އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 20 ވަނަ އަހަރީ ދުވަހާއި ގުޅުވައި އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވަން ތައްޔާރުވަމުންދާ "ރަންރީނދޫ" ދުވުން ބޭއްވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްދަ ނުދިން މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިއްޔެ ހުށަހަޅައިފި އެވެ.
އެމްޑީޕީން އީސީއަށް ފޮނުވި ސިޓީގައި ވަނީ އެޗްޑީސީއާ މަޝްވަރާ ކޮށްގެން ރަންރީނދޫ ދުވުން އެ ޕާޓީއަށް ހުޅުމާލޭގައި ބޭއްވޭނެ އިންތިޒާމު ހަމަޖެހޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެދިފަ އެވެ.
"ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު މަޝްވަރާކުރައްވައި، މި ޕާޓީއިން ރާވާފައިވާ ގޮތުގެ މަތިން، 18 ޖުލައި 2025 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރަންރީނދޫ ދުވުން، ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައި ބޭއްވޭނެ އިންތިޒާމު ހަމަޖެހޭނޭ ގޮތް ހައްދަވައިދެއްވުން އެދި، ތިޔަ ކޮމިޝަނުގައި ދެންނެވިން،" އެމްޑީޕީން އީސީއަށް ފޮނުވި ސިޓީގައި ބުންޏެވެ.
އެމްޑީޕީން ބުނީ ދުވުން ބޭއްވުމަށް އެންމެ އެކަށީގެންވާ ސަރަހައްދަކީ ހުޅުމާލެ ސެންޓްރަލް ޕާކް ވަށައިގެންވާ ސަރަހައްދު ކަމަށްވާތީ، އެތަން ހަމަޖައްސައި ދިނުމަށް ޖޫން 22، ގައި އެދުމުން އެ ސަރަހައްދު ސިޔާސީ ހަރަކާތްތަކަށް ދޫކުރެވެން ނެތް ކަމަށް އެޗްޑީސީން އަންގާފައިވާ ކަމަށެވެ.
އެމްޑީޕީން ބާއްވާ ދުވުމަކީ ސިޔާސީ އެއްވުމެއް ނޫންކަން ސާފުކޮށްދިނުމާއެކު، ޖުލައި 6، ގައި އިތުރު ސިޓީއެއް އެޗްޑީސީއަށް ފޮނުވުމުން އަނެއްކާ ވެސް ހުއްދަ ދެވެން ނެތް ކަމަށް އެ ކޯޕަރޭޝަނުން އަންގާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
"މި ޕާޓީގެ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމަކީ ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރާ ބަޔަކަށް ނުވަތަ ޕާޓީގެ މެންބަރުންނަށް ހާއްސަކުރެވިގެން ބާއްވާ ހަރަކާތެއް ނޫން. މި ހަރަކާތުގެ ތަބީއަތަށް ބެލިނަމަވެސް، ސިޔާސީ ހަރަކާތެއްގެ ގޮތުގައި މިކަން ސިފަކުރެވެންޖެހޭ ހަމައެއް ނެތް،" އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން އިތުރަށް ބުނީ ސެންޓްރަލް ޕާކު ސަރަހައްދަކީ، ދައުލަތުގެ ހަރަދުގައި އާންމު ބޭނުންތަކަށް ތަރައްގީކޮށްފައިވާ އާންމު ވަސީލަތެއް ކަމަށާއި ސިޔާސީ ޕާޓީތަކަކީ ދިވެހި އާންމު ރައްޔިތުންގެ މައްޗަށް އެކުލެވިގެންވާ ޖަމާއަތެއްކަމުން ވަކި ވަކި ފަރުދުންނަށް އެތަނުގެ ބޭނުންހިފުމުގެ ހައްގު ލިބިދެވޭ އުސޫލުން ސިޔާސީ ޕާޓީތަކަށް ވެސް އެ ހައްގު އޮންނާނެ ކަމަށެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި ބާއްވަން ތައްޔާރުވާ ދުވުމަކީ އެ ޕާޓީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި "ރަން ރީނދޫ" ގެ ނަމުގައި ފަށާ ދުވުމެކެވެ. އަންނަ ހުކުރު ދުވަހު ފަށާ އެ ދުވުން ނިންމަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ މެއި މަހު އެވެ.
މީގެއިތުރުން ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅުވައިގެން ޖަލްސާތައް ބާއްވަން ނިންމާފައިވާއިރު، އަންނަ އޯގަސްޓް މަހު މާލޭގައި ޖަލްސާއެއް ބާއްވާނެކަން އެ ޕާޓީން ވަނީ އިއުލާންކޮށްފަ އެވެ.
އެމްޑީޕީގެ "ރަންރީނދޫ" ދުވުން ބާއްވަން އެޗްޑީސީން ހުއްދަ ނުދިން މައްސަލަ އީސީއަށް ހުށަހަޅައިފި އެމްޑީޕީގެ "ރަންރީނދޫ" ދުވުން ބާއްވަން އެޗްޑީސީން ހުއްދަ ނުދިން މައްސަލަ އީސީއަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ