ލޮލަކަށް ނުފެނޭ، އެކަމަކު މޮޅު އިލެކްޓްރީޝަނެއް

ޓީވީ ހުޅުވާލި އިރު، ކޭބަލް ޓީވީގެ ހިދުމަތް ހުރީ ކެނޑިފަ އެވެ. ޓީވީން ފެންނަ ލިޔުމުގެ މެދަށް އޮތީ ކުޑަ 'ރޭޑިއޯއެއް' އަރައިފަ އެވެ. އއ. ތޮއްޑުއަށް ކުރި ދަތުރެއްގައި ކުރިމަތިވި އެ މައްސަލަ ހައްލުކުރަން ގުޅަން ޖެހުނީ، އެ ރަށު އަލީ ނައުޝާދު ނުވަތަ ރަށުގެ މީހުން ކިޔާ އުޅޭ ގޮތަށް ނައުބެ އަށެވެ.
ފޯނުން ވާހަކަ ދައްކަމުން އޭނާ އެދުނީ، ޑީކޯޑަރުގައި ނަމްބަރުތައް ޖަހާފައި ހުންނަ ފިތްތަކުގެ ތެރެއިން ތިނަކާ ދިމާ މަތީގައި އިންނަ ފިތަށް އޮބާލުމަށެވެ. އެ ފިތުގައި 'ލިޔުމެއް އޮންނާނެ' ކަމަށާއި އެއަށް އޮބާލުމުން 'ބަރާބަރު' ވާނެ ކަމަށް ބުންޏެވެ.
ވަރަށް ފަރިތަކަމާ އެކު ނައުޝާދު މައްސަލަ ހައްލުކޮށްދިނެވެ. އެކަމަކު ހައިރާންވީ، ރަށުގެ މަގްބޫލު އެ ޓެކްނީޝަނަކީ ލޮލަށް ނުފެންނަ މީހެއްކަން އެނގުމުންނެވެ. ލޮލުގެ ފެނުމުން މަހުރޫމްވެފައި ވިޔަސް، ކޭބަލް ޓީވީއަށް މައްސަލައެއް ދިމާވެއްޖެ ނަމަ، ރަށުގެ އެންމެން ކަހަލަ ގޮތަކަށް އެންމެ ފުރަތަމަ ހޯދަނީ އޭނާކަން އެނގުމުންނެވެ.
އުފަންވި އިރު ވެސް ނައުޝާދުގެ ލޮލުގެ މައްސަލަ ހުރެ އެވެ. ލޮލަށް ފެންނާތީ ސްކޫލަށް ދިޔަ އެވެ. އެކަމަކު ގްރޭޑް ހަޔަކާ ހަމައިން، އުމުރުން 12 އަހަރުގައި، އޭނާ ކިޔެވުމާ އަލްވަދާއު ކިޔަން ޖެހުނީ، ލޮލުގެ ފެނުން އެއްކޮށް ގެއްލުމުންނެވެ. ދެން އިންނަން ޖެހުނީ ގޭތެރޭގަ އެވެ. 
"އެހެން ދުވަަސްތައް ދަނިކޮށް އެއް ދުވަހު ޅިޔަނު އައިސް ބުނަނީ ހިނގާށޭ ފޫހިފިލުވާލަން ބޭރަށް ނުކުމެލަން. ފަހުން އެއްގޮތަކަށް ވެސް ބޭރަށް ނުކުމެ ނުހަދާތީ ނުކުންނަހިތް ނުވެސް ވޭ،" ނައުޝާދު ކިޔައިދިނެވެ.
"ބިރުވެސް ގަތް. ލޯއަނދިރި މީހަކު މަގުމައްޗަށް ނުކުމެ އުޅޭތީ މީހުން ދެކޭ ގޮތް ނޭނގޭތީ ވަރަށް ޖެހިލުންވި."
ޅިޔަނު ގެންދިޔައީ އޭނާ ހިތްއެދޭނެހެން ހީވާ ތަނަކަށެވެ. ތޮއްޑޫގެ ސޯސަން ކްލަބުގެ އިދާރާގައި ހުންނަ ކޭބަލް ޓީވީ ކޮންޓްރޯލް ރޫމަށެވެ. ލޮލުގެ ފެނުން އެއްކޮށް ގެއްލުމުގެ ކުރިން ވެސް އޭނާއަކީ ޑިޝް އެންޓަނާ މަސައްކަތްކުރާ ގޮތް ބަލައި، ޓީވީގައި ލޯ ޖައްސައިގެން ޗެނަލްތައް ބަދަލުވާ ގޮތް ހޯދާ އުޅުނު ކުއްޖެކެވެ. އެހެންވެ އެތަނުގައި ހުރި އެކިވަރުވަރުގެ ގޮބުތަކުގައި އަތްލަން ލިބުމުން، އެ ޝައުގު އިތުރަށް ބޮޑުވި އެވެ. ދެން އޭނާ ފެށީ އެ ހުނަރު އިތުރަށް ދަސްކުރުމުގެ މަސައްކަތެވެ. ލޯ އަނދިރިވުމުގެ ކުރިން ފެނި، ހަނދާނުގައި ހުރި އެއްޗެއްސާއި، އެކި އެއްޗެހީގައި އަތްލައިގެން ތަޖުރިބާކުރަން ފެށި އެވެ.
"ކަނެކްޓަރު ފުރަތަމަ ހަރުކުރި އިރު ފަސް އެތިވަރު ހަލާކުވެެގެން ދިޔަ. އެކަމަކު ބޮޑު މީހާ ބުނޭ ހެވޭ ހަލާކުވިޔަސް، ކުރާށޭ. ދެން އެހެން ހަރުކުރަމުން، ހަލާކުވަމުން ގޮސް އެ ދަސްވީ،" ނައުޝާދު ބުންޏެވެ.
އެއީ އޭނާގެ ފެށުމެވެ. އެގޮތަށް އެއްޗެހީގައި އަތްލައި ދަސްކުރަމުން ގޮސް، މީގެ ފަސް އަހަރު ކުރިން ރަސްމީކޮށް އެތަނުގައި ވަޒީފާ އަދާކުރަން ފެށި އެވެ. ހިމަ ނަރުތަކުގައި ކަރަންޓު ނެތް ނަމަވެސް، އޭނާ މަސައްކަތް ކުރަނީ އެކަމަށް ބޭނުންވާ ހާއްސަ ދަތި ކަހަލަ އެއްޗެހި އާލާތް ބޭނުންކޮށްގެންނެވެ.
ކޭބަލް އެޅުމުން ގޭގެއަށް ކަނެކްޝަން ގުޅައިދިނުމާއި ޑީކޯޑަރު ހަރުކުރުމާއި ޕެކޭޖްތައް އެކްޓިވޭޓް ކުރުމަކީ އޭނާގެ މައިގަނޑު މަސައްކަތެވެ. އެއް ފަހަރަކު، މަގު ކޮންނަމުން ދަނިކޮށް، އަޑީގައި އަޅާފައި އޮތް ކޭބަލެއް ބުރިވުމުން، ވަޅުގަނޑަށް ފައިބައި އެ ރަނގަޅު ވެސް ކުރި އެވެ. ލޯ އަނދިރި މީހަކު މިފަދަ ކަންކަން ކުރުމުން ގިނަ ބަޔަކު ހައިރާންވި އެވެ. ބައެއް މީހުން އޭނާ މަސައްކަތް ކުރަން ހުންނައިރު، ފޮޓޯ ވެސް ނަގާ ހަދަ އެވެ.
ޓީވީން މަންޒަރު ބަދަލުވުމުން އޭނާއަށް އެނގެ އެވެ. އަޑަށް އަންނަ ބަދަލުތައް އޭނާއަށް އެނގެ އެވެ. އަށް އަހަރު ވާންދެން، ގޭގައި، ޓީވީ ކުރިމަތީގައި އިންނަން ޖެހުމުން އެފަދަ ކުދިކުދި ކަންކަން ވެސް އޭނާގެ ސިކުނޑިއަށް ހުރީ ނަގައިގަނެވިފަ އެވެ. ރިމޯޓާއި ޑިޝް އެންޓަނާ ފަދަ ތަކެތީގައި ކުރިން އަތްލުމުގެ ފުރުސަތު ލިބިފައި ހުރުމުން، އެއީ ކިހިނެއް މަސައްކަތް ކުރާ އެއްޗެހިކަން އޭނާގެ ހަނދާނުގައި ހުރެ އެވެ.
އެކަމަކު އާ ޓެކްނޮލޮޖީއާ އެކު އެ އާލާތްތަކަށް އަންނަ ބަދަލުތައް ދެނެގަތުމަކީ އޭނާއަށް ކުރިމަތިވި ގޮންޖެހުމެކެވެ. އެކަމަށް އޭނާ އެހީ ހޯދަނީ ޅިޔަންބެ އާއި ކަސްޓަމަރު ކައިރިންނެވެ. ވަކި ފިތަކަށް އޮބީމައި ސްކްރީނަށް އަރާ އެއްޗެހި އޭނާ އަހަނީ ކައިރީގައި ހުންނަ މީހާ ކައިރީގަ އެވެ. އެކަމަކު ދެން ހަދަންވާ ގޮތާއި މައްސަލަ ހައްލުކުރަންވާ ގޮތް އޭނާއަށް އެނގެ އެވެ.
އެކަމަކު ނައުޝާދު ބުނާގޮތުގައި އޭނާގެ އެންމެ ބޮޑު އެހީއަކީ ރަށުގެ ރައްޔިތުން ދޭ އިތުބާރާއި އެއްބާރުލުމެވެ.
"ކަސްޓަމަރަކު ގުޅާލާފައި ބުނެފާނެ ކޭބަލްއަށް މައްސަލަ ދިމާވެއްޖެއޭ. ދެން އަޅުގަނޑު ބުނަނީ ބަލާ އަންނާށޭ، ދެން އެ މީހާ އަންނައިރު އަޅުގަނޑު ހުންނާނީ ޓޫލްބޮކްސް ހިފައިގެން ނުކުމެ. އޭނާއާ އެކު އެ ގެއަކަށް ގޮސް، އޭނާގެ ލޮލުން ބަލައިގެން، މައްސަލަ ހައްލުކުރަނީ،" ނައުޝާދު، 39، ބުންޏެވެ.
"ދުވަހަކު ވެސް ކަމެއް ގޯހަކުން ނުދޭ. މައްސަލައެއް ނުޖެހޭ."
އޭނާގެ ތަފާތު އަނެއް ކަމަކީ ކޮންމެ ގެއެއްގެ ވެސް ސާވިސް ނަމްބަރު ހިތުދަސްވުމެވެ. މީހަކު ގުޅާފައި ޕެކޭޖް އެކްޓިވޭޓްކޮށްދޭށޭ ބުނެފި ނަމަ އިތުރު އެހެން މައުލޫމާތެއް ހޯދުމަކާ ނުލައި، އެ ގޭގެ ސާވިސް ނަމްބަރުން ލޮގިންވެ، ޕެކޭޖް އަޅައިދެ އެވެ. ކަސްޓަމަރަށް އޭނާ ހަމައެކަނި ފޮނުވާލަނީ ބިލްކޮޅެވެ.
ނައުޝާދު ބުނިގޮތުގައި މުޖުތަމައުގެ އެހީތެރިކަން ލިބިއްޖެ ނަމަ، ނުކުޅެދުންތެރިކަން ހުރި މީހަކަށް ވެސް ކުރިއަށް ދެވިދާނެ އެވެ. ބޭނުންވަނީ މީހާގެ ހުނަރު ދެނެގަނެ، އެކަން ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލުމެވެ. ދެން އިތުބާރެވެ.
ލޮލަށް ނުފެނުން ފިޔަވައި، އޭނާގެ ފަރާތުން ނުކުޅެދުންތެރިކަމެއް ނުފެނެ އެވެ. އޭނާގެ މަަސައްކަތާއި ހުނަރުވެރިކަމުގެ ސަބަބުން، އެއީ ނުކުޅެދުންތެރިކަން ހުންނަ މީހެކޭ ވެސް ހީނުވެ އެވެ. އަނބިމީހާ އާއި ކުޑަދަރިފުޅާ އެކު އޭނާ ރަށުގައި ދިރިއުޅެމުން އަންނަނީ، އަމިއްލަ މަސައްކަތުން ހޯދާ އާމްދަނީންނެވެ. މީހުންނަށް އޭނާ ދޭން ބޭނުން ވަނީ ވެސް އެ މެސެޖެވެ.
"ނުކުޅެދުންތެރިކަމަކީ ގޭގައި އޮންނަން ޖެހޭ ކަމެއް ނޫން. އެމީހެއްގެ ހުނަރު ދެނެގަނެގެން، ކޮންމެ ކަމެއް ވެސް ކުރެވިދާނެ،" ނައުޝާދު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ