ދިއްގަރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީ އަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ހުޅުވާލުމުން ތިން ބޭފުޅަކު ކުރިމަތިލެއްވި ނަމަވެސް ޝަރުތު ހަމަވީ ދެ ބޭފުޅުން ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ޓިކެޓް ހޯދަން ބޭނުންވާ ފަރާތްތަކަށް އެ ޕާޓީން ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވީ މިއަދު މެންދުރުފަހު 3:00 ޖެހިއިރު އެވެ.
އެ މުއްދަތުގެ ތެރޭގައި ކުރިމަތިލައްވާފައިވަނީ އެމްޑީޕީގެ ޗެއާޕާސަން ނައިބް އަދި ތްރީއޭ ކޮމްޕެނީ އެއް ޑިރެކްޓަރު އަލީ ޝިޔާމްގެ ކޮއްކޮ އިބްރާހިމް ޖިހާދާއި މ. މަޑުއްވަރީ ކާނިގޭ އަހުމަދު ރާޒީއާއި އެލްޖީއޭގެ ކުރީގެ ނައިބް ރައީސް ޝުޖާއު ހުސައިން އެވެ. ޝުޖާއު ޝަރުތު ހަމަ ނުވާ ކަމަށް އެމްޑީޕީން ވަނީ ނިންމާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ޕާޓީން ފުރުސަތު ހުޅުވާލީ އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޑަޓަކު ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނުމަށްފަހު އެވެ. އެ މަޝްވަރާތަކަށް ވީގޮތެއް އިދިކޮޅު ފަރާތްތަކުން ބުނެފައެއް ނުވެ އެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ދެ ފަރާތަކުން ކުރިމަތިލައްވާފައިވާއިރު ސަރުކާރު ހިންގާ ޕީޕީއެމްގެ ފަރާތުން އެ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިޝް މައުމޫނަށް ވަނީ ޓިކެޓް ދީފަ އެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން އޮންނާނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ. އެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ މެއި މަހުގެ 28 ވަަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ