ވިލިމާލޭގައި ހިންގަމުން އަންނަ ގަލަމް އިންޓަނޭޝަނަލް ޕްރީ ސްކޫލް ހިންގުމަށް އަންނަ ފަރާތާއެކު އެޑިއުކޭޝަން މިނިސްޓްރީން ހަދާފައިވާ އެއްބަސްވުން އުވާނުލެވޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުގެ ހުކުމްގައި ވަނީ ގަލަމް ސްކޫލު ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ތައުލީމީ ފަންޑާއި އެ ކުންފުންޏާ ދެމެދު 2013 ވަނަ އަހަރު ސޮއިކޮށްފައިވާ ކަމަށާއި، އެ ސްކޫލު މިހާތަނަށް ހިންގަމުން ދިޔައީ އެ އެއްބަސްވުމުގެ ދަށުން ނަމަވެސް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މިނިސްޓްރީން އެ އެއްބަސްވުން ބާތިލް ކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް، ގަލަމް ސްކޫލުގެ ހިންގުން އެޑިއު އޮޕްޝަންސްއާ ހަވާލު ކުރުމަށް ކޮށްފައިވާ އެގްރީމަންޓް މިނިސްޓްރީން ބާތިލް ކުރުން ސައްހަ ނޫން ކަމަށްވެސް ހުކުމްގައިވެ އެވެ.
އެ ގަޒިއްޔާގައި ބުނެފައިވާ ގޮތުގައި އެޑިއު އޮޕްޝަންސް އިން އެ ސްކޫލު ހިންގުމުގައި މިހާތަނަށް އަމަލުކޮށްފައި ވަނީ އެޑިއުކޭޝަނުން އެންގި ގޮތަށް ކަމަށާއި، އެ ގޮތުން، ސްކޫލު މެނޭޖްމަންޓުގެ ފަރާތުން ރަނގަޅުކޮށް އިސްލާހު ކުރަން ޖެހޭ ކަންތައްތައް ތަންފީޒު ކުރަމުންދާ ގޮތުގެ ޕްލޭނެއް އެ މިނިސްޓްރީ އަށް ފޮނުވުމަށް އެންގުމުން އެ ޕްލޭން ވެސް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޕްލޭނާ އެއްގޮތަށް ކަންތައްތަކެއް ރަނގަޅުކޮށްގެން ސްކޫލު ހިންގަމުންދާނަމަ، ތަން އުވައިނުލާނެ ކަމުގެ "ޟިމްނީ ވައުދެއް" އެ ހާލަތުގައި އުފަންވެފައިވާ ކަމަށް ވެސް ކޯޓުން ބުނެފައިވެ އެވެ.
އަދި "ކިޔަވައިދޭ ތަންތަން ރަޖިސްޓްރީ ކުރުމުގެ ގަވާއިދު"ގެ ދަށުން ސްކޫލުގެ ހިންގުން ރަނގަޅު ކުރުމަށް އެޑިއުކޭޝަނުން މުއްދަތެއް ދީފައިވީ ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ކަމާ ގުޅޭ ގޮތުން އެޑިއު އޮޕްޝަންސްގެ ފަރާތުން އެކަށައެޅި ޕްލޭނަށް މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައި ނުވާ ކަމަށް ހުކުމްގައިވެ އެވެ. އަދި އެގްރީމަންޓް އުވާލުމަށް ނިންމާފައި ވަނީ އެ ޕްލޭނާ އެއްގޮތަށް ކަންކަން ތަންފީޒު ކުރަމުން ދޭތޯ އެއްވެސް ވަރަކަށް ބެލުމެއް ނެތި ކަމަށް ވެސް ކޯޓުގެ ހުކުމްގައިވެ އެވެ.
ގަލަމް އިންޓަނޭޝަނަލް ޕްރީ ސްކޫލްގެ ނަމުގައި ވިލިމާލޭ ޕްރީ ސްކޫލް ހިންގުމަށް އެޑިއު އޮޕްޝަންސް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުމަކީ ބާތިލް ނުވެ ހިނގަމުންދާ އެއްޗެއް ކަމުގައި ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.
ވިލިމާލޭ ޕްރީ ސްކޫލް އުވާ ނުލެވޭނެ: ސިވިލް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ