމަށް ހަތަރު ތަރި ދެމުން ބުނީ، މެޑްޑޮކް ފިލްމްސްއަކީ އަބަދު ވެސް އެ ސްޓޫޑިއޯއިން ގެނެސްދޭ ފްރެންޗައިސް ފިލްމުތައް ވަރަށް އިންސާފުވެރިކަމާ އެކު ބެލުންތެރިންނަށް ގެނެސްދޭ ސްޓޫޑިއޯއެއް ކަމަށެވެ. ފިލްމު "ތަމާ"ގެ ދެވަނަ ބައެއް އުފައްދާނަމަ އެ ސްޓޫޑިއޯއިން ދެން ވެސް ގެނެސްދެނީ ބެލުންތެރިން މާޔޫސްނުވާނެ ކަހަލަ ފިލްމެއް ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ. ބޮލީވުޑްގެ ފިލްމުތައް ރިވިއުކުރާ ފިލްމު ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ވެސް ވަނީ މެޑްޑޮކް ފިލްމްސްގެ "ތަމާ"އަށް ހަތަރު ތަރި ދިނުމަށް ފަހު ފިލްމަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އެގޮތުން، ދިނޭޝް ވިޖަންގެ ހޮރޯ ޔުނިވާސްއިން އަނެއްކާ ވެސް ބެލުންތެރިން އެމީހުންގެ ޖާދޫގައި ޖައްސައިފި ކަމަށް ތަރަން ވަނީ ބުނެފައެވެ. މި ފިލްމުގެ ޕްލޮޓް ބިނާކޮށްފައިވަނީ ބެލުންތެރިން އުންމީދުކުރި ގޮތަށްވުރެ މާ ފުރިހަމަކޮށް ކަމަށާއި ފިލްމު "މުންޖްޔާ"އިން ދެއްކި ޖާދޫ ޑައިރެކްޓަރު އަދިތިޔަ ސަރްޕޮތްދާރު "ތާމާ"އިން ވެސް ދައްކުވައިދީފި ކަމަށް ތަރަން ވަނީ ބުނެފައެވެ. ހަމައެއާއެކު ފިލްމުގައި އަޔުޝްމާންއާއި ރަޝްމިކާ ދެއްކި ހުނަރަށް ތައުރީފުކުރަމުން ތަރަން ބުނީ، މި ފިލްމުގެ މުހިންމު ރޯލްތަކުން ފެނުނު ނަވާޒުއްދީންއާއި ޕަރޭޝް ރަވާލްއަށް ވެސް ތައުރީފު ހައްގު ކަމަށެވެ. މި ފިލްމަކީ 145 ކްރޯޑު ރުޕީސް (17.4 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ