ޔާމީން ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފް ކުރަން އެ މަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިން މުއާމަލާތާއި ގުޅިގެން ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑްރިން ހިންގުމުގެ ކުށުގައި ޔާމީން 11 އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.
އެ ހުކުމް އިސްތިއުނާފް ކުރަން މިއަދު ހައި ކޯޓަށް ހުށަހަޅުއްވާފައިވާ ކަން ޔާމީންގެ ވަކީލުން ކަށަވަރުކޮށް ދިނެވެ. ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ކުރެއްވި ޓްވީޓެއްގައިވަނީ އިސްތިއުނާފް މައްސަލަ ކާމިޔާބުވާނެ ކަމަށެވެ.
ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފް ކޮށްފިން. ރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަން ވެފައިވާ ޖުޑިޝަރީއެއް އޮވެގެން. ވަކި ޙުކުމެއް ކުރާތީ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމާ އޯޑިއޯތައް ލީކުވުންފަދަ ކަންތައް ގޯސް. IA ކާމިޔާބުވާނެ pic.twitter.com/ntI9nOIMzn
ޖަމީލްގެ ޓްވީޓް
އެ މައްސަލަ ބަލައިގަތުމާ މެދު ހައި ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ޔާމީންގެ ވަކީލުން ކުރިން ވިދާޅުވެފައިވަނީ އަންނަ މާޗް މަހު އެމަނިކުފާނު ހައި ކޯޓުން މިނިވަން ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެ ހުކުމާ އެކު، ޔާމީނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޮތީ ގެއްލިފަ އެވެ. އެކަމަކު ހުކުމް ބާތިލްކޮށްފިނަމަ އެ ފުރުސަތު އެމަނިކުފާނަށް އަނެއްކާވެސް ލިބޭނެ އެވެ.
އެ މައްސަލާގެ އިތުރުން ރ. ފުއްގިރި ކުއްޔަށް ދިން މައްސަލާގައި ޔާމީނަށް އިތުރު ދައުވާތަކެއް ކުރާ މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ދަނީ ހިނގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ