ރިސޯޓް ލީގު 2023: އެންމެ ފަހުގެ ޗެމްޕިއަން ބަރޮސް ކަޓުވާލުމަށްފަހު ކުޑަހުރާ ކުއާޓާއަށް!

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ނޯތު މާލޭ ޒޯނުގައި މިއަދު ހަވީރު ކުޅެވުނު ދެވަަނަ މެޗުގައި ގުރޫޕް "ސީ" ގައި، އެންމެ ފަހުގެ ޗެމްޕިއަން ބަރޮސް 3-2 ގެ ނަތީޖާއަކުން ބަލިކޮށް ކުޑަހުރާ އިން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ކުޑަހުރާ އިންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހިމް ޒިޔާން އެވެ. މިއީ ބަރޮސްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ބޯޅައެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ކުޑަހުރާ އިން ލީޑު ނެގިތާ މިނެޓެއް ފަހުން ބަރޮސް އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުމަދު ތޮލާލް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ބަރޮސް އިން މެޗުގެ ނަތީޖާ އެއްވަރުކުރިތާ މިނެޓެއް ފަހުން ކުޑަހުރާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެޓީމުގެ ޒިމާމް ޒާހިރު ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއާއެކު ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ކުޑަހުރާ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު، ބަރޮސް އިން ވަނީ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ހަސަން ސަލީމް އެވެ. މިއީ ވެސް އެޓީމަށް ލިބުނު ކޯނަރެއްގައި ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި މެޗުން ކުޑަހުރާ މޮޅުވި ލަނޑަކީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ވިޝާން ހަބީބް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ ކުޑަހުރާއިން އުފެއްދި ކައުންޓާ އެޓޭކެއްގައި އެޓީމުގެ އިބްރާހިމް ޒިޔާން ޖައްސާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. އޭރު އެޓީމުގެ ކީއްޕަރު ވެސް ހުރީ އެ ބޯޅައަށް ކުރިއަށް ނުކުމެ އެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ 
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެކު ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ކުޑަހުރާ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކުރި އިރު މި މެޗުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ބަރޮސް ވަނީ މުބާރާތުން ކަޓާފައެވެ. 
މިގުރޫޕުން ދެވަނަ ލިބުނީ މިއަދު ހަވީރު ކުޅެވުނު ދެވަނަ މެޗުގައި 12-5 ގެ ނަތީޖާއަކުން ޖުމެއިރާ އަތުން މޮޅުވި ކޮއްދިއްޕަރަށެވެ. އެޓީމަށް ކުއާޓާގެ ފުރުސަތު ލިބުނީ ޕޮއިންޓުގެ ގޮތުން ބަރޮސް އާއި އެއްވަރުވެ ފައިދާ ގޯލުގެ ތަފާތުންނެވެ. ތިން މެޗުން ކުޅެގެން މި ދެޓީމަށް ވެސް ހަތަރު ޕޮއިންޓް ލިބުނުއިރު، ބަރޮސް އަށް ލިބުނީ ފައިދާ ދެ ލަނޑެވެ. އަދި ކޮއްދިއްޕަރަށް ވަނީ ފައިދާ ހަތަރު ލަނޑު ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ