ނަޝީދުގެ ފޮޓޯ ވިއްކައިގެން ގޮނޑި ހޯދާ ވާހަކަ ދެނެއް ނުދެއްކޭނެ: ރޮޒައިނާ

މަޖިލީސް ގޮނޑި ހޯދީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފޮޓޯ ވިއްކައިގެންކަމަށް ބުނެ އިތުރަށް ދެން ވާހަކަ ނުދެއްކޭނެކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ. 
ރޮޒައިނާ މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރައީސް ނަޝީދުގެ އެހީތެރިކަމާއި ނުލާ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރުމާއި ގުޅިގެން ނަޝީދު ފަޅީގައި ތިއްބެވި ބައެއް ބޭފުޅުން އަމާޒުކުރައްވަމުންދާ ފާޑުކިޔުންތަކަށް ޓްވީޓާގައި ރައްދުދެއްވަމުން ނެވެ. 
އެމްޑީޕީ މި އިންތިޚާބު ކާމިޔާބު ކުރީ ފައިސާ އާއި ސަރުކާރުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެންކަމަށް އެމްޑީޕީގެ މެމްބަރު މުޙައްމަދު ވަޙީދު ވިދާޅުވެފައިވާ ޓްވީޓެއް ހިއްސާ ކުރައްވާ ރޮޒައިނާ ވިދާޅުވީ ވަހީދު އެ މޭރުމުން ވާހަކަ ދައްކަވަމުން ދަނީ ނަޝީދާއި ނުލައި އެމްޑީޕީން އިންތިޚާބު ކާމިޔާބުކުރުން ހަޖަމު ނުކުރެވިގެން ކަމަށެވެ. 
Advertisement
އޭނާ ވިދާޅުވީ އެމްޑީޕީ "ކަލްޓަކުން" ޑިމޮޕްރެޓިކް ޕާޓީ އަކަށް ބަދަލުވީ އަދި ކިރިޔާ ކަމަށެވެ. 
ނަޝީދުގެ ފޮޓޯގަނޑު ވިއްކައިގެން ނޫނީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަމަށް ދެކުނު ފަލްސަފާ ބަދަލުވެއްޖެ ކަމަށާއި، ދެން އިތުރަށް ނަޝީދުގެ ފޮޓޯގަނޑުގެ ވާހަކަ ނުދެއްކޭނެކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ. 
"އަދި ކިރިޔާ އެމްޑީޕީ ކަލްޓަކުން ޑިމޮކްރެޓިކް ޕާޓީ އަކަށް މި ބަދަލުވީ. ދެން ތިގެންގުޅޭ ފޮޓޯ ވިއްކައިގެން ގޮނޑި ހޯދާވާހަކަ ދެއްކޭނެ ދުވަސް ނިމުމަކަށް އައިއްސަ މިއޮތީ. ސަރުކާރުގެ ވަސީލަތްތައް މިއަދު ޕީޕީޕީ ގެ ނަމަކު ނުބަހާނެ. ރައްޔިތުންނަށް ހިދުމަތްކުރަން ބޭނުންކުރާނީ. ހަޖަމުކޮއްލާ"
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް 
މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރުމާއި ގުޅިގެން އެކަމުގެ އުފާ ފާޅުކުރަމުންދާއިރު، އެމްޑީޕީގައި ތިއްބެވި ރައީސް ޞާލިހަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވަމުންދަނީ އެ ކާމިޔާބީ ނިސްބަތްވަނީ ރައީސް ޞާލިހަށް ކަމަށެވެ. 
ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބުވީ ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުން ބަލައިގެންފައި ވާތީ ކަމަށާއި، ގޮނޑި ކާމިޔާބު ކުރެވުމަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ބާރެއްކަމަށް ރައީސް ޞާލިހު ފަޅީގައި ތިއްބެވި މެމްބަރުން ދަނީ ވިދާޅުވަމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ