ބަހާލައިގެން ފައިސާ ދައްކަން އެއްބަސްވީ ކުންފުނީގެ މުވައްޒަފުން ބިކަވެ ދާނެތީ އެހެން ގޮތެއް ނެތިގެން ކަމަށް ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ފައިސާ ދައްކަން އެއްބަސްވުމުން ފްރީޒް ކުރި ވިލާގެ އެކައުންޓްތައް މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ރާއްޖޭން ބޭރުގައި ހުންނަވައިގެން މިއަދު ނޫސްއަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ، ވިލާ ގްރޫޕްގައި 5،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބީ އިރު ވިލާ ފައުންޑޭޝަންގެ އެހީގައި ބޭރުގައި ކިޔަވާ ގިނަ ކުދިންތަކެއް ތިބި ކަމަށެވެ. އަދި ސަރުކާރަށް ފައިސާ ދައްކަން އެއްބަސް ނުވެއްޖެ ނަމަ، ކުންފުނީގެ ހާލަތު އިތުރަށް ދަށަށް ގޮސް އެކަމުގެ ހުރިހާ ގެއްލުމެއް ކުރާނީ އޭނާގެ އިތުރުން އެ ފަރާތްތަކަށް ކަމަށް ގާސިމް ވިދާޅުވި އެވެ. އެ ހުރިހާ ފަރާތްތަކެއްގެ ހައްގުގައި ދައްކަން ނުޖެހޭ ފައިސާއެއް ދައްކަން އެންމެ ފަހުން އެއްބަސްވީ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"މުވައްޒަފުން ބިކަވެ، ކިޔަވަން ބޭރުގައި ތިބި ކުދިންގެ ކިޔެވުން ހުއްޓާލަން ޖެހި މި ކަންކަމަކީ އަޅުގަނޑަށް ބަލަން ކެތްކުރެވޭނެ ކަންކަމެއް ނޫން. އެހެންވެ އަޅުގަނޑު ނިންމީ ސަރުކާރާ އެކު ވާހަކަ ދައްކައިގެން ދައްކަން ބުނާ ފައިސާއެއް ބަހާލައިގެން ދައްކަން. މި އެންމެންގެ ހައްގުގައި އަޅުގަނޑަށް މި ނޫން ގޮތެއް ނެތުނީ،" ގާސިމް ވިދާޅުވެފައިވެ އެވެ.
އެކި ދުވަސްވަރު މަތިން ތަރައްގީ ކުރުމަށް ވިލާ ގްރޫޕުން ނެގި ރަށްތަކަށް ދައްކަން ޖެހޭ ކުއްޔާއި އެ ކުލި ނުދެއްކުުމުގެ ޖޫރިމަނާގެ ގޮތުގައި 90 މިލިއަން ޑޮލަރަށް ވުރެ ގިނައިން ދައުލަތަށް ދައްކަން އެންގި އެވެ. ނަމަވެސް އެ ފައިސާ ދައްކަން އިންކާރު ކުރުމުން ވިލާގެ އެކައުންޓްތައް ވަނީ ފްރީޒް ކުރި އެވެ. އެކަމަކު އިއްޔެ ވަނީ އެ އެކައުންޓްތައް ވެސް ދޫކޮށްލައިފަ އެވެ.
ގާސިމް ވިދާޅުވީ އެ ފިޔަވަޅާ ހުރެ މުވައްޒަފުންނަށް ރޯދަ އެލަވެންސާއި ސާވިސް ޗާޖް އަދި މުސާރަވެސް ހަމަޔަށް ނުދެވޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މުވައްޒަފުންނަށް ކުރިމަތިވާ ބިކަ ހާލު އެނގޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އެހެންވެ، މުވައްޒަފުން އިތުރަށް ހާލުގައި ޖައްސަން އޭނާ ބޭނުން ނުވީ ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.
ފައިސާ ދައްކަން އެއްބަސްވީ އެ ނޫން ގޮތެއް ނެތިގެން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ