ޑްރައިވަރު ގާސިމް މަރާލި އަދުހަމްގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ގާތިލް އަދުހަމް މުހައްމަދުގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ. މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރި ތިން ވަނަ ފަހަރެވެ.
ކްރިމިނަލް ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އެންމެ ފަހުން ޖަހާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އެއީ ހަތް ދުވަހުގެ މުއްދަތެކެވެ.
އަދުހަމް ވަނީ ޑްރައިވަރު ގާސިމް މަރާލި ކަމަށްވެސް ތަހުގީގުގައި އިއުތިރާފުވެފައެވެ. ގާސިމް މަރާލާފައި ވަނީ ހުޅުމާލޭގެ އަނދިރި މަގެެއްގެ ތެރެެއިން މިދިޔަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް އަދި ފޮނުވާފައެއްނުވެއެވެ. ނަމަވެސް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އެ މައްސަލައިގެ ތަހުގީގު ނިންމަން 15 ދުވަސް ދީފައެވެ.
ގާސިމް ހަސަނަށް ހަމަލާ ދިނީ މަރާލުމުގެ ގަސްދުގައި ނޫން ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ގާސިމަށް ހަމަލާ ދިނީ ބިރު ދައްކައިގެން ފޭރެން އުޅެނިކޮށް ގާސިމް ހަޅޭލަވައި ގަތުމުން ބިރުން ކަމަށް އަދުހަމް ވަނީ ތަހުގީގުގައި ކިޔައިދީފައެވެ.
ފުލުހުން ވިދާޅުވެފައި ވަނީ އެކުށަށް އަދުހަމް އިއުތިރާފް ވެފައި ވީނަމަވެސް އެމައްސަލަ ހަމައެކަނި ބިނާކުރާނީ އިއުތިރާފްގެ މައްޗަށް ނޫން ކަމަށެވެ. އަދި އެމައްސަލައިގެ އިތުރު ކަންކަން ހުރިކަމަށް ގަބޫލު ކުރެވޭ ކަމަށާއި މިހާރު އަންނަނީ އެކަންކަން ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ގާސިމް މަރާލަން ބޭނުން ކުރި ހަތިޔާރާއެކު، އަދުހަމް އެ ރޭ ލައިގެން ހުރި އަންނައުނުވެސް ފުލުހުން ވަނީ ހޯދާފައެވެ. ފުލުހުން ހޯދާފައިވާ ހެކިތަކުން އަދުހަމްގެ ޑީއެންއޭ ވެސް ވަނީ ފެނިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ