ސިންގަޕޫރާއެކު ގުޅިގެން މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާ އެ ގައުމަކީ ރާއްޖެއަށް ވަރަށް މުހިންމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޖޭން އިޓޯގީ ޝަންމުގަރަނަމް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ޝަރަފުގައި، ދެއްވި ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނު ސިންގަޕޫރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުން ދެއްވި މެހުމާންދާރީއަށް އިހްލާސްތެރިކަމާއިއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ހާރިޖީ ގުޅުމުގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ދަތުރުފުޅެއް ކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ވާހަކަފުޅުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް ބައްލަވާލައްވައި، ދެ ގައުމުގެ ތަޖުރިބާތަކުން ކޮންމެ ގައުމަކަށް ހާސިލްކުރެވިދާނޭ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ. އެގޮތުން ރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަމާއި މާލީ އަދި ވިޔަފާރީގެ ދާއިރާއިން ސިންގަޕޫރު ހޯދާފައިވާ ކާމިޔާބީތަކަކީ މީގެ ބައެއް މިސާލު ކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
އަދި، ދެ ގައުމުގެ ދެމެދުގައި ކުރިއަށް ގެންދެވުނު ރަސްމީ ވާހަކަތަކާއި ސޮއިކުރެވުނު އެއްބަސްވުންތަކުގެ ނަތީޖާތަކަށް އެ މަނިކުފާނު މަރުހަބާ ވިދާޅުވި އެވެ. ބައިނަލްއަގްވާމީ ލޮޅުންތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސް ޝަންމުގަރަނަމް ވަނީ ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި، ހާއްސަކޮށް، މޫސުމީ ވިލުންތެރިކަމާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކުގައި، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފަ އެވެ.
މި ފަރިއްކޮޅުގައި ސިންގަޕޫރާއި ދިވެހިރާއްޖޭގެ ސަރުކާރުގެ ކެބިނެޓްގެ ވަޒީރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމީ ފަރިއްކޮޅުގެ ކުރިން، ދިވެހިރާއްޖެއާއި ސިންގަޕޫރުގެ 50 އަހަރުގެ ސިޔާސީ ގުޅުން ފާހަގަކުރުމުގެ ގޮތުން، ރައީސް ޝަންމުގަރަނަމް އާއި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ސްޓޭމްޕެއް ނެރެދެއްވާފަ އެވެ.
ސިންގަޕޫރާއެކު ގުޅިގެން މަސައްކަތް ކުރަން ތައްޔާރު: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ