އިތުރު ފަރުވާދެއްވުމަށް އަބްދުﷲ ހަމީދު ބެންގަލޫރަށް ގެންދަވައިފި

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ކުރީގެ މިނިސްޓަރު އަބްދުﷲ ހަމީދަށް އިތުރު ފަރުވާ ދެއްވުމަށް އިއްޔެ ބެންގަލޫރަށް ގެންދަވައިފިއެވެ.
އުމުރުން 76 އަހަރުގެ އަބްދުﷲ ހަމީދަށް އިތުރު ފަރުފަރުވާ ދެއްވުމަށް ބެންގަލޫރަށް ގެންދެވީ މައިނާ ސްޓްރޯކެއް ޖެހި، އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެއްވުމަށް ފަހުގައެވެ.
ބައެއް މިޑިޔާތަކަށް މައުލޫމާތު ދެއްވަމުން އަބްދުﷲ ހަމީދުގެ ދަރިކަލުން މައުމޫން ހަމީދު ވިދާޅުވީ ބައްޕާފުޅު އިއްޔެ ރާއްޖެއިން ބޭރަށް ގެންދެވިއިރު، ކުރިއަށްވުރެ ވަރަށް ބޮޑުތަން ހާލު ރަނގަޅުކަމަށެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުކަމާއި އެޓޮލްސް މިނިސްޓަރުކަން އަދި ސީނިއަރ މިނިސްޓަރކަން ކުރެއްވި އަބްދުﷲ ހަމީދަކީ ރައީސް މައުމޫނުގެ ކޮއްކޯފުޅު އަދި މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ބޭބެއެވެ.
އަބްދުﷲ ހަމީދަކީ މިނިސްޓަރުކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.
ނިޝާން އިއްޒުއްދީނުގެ ލަގަބު ލިބިވަޑައިގެންފައިވާ އަބްދުﷲ ހަމީދަކީ ދައުލަތަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ