ބައިވެރިޔާއަށް މަކަރުހެދުމަކީ ގިނަބައަކު ކުރާ ކަމެއްތޯ އާއި ކުރާނަމަ އެއީ ކީއްވެގެންތޯ ވަރަށް ގިނަ ކްލައިންޓުން ސުވާލުކުރެއެވެ. އަހުރެން އެމީހުންނަށް ވިސްނައިދޭން މަސައްކަތްކުރަނީ މަކަރުހެދުން ގިނަވަމުން އަންނަކަމާއި އެކަމުގައި ކިތަންމެ ސަބަބުތަކެއް މެދުވެރިވާ ކަމަށެވެ.
އަހުރެން ބުނާނީ ގިނަބައަކު މަކަރުހަދަނީ ކޮންމެހެން މާބޮޑު މައްސަލައެއް އޮވެގެން ނޫންކަމަށާއި އެކުގައި އުޅެވޭ އެކުވެރިންގެ ކިބައިން އެފަދަ ކަންކަން ފެނި ކަންކަން ކުރަން މަގުފަހިވާތީ ކުރެވެނީ ކަމަށެވެ. އެހެން ބުނަން ޖެހޭ ސަބަބަކީ ބައިވެރިޔާއަށް މަކަރު ހެދުމަށްފަހު ފަހުން އެކަމާ ދެރަނުވާ މީހުން މަދުކަމުންނެވެ.
ވަރަށް ކެރިހުރެގެން ބުނަމެވެ. ގިނަ ބައަކު އެގޮތަށް ކަންތައް ކުރެވުނީތީ ދެރަވެ ހިތާމަކުރެއެވެ. އެކަމުން އަރައިގަނެވޭނެ ގޮތަކާއިބެހޭ ގޮތުން ސުވާލުކުރެއެވެ. އަދި ބައިވެރިޔާއަށް ވިސްނައިދީގެން މާފުހޯދައިދެވޭތޯ ބަލައި ދިނުމަށްވެސް އެދެއެވެ. އެގޮތަށް އެދުމުން އެކަމަށް މަސައްކަތްވެސް ކޮށްދެމެވެ. އެކަމަކު އެކަން ކާމިޔާބުކުރެވޭ ނިޞްބަތަށް ބަލާއިރު އެއީ ވަރަށް މަދު ޢަދަދެކެވެ.
ދެވަނަ ސަބަބެއްވެސް ފާހަގަކޮށްލާނަމެވެ. އެއީ މަސައްކަތު މާޙައުލެވެ. ތިމާގެ މައްޗަށް ހުންނަ މީހެއްގެ ރުހުން ހޯދަން ބޭނުންވާވަރު ބޮޑުވުމުންވެސް އެނުބައި ކަންތައް ކުރެވެއެވެ. ވިސްނިފައި އޮންނަނީ އެކަންކަން ދުވަހަކުވެސް ބޭޒާރުނުވާނެ ކަމަށެވެ. ނަމަވެސް އެކަން އެހެނަކުން ނުވެއެވެ. ލަހުން ނަމަވެސް ބޭޒާރުވެއެވެ.
އަހުރެންގެ އިލްތިމާސަކީ ޒަވާޖީ ޙަޔާތެއް ފަށައި ދިރިއުޅެމުން އަންނައިރު މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމެވެ. ބައިވެރިޔާއަށް ވަފާތެރިވުމުން ކުރާނެ ފައިދާ މާބޮޑުވާނެއެވެ. އަދި އެފަދަ ނުބައިކަމަކަށް ބިރުކެނޑުމަކީ ދެވިހިފާނެ ކަމެކެވެ. އެފަދަ މީހަކަށް އަބަދުވެސް ޖެހޭނީ ކަރުނައަޅާށެވެ!
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
ބައިވެރިޔާއަށް މަކަރުހެދުމަކީ ގިނަބައަކު ކުރާ ކަމެއް ހެއްޔެވެ؟ ކުރާނަމަ އެއީ ކީއްވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ