ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ލިވިން އެލަވަންސް ދޭން ނިންމައިފި

ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ލިވިން އެލަވަންސާއި ސާވިސް އެލަވަންސް ދިނުމަށް ސްޕްރީމް ކޯޓުން ނިންމައިފި އެވެ.
އެގޮތަށް އިންތިޒާމްތައް ހަަމަޖެއްސުމަށްޓަކައި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ 53 ވަނަ މާއްދާ ސުޕްރީމް ކޯޓުން ވަނީ އިސްލާހުކޮށްފަ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސޮއިކުރައްވާ ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ލިވިން އެލަވަންސާއި ސާވިސް އެލަވަންސް ދޭން ނިންމީ އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގައި މަސައްކަތް ކުރާ މުވައްޒަފުން މިނިވަންކަމާއި މުސްތަގިއްލު ކަމާއެކު މަސައްކަތް ކުރުން ކަށަވަރުކުރުމަށްޓަކައި އެކަށީގެންވާ މިންވަރުގެ އުޖޫރައެއް ލިބިދިނުމަކީ މުހިއްމު ކަމެއް ކަމަށް ފެންނާތީ ކަމަށެވެ.
ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަސް މިހާރު ދެމުންގެންދަނީ ސާވިސް އެލަވަންސް އެކަންޏެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގެ 53 ވަނަ މާއްދާ (ނ)ގައި ބުނެފައިވަނީ ކޮންމެ މުވައްޒަފަކަށް ވަޒީފާ ދިން ކަން އަންގާ ޗިޓުގައި އެ މުވައްޒަފަކަށް ކަނޑައެޅިފައިވާ ސާވިސް އެލަވަންސާއި ލިވިން އެލަވަންސް ބަޔާންކުރަންވާނެ ކަމަށެވެ. އެހެން މަގާމަށް ބަދަލުކުރެވޭ މުވައްޒަފެއްް ނަަމަ ވަޒީފާ ބަދަލުކުރިކަން އަންގާ ޗިޓުގައި އެ މުވައްޒަފަކަށް ކަނޑައެޅިފައިވާ ސާވިސް އެލަވަންސާއި ލިވިން އެލަވަންސް ބަޔާންކުރަންވާނެ ކަމަށްވެސް އެ މާއްދާގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ