މާލެ ސަރަހައްދުން ދިން ގޯތިތައް އަތުލަން ޕީޖީ ލީޑަރު ގޮވައިލުމުން ޒަމީރު އެކަމަށް ފާޑުވިދާޅުވެއްޖެ މާލެ ސަރަހައްދުން ދިން ގޯތިތައް އަތުލަން ޕީޖީ ލީޑަރު ގޮވައިލުމުން ޒަމީރު އެކަމަށް ފާޑުވިދާޅުވެއްޖެ

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކޮށްފައި ހުރި ގޯތިތައް އަތުލަން ވެރިކަން ހިންގާ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ގޮވައިލުމުން އެ ޕާޓީގެ، މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު، އަހުމަދު ޒަމީރު އެކަމަށް ފާޑުވިދާޅުވެއްޖެ އެވެ.
މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ދައުލަތަށް ނަގަންޖެހޭ ކަމަށް ބުނެ އިއްޔެ ފަލާހު ދެއްކެވި ވާހަކައާ ގުޅިގެން މާލެ ރައްޔިތުންގެ ފަރާތުން ވަރަށް ގިނަ ޝަކުވާ ލިބެމުންދާ ކަމަށެވެ. ފަލާހު އެހެން ވިދާޅުވި ނަމަވެސް، މާލެއިން ދޫކޮށްފައިވާ އެއްވެސް ގޯއްޗެއް މި ސަރުކާރުން އަތުނުލާނެ ކަމުގެ ޔަގީންކަން އެ ރައްޔިތުންނަށް ދެއްވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކަކީ މާލެ މީހުންނަށް ހައްގު އެއްޗެއް ކަމަށް ޒަމީރު ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ އެއްވެސް މީހަކަށް ލިބިފައި އޮތް ގޯއްޗެއް އެ ގޯއްޗެއްގެ ވެރިފަރާތަކުންނެއް މި ސަރުކާރަކުން ނުއަތުލާނެޔޭ، އެ ޔަގީންކަން އަޅުގަނޑު ދެމޭ، އެ ވިސްނުން މި ސަރުކާރަކު ނެތޭ، އެ ގޯއްޗެއް އޮތް ތަނަކުން އެ ގޯއްޗެއް އެ ބޭފުޅަކަށް މި ސަރުކާރުން ހަވާލު ކުރާނެޔޭ،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ރާއްޖޭގެ އެހެން ސަރަހައްދުތަކުން ވެސް ބިން ހިއްކަނީ ސަރުކާރުން ލޯނު ނަގައިގެން ކަމަށެވެ. ނަމަވެސް އެ ސަރަހައްދުތަކުން ވެސް ގޯތި ދެނީ މުޅިން ހިލޭ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"އަދި އެ ރަށްރަށުގައި މައިންބަފައިންގެ ގޯތި އޮއްވައި އުމުރުން 18 އަހަރު ވާއިރަށް އެ މީހާއަށް 3000 އަކަފޫޓު ކަނޑާފައި އެބަދެޔޭ، ހަމަ ހިލެޔޭ ދެނީ، އަދި އެ ގޯތިތައް އެހެން އޮއްވައި އެތަނުން ފަންކޮޅެއް ވެސް ނުނަގާތާ އެތައް ޒަމާނެއްވެފައި އޮއްވައި މާލެ އައިސް މާލޭގައި 15 އަހަރު ވީކަމަށް ބަލާފައި އޭނާއަށް އެބަލިބޭ މިތަނުން ފްލެޓު ވެެސް،" ޒަމީރު ވިދާޅުވި އެވެ.
"އަދި މިހެން ހުރި ގޯތިތައް ގެސްޓުހައުސް ހަދާފައި، އެ ތަންތަން ކުއްޔަށްދީފައި އައިސް ވެސް މާލެއިން އެބަ ފްލެޓު ލިބެޔޭ."
މިދިޔަ ސަރުކާރުން ހުޅުވައިލި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލީ މީހުންގެ ތެރޭގައި މާލެ މީހުން ވަރަށް މަދު ކަމަށް ޒަމީރު ވިދާޅުވި އެވެ. އެ ސްކީމުން ފުރަތަމަ ފްލެޓު ލިބޭ 4000 މީހުންގެ ތެރޭގައި ގިނައީ މާލޭގައި 15 އަހަރު ދިރިއުޅެފައިވާ އެހެން ރަށްރަށުގެ މީހުން ކަމަށްވީ ނަމަވެސް، އެމީހުންނަށް ފްލެޓު ނުދޭން މާލެ މީހުން ނުބުނާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ