ގުރައިދޫ ދާއިރާގެ ނަތީޖާއިން ރައީސް ޔާމީނަށް 2023ގެ އުއްމީދު އިތުރުވެއްޖެ: ޝިޔާމް

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާއިން އިދިކޮޅު މައި ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް 2023ގެ ރިޔާސީ އިންތިހާބުގެ އުއްމީދު އިތުރުވެއްޖެ ކަމަށް ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ
އެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓް އިބްރާހިމް ޝާޒަށް 50 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވި އިރު، ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ހުސެއިން ރިޒާ އާދަމަށް ލިބިވަޑައިގެންނެވީ 45 ޕަސެންޓް ވޯޓެވެ. ޝާޒްއާއި ރިޒާއާ ދެމެދު އޮތީ 120 ވޯޓުގެ ފަރަގެކެވެ.
ޝިޔާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނުން ބުނެދޭ އެންމެ ބޮޑު ހަގީގަތަކީ ބާރަކާ ނުފޫޒާއެކު ސަރުކާރަށް ލިބުނީ 48 ޕަސެންޓް ކަމަށެވެ.
“މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެވަނަ ދައުރެއްގެ ހުވަފެންފުޅުގައި ކުލަނުޖެހޭނެކަން ކަށަވަރުކޮށްދޭ ނަތީޖާއެއް. ރައީސް ޔާމީނަށް 2023ގެ އުއްމީދު އިތުރުވި ނަތީޖާއެއް،” ޝިޔާމް ވިދާޅުވެފައިވެ އެވެ.
ޝިޔާމް މިހެން ވިދާޅުވި އިރު، އިދިކޮޅުގެ ބައެއް އެހެން ބޭފުޅުން ގެންދަވަނީ އިންތިހާބަށް ސަރުކާރާއި އެމްޑީޕީން ނުފޫޒު ފޯރުވައި ފައިސާ ބަހާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ