ފިއްލަދޫ ޒުވާނުން ހިތްހަމަނުޖެހުމުން މެމްބަރު ޝަރީފު ރަށުން ފައިބައިފި

ހއ. ފިއްލަދޫގެ ބައެއްގެ ގޮތުގައި އޮންނަ ދައްޕަރު، ރަށުގެ އިހްތިސޯސުން ވަކިކުރަން ނިންމި މައްސަލާގައި ރުޅިގަދަވެފައި ތިބި އެ ރަށުގެ ޒުވާނުން، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ފިއްލަދުއަށް ވަޑައިގަތުމުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ. އަދި އެއާ އެކު އޭނާއަށް މަޖުބޫރުވީ، ރަށުން ފައިބައިވަޑައިގަންނަވާށެވެ.
ވީ ކިހިނެއް؟ - ފިއްލަދޫގެ އިހްތިސޯސުން ދައްޕަރު ވަކިކުރަން ނިންމީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން މިދިޔަ މަހުގެ ތެރޭގަ އެވެ. އެ މައްސަލާގައި ރައްޔިތުން އެންމެ ހިތްހަމަނުޖެހުނީ، އެހާ ބޮޑު ނިންމުމެއްގައި ރައްޔިތުންގެ މަޝްވަރާ އާއި ހިޔާލު ހޯދާފައި ނުވުމުންނެވެ.
ފިއްލަދޫ ހިމެނޭ ދާއިރާގެ މެމްބަރު މިއަދު އެ ރަށަށް ވަޑައިގެންނެވީ، އޭގެ ފަހުން ފުރަތަމަ ފަހަރަށެވެ. 
ރަސްމީ ދަތުރެއް ނޫން - ފިއްލަދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ރަޒީފް ވިދާޅުވީ، މިއަދު މެންދުރު ޝަރީފް އެ ރަށަށް ވަޑައިގެންނެވީ ކައުންސިލް އަދި ރަށުގެ އިސް މީހަކަށް އެންގުމަކާ ނުލައި ކަމަށެވެ. އޭނާ އެ ރަށަށް ވަޑައިގެންނެވީ، އެމްޑީޕީގެ ކުރިއަށް އޮތް ގައުމީ މަޖިލީހުގެ އިންތިހާބުގައި މަތި އުތުރު ޕްރޮވިންސަށް ކުރިމަތިލެއްވި ބޭފުޅެއްގެ ކެމްޕޭނަށެވެ.
"އެ ބޭފުޅުން ފުރަތަމަ ވެސް ވަޑައިގެންނެވީ ކެފޭއަކަށް. އެތަނުގައި ތިއްބާ ޒުވާނުން ގޮސް އަޑުގަދަކޮށް، ހިތްހަމަ ނުޖެހުން ފާޅުކުރަަން ހެދުމުން ދެން އަނބުރާވަޑައިގެންނެވީ ލޯންޗަށް،" ރަޒީފް ވިދާޅުވި އެވެ. "ކެމްޕޭން ކުރައްވާކަށް ރަށުތެރެއަކަށް ވެސް ވަޑައެއްނުގަންނަވާ."
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކަށް ބަލާއިރު، ޝަރީފްގެ އިސްތިއުފާއަށް ގޮވައި، ޒުވާނުން އޭނާ ފަހަތުން ދިޔަ އެވެ. ލޯންޗަށް އަރައި، ރަށުން ފުރާވަޑައިގަންނަވަންދެން އެ މީހުން އަޑުއުފުލި އެވެ.
ދައްޕަރު މައްސަލައިގެ އިތުރުން، މެމްބަރު ފޯނަށް ޖަވާބު ނުދެއްވުން ފަދަ ކަންތައްތަކުގައި ވެސް ޒުވާނުން ތިބީ ވަރަށް ހިތްހަމަނުޖެހިފައި ކަމަށް ކައުންސިލުން ބުންޏެވެ.
ކުރީގެ ސަރުކާރުތަކުން ރިސޯޓު ހަދަން ވެސް ކަނޑައެޅި ދައްޕަރު، ފިއްލަދޫގެ އިހްތިސޯސްގެ ތެރޭގައި ހިމެނީ ވެސް މި ސަރުކާރުންނެވެ. އަދި އެ ނިންމުން ބަދަލުކޮށް، ރަށް ވަކިކުރީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސަށް އޮންނަ ބާރުގެ ދަށުންނެވެ. ފިއްލަދޫއާ އެއް ބިމެއްގައި އަދި އެއް ފަޅެއްގައި އޮންނަ ދައްޕަރު އަނބުރާ ހޯދުމަށް އެ ރަށުގެ ރައްޔިތުން ޕެޓިޝަނެއް ވެސް ތައްޔާރުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ