ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިނަކީ ބުއްދިވެރިއެއް ކަމުގައިވާނަމަ އިދިކޮޅު ފަރާތްތަކުން މެއި މަހުގެ އެއްވަނަ ދުވަހު ބާއްވާ ބޮޑު އެއްވުމުގެ ކުރިން ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް ނަގާ "އެއްލާލެއްވުމަށް" އެދިވަޑައިގަންނަވާ ކަމަށާއި އެހެން ނޫނީ އެދުވަހުން ރައްޔިތުން ކޮންޓްރޯލް ނުކުރެވޭނެ ކަމުގައި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
"އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން"ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ބާއްވާ ސިލްސިލް ހަރަކާތްތަކުގެ ތެރެއިން މިރޭ ހުޅުމާލޭގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ޝައިހް އިމްރާން ވިދާޅުވީ މިސަރުކާރުގެ ތެރެއިން އަދީބް ބޭރުކުރެއްވުމަކީ ޕީޕީއެމްގެ ރޫހު ހުރިގޮތް ކަމަށާއި އަދި އެއީ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެސް އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ. އަދި ވިދާޅުވީ އެ މެސެޖު ރައީސް ޔާމިނަށާއި މިނިސްޓަރު އަދީބާއި ހަމައަށް ވަރަށް ރަނގަޅަށް ދާނެ ކަަމަށް ގަބޫލުކުރައްވާ ކަމަށެވެެ.
މިނިސްޓަރު އަދީބަށް އެހެން ނަމަކުން އިޝާރާތް ކުރައްވާ އިމްރާން ވިދާޅުވީ ރައީސް މައުމޫނާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީން މަސައްކަތް ކޮށްގެން ރައްޔިތުންގެ ތާއީދާއެކު ރައީސް ޔާމިން ވެރިކަމަށް ވަޑައިގަތުމުން އަދީބް އުޅުއްވަނީ އޭގޭ ނާޖާއިޒު ފައިދާ ނަންގަވައިގެން ކަމަށެވެ. އަދި ވިދާޅުވީ ދުނިޔޭގެ ގައުމުތަކުން ގަބުލުނުކުރާ މަގާމެއްގައި ހުންނަވައިގެން ފައިސާ "ފޭރިގަނެގެން" އެ ފައިސާކޮޅު ވަކި ކުދި ބަޔަކަށް ހަރަދުކުރައްވައިގެން އަދީބް އުޅުއްވަނީ ގައުމު ބިރުވެރިކަމެއްގައި ބާއްވައިގެން އޭނާގެ ކޮންޓްރޯލްގައި އެންމެން ބޭތިއްބުމަށް ކަމަށެވެ. ނަމަވެސް އެ ފުރުސަތު އަދީބަށް ނުދެއްވާނެ ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ފައިސާ، ވިޔަފާރިވެރިންގެ ފައިސާ، އިންވެސްޓަރުންގެ ފައިސާ ހޯދައިގެން އެފައިސާ ބޭނުންކޮށްގެން ރައީސް ޔާމިންވެސް ބިރުވެރިކަމުގައި ބައިންދައިގެން ރައީސް މައުމޫންވެސް ބިރުވެރިކަމުގައި ބައިންދައިގެން ކެބިނެޓް މިނިސްޓަރުންވެސް ބިރުވެރިކަމުގައި ބައިތިއްބައިގެން ރައްޔިތުންގެ މަޖިލީހުގެ ބޭފުޅުންވެސް ބިރުވެރިކަމުގައި ބައިތިއްބައިގެން ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއްވެސް ބިރުވެރިކަމުގައި ބައިތިއްބައިގެން އެ ކޮންޓްރޯލް ކޮށްގެން ތި ހިންގަން އުޅޭ ކަމެއް ހިންގަން އުޅެނީ ނޫންހޭ. އެކަމަކު ވަރަށް އުފާކުރަން ދެންމެ ވާހަކަދެއްކެވި ބޭފުޅަކު އެވިދާޅުވީ ވަރަށް ރަނގަޅަށް. އެ އެންމެން ތި ވިދާޅުވާ ގޮތަށް ކޮންޓްރޯލް ކުރެވިދާނެ. އެކަމަކު މި ގައުމުގެ ރައްޔިތުންނެއް މަނިކުފާނަކަށް ކޮންޓްރޯލް ނުކުރެއްވޭނެ،" އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެއި މަހުގެ އެއްވަނަ ދުވަހު ނުވަަތަ މޭ ޑޭގައި ރައީސް ޔާމީންގެ ކުރިފުޅުމަތީގައި "ގާނޫނީ އިން" ބަހައްޓަވާނެ ކަމަށެވެ. އަދި ވިދާޅުވީ ޒިންމާ ނަގަން ނޭނގުނު މީހުން އެ ދުވަހު "ފަސް އެނބުރި ރޯން ޖެހޭނެ" ކަމަށާއި ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ވެރިކަމުގެ އުސޫލުތަކާއި އިންތަކުގެ ބޭރުން ރައްޔިތުންނަށް އަނިޔާވެރިވަމުން ދާތީ މޭ ޑޭގައި އެކަން ނިމުމަކަށް ގެންނާނެ ކަމަށެވެ. އަދި އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ދިވެހި ރައްޔިތުން މިއަދު މިތިބީ އެ ޒިންމާ ނަގައިގެން ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިތިބީ މާކުރީގައި އިނގޭތޯ. މާކުރީގައި މިތިބީ. އަޅުގަނޑުމެން މޭ ޑޭގައި މަނިކުފާނުގެ ކުރިމަތީގައި 'ގާނޫނީ އިން ބަހައްޓާނަން'. ދެން މަނިކުފާނަށް އެނގިލައްވާނީ ހަރުގަނޑަށް އަރާނީތޯ ވެއްޓޭނީތޯ ކިހިނެއްތޯ ހަދާނީ،" އިމްރާން ވިދާޅުވި އެވެ.
އިމްރާން މީގެ ކުރިންވެސް ތަކުރާރުކޮށް ވިދާޅުވާ ފަދައިން މިރޭވެސް ވިދާޅުވީ މޭ ޑޭގައި ރައީސް ޔާމިން މަޝްވަރާގެ މޭޒަށް ގެންނަވާނެ ކަމަށެެވެ. ނަމަވެސް މަޝްވަރާކުރަންވީ މޭޒު ކަނޑައަޅުއްވާނީ ރައީސް ޔާމިން ކަމަށާއި އަނިޔާވެރިކަން ނިންމާލުމުގައި އެދުވަހު ރައީސް ޔާމިން ގޮތްތަކެއް ނިންމަވަން ޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާ އެއްކޮށް މޭޒެއް ކައިރީގައި އިށީންނާނީތޯ، ކޮޅަށް ތިބޭނީތޯ، ހަރުގަނޑަކަށް އަރާނީތޯ، އެއެއް ކަނޑައަޅުއްވާނީ އެ ބޭފުޅުން. އަޅުގަނޑުމެން ގެންނާނަން މޭޒު ކައިރިއަށް. މޭޒު ކައިރިއަށް ގެންނާނަން މާތްﷲ އިރާދަކުރެއްވިއްޔާ. ކޮން ކަހަލަ މޭޒެއްތޯ ކަނޑައަޅުއްވާނީ އެބޭފުޅުން. އަޅުގަނޑުމެން ނެތިން މޭޒުގެ ސްޓައިލާއި ކުލަޔާ ވައްތަރު ކަނޑައަޅާކަށް. އެކަން އެބޭފުޅުން އަމިއްލައަށް ކަނޑައަޅުއްވަން ވާނީ. އަޅުގަނޑުމެންނަށް އިނގެނީ އިރާދަކުރެއްވިއްޔާ މޭޒު ކައިރިއަށް އަންނަންޖެހޭނެ ކަން. ދެން އެހެން ނޫނިއްޔާ އެބޭފުޅުން މެއިޒް ހިއްޕަވައިގެން ވަޑައިގަންނަވާ،" އިމްރާން ވިދާޅުވި އެވެ.
ދިވެހި ފުލުހުންނަށް އިލްތިމާސް ކުރައްވާ އިމްރާން ވިދާޅުވީ މިނިސްޓަރު އަދީބާއި ކޮމިޝަނަ އޮފް ޕޮލިސް ހުސައިން ވަހީދު އަންގާ ކަމެއް އަންގާ ގޮތަކަށް ކުރުމާއި އެ ދެބޭފުޅުން ވިދާޅުވާ އެއްްޗެއް ވިދާޅުވުމަށް އާންމު ރައްޔިތުން ކުރިމައްޗަށް ފުލުހުން ނުނިކުތުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އެ ދެ ބޭފުޅުން ބުނާ ގޮތަކަށް އަމަލުކުރުމުން އަގު ވެއްޓެނީ އެ ފުލުހާއި މުޅި މުއައްސަސާގެ އަގު ކަމުގައިވެސް ވިދާޅުވި އެވެ.
މެއި އެކެއްގެ ކުރިން އަދީބް "އެއްލާނުލައްވައިފިނަަމަ" ރައްޔިތުން ކޮންޓްރޯލެއް ނުކުރެއްވޭނެ: އިމްރާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ