'ސިތާރޭ ޒަމީން ޕަރު' ޔޫޓިއުބަށް
މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި އާމިރު ޚާންގެ ފިލްމު "ސިތާރޭ ޒަމީން ޕަރު" މާދަމައިން ފެށިގެން ޔޫޓިއުބް މެދުވެރިކޮށް ސްޓްރީމްކުރަން ފަށާނެކަން އިއުލާނުކޮށްފިއެވެ. މުމްބާއީގައި ބޭއްވި ހަފްލާއެއްގައި މިކަން އިއުލާނުކުރަމުން އާމިރު ޚާން ބުނީ، ތިއޭޓާތަކުން ފިލްމުތައް ބަލާލުމުގެ ފުރުސަތު ނުލިބޭ އޯޑިއަންސާ ހަމައަށް ވާސިލުވާނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ވޭތުވެދިޔަ 15 އަހަރު ވަންދެން އޭނާ ވަނީ ކޮށްފައެވެ. ޔޫޓިއުބަކީ މި ފަހަކަށް އައިސް ގިނަ ބަޔަކު ބޭނުންކުރާ ވަރަށް ގިނަ ޑިވައިސްތަކުގައި ލިބެން ހުންނަ ވަސީލަތެއް ކަމުން މިއީ ލުއި ފަސޭހަ ގޮތަކަށް އާމިރުގެ ފިލްމުތައް ބަލާލަން ބޭނުންވާ ގިނަ ފަރާތްތަކަށް ހޯދައިދެވުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. ފިލްމު "ސިތާރޭ ޒަމީން ޕަރް"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ ފިލްމު "ސިތާރޭ ޒަމީން ޕަރު" ސްޓްރީމް ކުރާނީ އާމިރުގެ އަމިއްލަ ޔޫޓިއުބް ޗެނަލް "އާމިރު ޚާން ޓޯކީސް" މެދުވެރިކޮށެވެ. މި ފިލްމު ބަލާލުމަށް ބެލުންތެރިންގެ އަތުން 100 ރުޕީސްގެ ފީއެއް ނެގޭނެ ކަމަށް އާމިރު ވަނީ ބުނެފައެވެ. އިންޑިއާގެ އިތުރުން ބައިނަލްއަޤުވާމީ 38 މާކެޓަކަށް ޔޫޓިއުބް މެދުވެރިކޮށް ފިލްމު ސްޓްރީމްކުރުމުގެ ފުރުސަތު އާމިރުގެ ފިލްމު ކުންފުނިން ވަނީ ފަހިކޮށްދީފައެވެ. އޭގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ޖަރުމަން، އޮސްޓްރޭލިއާ، ސިންގަޕޫރު އަދި އިންޑޮނޭޝިއާ ހިމެނެއެވެ. މި ފިލްމު ޔޫޓިއުބްގައި ސްޓްރީމްކުރެވޭނީ އެކި ބަހުރުވައިންނެވެ. ޔޫޓިއުބް މެދުވެރިކޮށް އާމިރުގެ ފިލްމު ސްޓްރީމްކުރަން ނިންމި ނިންމުމަކީ އިންޑިއާގެ ފިލްމުތައް ބަލާލަން ބޭނުންވާ ގިނަ ބަޔަކަށް ހަމަހަމަ ފުރުސަތެއް ހޯދައިދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ޔޫޓިއުބް އިންޑިއާގެ މެނޭޖިން ޑިރެކްޓަރު ގުންޖަން ސޯނީ ވަނީ ފާހަގަކޮށްފައެވެ. އާމިރުގެ މި ނިންމުމާ އެކު ފިލްމު "ސިތާރޭ ޒަމީން ޕަރު" ޔޫޓިއުބް ފިޔަވައި، އިތުރު އެހެން އެއްވެސް ޕްލެޓްފޯމެއްގައި ސްޓްރީމް ނުކުރާނެއެވެ. އާމިރުގެ ކުރިއަށް ހުރި ފިލްމުތައް ވެސް ސްޓްރީމްކުރަން ނިންމާފައިވަނީ ޔޫޓިއުބް މެދުވެރިކޮށް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. މި ފަހަކަށް އައިސް އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ފިލްމުތަކާއި ސީރީޒްތައް ޑިޖިޓަލް ޕްލެޓްފޯމްތަކަށް ވިއްކާލުމާ އެކު ފިލްމު ޕްރޮޑިއުސަރުންނަށާއި ޑިސްޓްރިބިއުޓް ކުރާ މީހުންނަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭކަން އާމިރު ވަނީ ފާހަގަކޮށްފައެވެ. އޭގެ ސަބަބުން ތިއޭޓަރުތަކަށް ފިލްމު ބަލަން ވަންނަ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަށްވަމުން އަންނަކަން ވެސް އާމިރު ވަނީ ފާހަގަކޮށްފައެވެ. އާމިރުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ކުރިމަގުގައި ފިލްމުތައް ސްޓްރީމްކުރަން ޝައުގުވެރިވާ ޕްރޮޑިއުސަރުންނަށް އެ ފުރުސަތު އެބައޮތް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އާމިރުގެ ކުރީގެ ފިލްމުތައް ވެސް އެކްޓަރުގެ ޕްލެޓްފޯމް މެދުވެރިކޮށް ސްޓްރީމްކުރަން ޝައުގުވެރިވާ ޕްރޮޑިއުސަރުންނާ އެކު އެކަމާ ގުޅޭ މަޝްވަރާތައް ކުރަން ވެސް އެކްޓަރު ހުރީ ތައްޔާރަށެވެ. ފިލްމު "ސިތާރޭ ޒަމީން ޕަރު"އަށްފަހު އާމިރު އަންނަނީ އިތުރު ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ އޭނާގެ އަމިއްލަ ފިލްމު ކުންފުނިން އަމިއްލައަށް ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމު "ލާހޯރު 1947" އަދި ދަރިފުޅު ޖުނައިދު ޚާން އާއި ބަތަލާ ސައި ޕައްލަވީ އެކީގައި ފެންނާނެ ފިލްމު "އޭކް ދިން"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ