ޖުވެނައިލް ކޯޓުން މައްސަލަތަށް ބަލައިގަނެ ޝަރީއަތްތަށް ކުރިއަށް ގެންދަން ނިންމައިފި

ޕީޖީގެ ޒިންމާ އަދާކުރާނެ ފަރާތެއް ނެތްނަމަވެސް އެ އޮފީހުން ހުށައަޅާ މައްސަލަތައް ބަލައިގަނެ ޝަރީއަތްތައް ކުރިއަށް ގެންދަން ޖުވެނައިލް ކޯޓުން ނިންމައިފި އެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މައްސަލަތައް ބަލައިގަނެ، ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިއަދު ބޭއްވި އެކޯޓުގެ ފަނޑިޔާރުންގެ އާއްމު މަޖިލީހުން ކަމަށެވެ. އެކަމުގައި އުއްތަމަ ފަނޑިޔާރު ވެސް ލަފާ ދެއްވީ މިދިޔަ ފެބްރުއަރީ ހަ ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ އެއްގޮތަށް އަމަލު ކުރުމަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ
ޕީޖީގެ މަގާމު ހުސްވެފައި ވަނިކޮށް ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުރި ހުސައިން ޝަމީމް މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ޖުވެނައިލް ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމާއި މައްސަލަތައް ބަލައިގަތުން އޮތީ މަޑުޖައްސާލައިފަ އެވެ
ސުޕްރީމް ކޯޓުން ނެރެފައިވާ އެ އަމުރުގައި ބުނެފައިވަނީ ޝަރީއަތްތައް ކުރިއަށް ގެންގޮސް، މައްސަލަ ބަލައިގަންނަންޖެހޭ ނަމަވެސް ދައުވާ އަނބުރާ ގެނައުމާއި ދައުވާ ނުކުރަން ނިންމުން ފަދަ ކަންކަން ޕީޖީ އޮފީހަކަށް ނުކުރެވޭނެ ކަމަށެވެ.
މައްސަލަތައް ބަލައިގަނެ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ނިންމި ނަމަވެސް ޕީޖީ އޮފީހުގެ ވަކީލުން ވަޑައިނުގަންނަވާތީ މައްސަލަތައްވަނީ ބޭއްވޭ ގޮތް ނުވެފައިވާ ކަމަށާއި އެގޮތުން މިއަދު ހެނދުނު ބާއްވަން ތާވަލުކުރި މައްސަލަތަށް ވެސް އެފީހުން ބޭފުޅަކު ވަޑައިނުގެންނެވުމާ ގުޅިގެން ކެންސަލްކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ