ހައިކޯޓާއި ކްރިމިނަލް ކޯޓަށް ފަނޑިޔާރުން އައްޔަން ކޮށްފި

ދިވެހިރާއްޖޭގެ ހައިކޯޓާއި، ކްރިމިނަލް ކޯޓަށާއި މެޖިސްޓްރޭޓް ކޯޓުތަކަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފަނޑިޔާރުން އައްޔަނު ކޮށްފިއެވެ.ފަނޑިޔާރުން ހުވާކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަނޑިޔާރުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.ހައިކޯޓުގެ ފަނޑިޔާރަކަށް މިއަދު އައްޔަންކުރެއްވީ މުހައްމަދު ޝަނީޒް އަބްދުﷲ އެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކުރެއްވީ އާއިޝަތު ނުޒުހާ އެވެ.މީގެ އިތުރުން ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވި އައިޝަތު ޝިހާބު ވަނީ ހުވާ ކުރައްވާފަ އެވެ. ހައިކޯޓަށް އައްޔަނުކުރި އަލްއުސްތާޛު މުހައްމަދު ޝަނީޒް އަބްދުﷲ ވަނީ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ އަދި ވިލާ ކޮލެޖްއިން މާސްޓާސް އޮފް ޝަރީއާ އެންޑް ލޯ (ސްޕްޝަލައިޒޭޝަން އިން ކްރިމިނަލް ލޯ) ހާސިލްކުރައްވާފައެވެ. ޝަރުއީ އަދި ޤާނޫނީ ދާއިރާގައި 9 އަހަރު ދުވަހަށްވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރިއިރު ހުންނެވީ ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމުގެ މަޤާމްގައެވެ.ކްރިމިނަލް ކޯޓަށް އައްޔަނުކުރި އަލްއުސްތާޛާ އާއިޝަތު ނުޒުހާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ (ވިތް އޮނަރސް) އަދި މާސްޓަރ އޮފް ލޯ ޙާސިލްކުރައްވާފައިވެއެވެ. ކްރިމިނަލް ކޯޓުގެ ލީގަލް އޮފިސަރެއްގެ މަޤާމް އަދާކުރައްވަމުން ގެންދެވި އަލްއުސްތާޛާ އާއިޝަތު ނުޒުހާވަނީ ޤާނޫނީ ދާއިރާގައި 07 އަހަރު ދުވަހުގެ ދިގުމުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ.ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް އައްޔަނުކުރި އަލްއުސްތާޛާ އައިޝަތު ޝިހާބް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރިއާ އެންޑް ލޯ ހާސިލްކުރައްވައިފައެވެ. ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ނިންމެވިއިރު، އަލްއުސްތާޛާ އައިޝަތު ޝިހާބް ހުންނެވީ ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ