މާވާރުލު އެއާޕޯޓްގެ އެއްބަސްވުން ބާތިލުކުރީ ރަނގަޅަށް: ސުޕްރީމް ކޯޓް

ގދ. މާވާރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކޮށް ހިންގަން މޫވިން އިންޓަނޭޝަނަލާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓް އަދި ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ވެސް ދަމަހައްޓައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރާ މޫވިން އިންޓަނޭޝަނަލް އާ ދެމެދު އެއާޕޯޓް ތަރައްގީކޮށް ހިންގުމުގެ އެއްބަސްވުމުގައި ސޮއިކުރީ 27 ޖޫން 2011 ގަ އެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް އެއާޕޯޓްގެ މަސައްކަތް ނިންމައި ހިދުމަތް ދޭން ފަށާފައި ނުވާތީ ފެބުރުއަރީ 2016ގައި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފަ އެވެ.
ތަފްސީލް -
މޫވިން އާ މާވާރުލު ހަވާލުކުރީ 23 ސެޕްޓެމްބަރު 2011ގައި
މަސައްކަތް ނިންމަން އެއްބަސްވި 30 މަސް ހަމަވީ މާޗު 2014ގައި
އެއްބަސްވުން އުވާލީ އޭގެ ދެ އަހަރު ފަހުން
އެއްބަސްވުން ބާތިލުކުރި އިރު ވެސް އެއާޕޯޓްގެ މަސައްކަތް ނުނިމޭ
މައްސަލަ ކޯޓަށް - އެއްބަސްވުން ބާތިލުކުރީ އިޖުރާއަތާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން އެދި މޫވިން އިންޓަނޭޝަނަލް އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ސިވިލް ކޯޓުން ހުކުމް ކުރީ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ނަގައިދެވެން ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ ނިންމުން އެ ކުންފުނީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވެސް ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. އެހެންކަމުން މޫވިން އިންޓަނޭޝަނަލް އިން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ.
ސުޕްރީމް ކޯޓުގެ ނިންމުން - އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ، މޫވިން އިންޓަނޭޝަނަލް އިން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަކީ ހައި ކޯޓުގެ ނިންމުން ބާތިލުކުރަން ޖެހޭ ނުވަތަ ބަދަލުކުރަން ޖެހޭ ސަބަބެއް ކުރިމަތިކުރުވާ ނުކުތާތަކެެއް ނެތް ކަމަށެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ ބެލި ބެންޗުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ، ހައި ކޯޓުގެ ނިންމުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބަލާނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އެހެންކަމުން، ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ.
އެނގުން މުހިންމު - މާވަރުލު އެއާޕޯޓުގެ މުޅި މަސައްކަތް ނިންމާލީ އެމްޓީސީސީންނެވެ. އެ ކުންފުންޏާ އެއާޕޯޓުގެ މަސައްކަތް ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ގަ އެވެ. އެއާޕޯޓުގެ ރަންވޭ އާއި ޓެކްސީވޭ އަދި ފަސިންޖާ ޖެޓީގެ މަސައްކަތް ކުރީ އެމްޓީސީސީ އިންނެވެ. އެ އެއާޕޯޓް ހުޅުވައި ދަތުރުތައް ފެށީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ