ދިފާއީ ވަކީލުންގެ އަގުވެއްޓޭ ގޮތަށް ތުހުމަތު ނުކުރަން ބާ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާއީ ވަކީލުންނަށް ނިސްބަތްކޮށް އަސާސެއް ނެތް ތުހުމަތު ނުކުރުމަށް ބާ ކައުންސިލުން މިއަދު އިލްތިމާސްކޮށްފިއެވެ. ބައެއް ދިފާއީ ވަކީލުން ހެކިންނަށް ބިރު ދައްކައި އިންޒާރު ދެމުން އަންނަ ކަމަށް ބުނެ، ކްރިމިނަލް ކޯޓުގެ ޝަރީއަތެއް ނިމުނު ގޮތުގެ ރިޕޯޓެއްގައި ބަޔާންކޮށްފައިވާތީ އެ ކައުންސިލުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބާ ކައުންސިލުން ބުނީ، ކްރިމިނަލް ކޯޓުގެ ޝަރީއަތެއް ނިންމި ގޮތުގެ ރިޕޯޓެއްގައިވާ އެ އިބާރާތަކީ ހެއްކެއްގެ މައްޗަށް ގާނޫނީ ވަކީލެއްގެ ފުށުން ހިނގާފައިވާ ވަކި އަމަލެއްގެ މައްޗަށް ބިނާކުރުމަކާ ނުލައި، ޖިނާއީ އަދުލުގެ ނިޒާމުގައި ދިފާއީ ވަކީލުންގެ ގޮތުގައި ބުރަކޮށް މަސައްކަތްކުރާ މަދު ގާނޫނީ ވަކީލުންނަށް އަމާޒުވެގެން ދިޔަ ކަމެއް ކަމަށެވެ. އެ މައްސަލައިގެ ހުކުމާ ގުޅިގެން ބައެއް މީޑިއާތަކުގައި ޚަބަރު ފަތުރާފައިވާ ގޮތުން ދިފާއީ ވަކީލުންނާ މެދު އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދިފައިވާކަމަށް ވެސް ބުންޏެވެ. އަދި ދިފާއީ ވަކީލުންނަކީ ކުށުގެ އަމަލު ހިންގާ ބައެއް ގޮތުގައި ސިފަކުރެވިގެން ގޮސްފައިވާ ކަމަށް، ބާ ކައުންސިލުން ބުންޏެވެ. އެ ކައުންސިލުން ބުނީ މިހެންވުމުގެ ސަބަބުން އަދުލު އިންސާފުގެ ނިޒާމަށް އާންމުން ކުރާ އިތުބާރު ކުޑަވާ ކަމަށެވެ. އެހެންވެ، މި ކަންބޮޑުވުންތައް މިއަދު ކްރިމިނަލް ކޯޓާ ހިއްސާކޮށްފައިވާ ކަމަށް ބާ ކައުންސިލްގެ ބަޔާނުގައިވެއެވެ. ބާ ކައުންސިލުން ވަނީ، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އޮންނަ ހައްގު ފޯރުކޮށްދޭ ވަކީލުންނަށް ނިސްބަތްކޮށް އެއީ ކުށްވެރިން ކަމަށް އާންމުންނަށް ދޭހަވާ ގޮތަށް އެއްވެސް ހެތްކެއް ނެތި ތުހުމަތުކުރި ކަމަށް ބުނެ، އެކަން ކުށްވެރިކޮށްފައެވެ. މިހާރުވެސް ވަކީލުންގެ ސުލޫކާ ގުޅޭ މައްސަލަތައް ބަލައި އެ ކައުންސިލުން ފިޔަވަޅު އަޅަމުން އަންނަކަން، ބާ ކައުންސިލްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ