ސައުދީ ޕްރޮފެޝަނަލް ލީގުގެ މިރޭ ރަށުން ބޭރުގައި އަލް ތާއީ 2-0 ގެ ނަތީޖާއަކުން ބަލިކޮށް އަލް ނަސްރު އިން އެއްވަނައިގައި އޮތް އަލް އިއްތިހާދާއި ދެމެދުގައި އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފި އެވެ.
މިރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އަލް ނަސްރު ކުޅުނު ނަމަވެސް މިހާފުގައި އަލް ތާއީގެ ގޯލާއި އަމާޒުކޮށް އެޓީމަށް ފޮނުވާލެވިފައި ވަނީ އެންމެ ދެ ހަމަލައެވެ. އަލް ތާއީގެ ފަރާތުން ފުރަތަަމަ ހާފުގައި ރަގަޅު ޑިފެންސިވް ކުޅުމެއް ފެނިގެންދިޔަ އިރު، މިހާފުގައި އަލް ނަސްރުގެ ގޯލާއި އަމާޒުކޮށް އެޓީމަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.
ދެވަނަ ހާފު ފެށިގެން ހަތްވަނަ މިނެޓުގައި އަލް ނަސްރަށް ލިބުނު ޕެނަލްޓީއަކުން އެޓީމަށް ލީޑު ހޯދައިދިނީ އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ މިސީޒަނުގައި ލީގުގައި ކުޅުނު 14 މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި 13 ވަނަ ލަނޑެވެ.
Advertisement
މި މެޗުގައި އަލް ނަސްރު އިން ކާމިޔާބުކުރި ދެވަނަ ލަނޑު ފަހު ހާފުގެ 80 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް އެންޑަސަން ޓަލިސްކާ އެވެ. މިއީ މިސީޒަނުގައި ލީގުގައި އޭނާ ކުޅުނު 20 މެޗުގައި ކާމިޔާބުކުރި 17 ވަނަ ލަނޑެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު 27 މެޗުން އަލް ނަސްރަށް 60 ޕޮއިންޓް ލިބިފައިވާއިރު، އެއްވަނައިގައި އޮތް އަލް އިއްތިހާދަށް 27 މެޗު ކުޅެގެން ލިބިފައިވަނީ 63 ޕޮއިންޓެވެ. މިރޭ ރަށުން ބޭރުގައި އަލް ހިލާލް އާއި ދެކޮޅަށް އެޓީމު ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން ލީގު ހޯދުމުގެ ވާދަވެރިން ވަނީ ބޮޑުވެފަ އެވެ.
ލީގުގައި ކޮންމެ ޓީމަކަށް ބާކީ ތިން މެޗު އޮތްއިރު ޕޮއިންޓުގެ ގޮތުން އަލް ނަސްރު އާއި އަލް އިއްތިހާދު އެއްވަރުވެއްޖެނަމަ ޗެންޕިއަންކަން ލިބޭނީ ގޯލުގެ ތަފާތުން ކުރި ލިބޭ ޓީމަކަށެވެ. މިވަގުތު މި ދެޓީމަށް ވެސް ފައިދާ 44 ގޯލު އޮތްއިރު ، ދެޓީމުގެ ދެމެދުގައި އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ.
އަލް އިއްތިހާދު އެއްވަރުވެ، އަލް ނަސްރު މޮޅުވުމުން ލީގުގެ ފޯރިގަދަ ވެއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ