ސިއްރު ހެކީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޖަލު ޙުކުމް ބާތިލް ކުރަން އިއްވި ޙުކުމުގައި ސިއްރުން ހެކިބަސް ނެގުމާއި ގުޅޭ ގޮތުން ހިމަނާފައިވާ ބައިތަކާއި ގުޅޭ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ސިއްރު ހެކިބަހާއި ގުޅޭ މައްސަލަ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ޕީޖީ ހުސައިން ޝަހީމްވެސް ވަނީ މީގެކުރިން ވިދާޅުވެފައެވެ.
ހައިކޯޓުން އިއްވި ޙުކުމުގައި ބުނެފައި ވަނީ 1976 ވަނަ އަހަރު އަމަލުކުރަން ފެށި ހެއްކާއި ބެހޭ ޤާނޫނުގައި ހެކިބަސް ދޭމީހުން ޙިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިޚުތިޔާރު ފަނޑިޔާރަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، ހެއްކާބެހޭ ޤާނޫނުގައި ހެކިބަސް ދޭމީހުން ޙިމާޔަތްކޮށް، ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނެތްކަން އެ ޤާނޫނަށް ބެލުމުން އެނގެން އޮންނަކަމަށެވެ.
ހެއްކާބެހޭ ޤާނޫނު އަކީ 23 ސެޕްޓެންބަރ 1976 ގައި ވުޖޫދަށް އައިސްފައިވާ ޤާނޫނަކަށް ވާއިރު އެ ޤާނޫނަށް އެއްވެސް އިސްލާހެއް މިއަދާހަމައަށްވެސް އައިސްފައި ނުވާކަމާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ހެކިން ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުނުކޮށް ހެކިބަސްދެނީ ކާކުކަން ނޭނގޭގޮތަށް ހެކިބަސް ނެގުމުގެ އިޚުތިޔާރު ފަނޑިޔާރަށް ލިބިގެންވަނީ ހެއްކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައި އޮންނަޖެހޭ ޙާލަތްތަކުގައި، އަދި އެޤާނޫނުގައި ހެކިބަސް ދޭމީހުން ޙިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައި އޮންނަންޖެހޭ ގޮތްތަކުގެ ތެރެއިން ގޮތަކަށް ކަމަށް ބަޔާންކޮށްފައިވާއިރު، ހެކިބަސް ދޭމީހުން ޙިމާޔަތްކޮށް، ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނުވަތަ ގޮތަތަކެއް ނެތްކަން އެ ޤާނޫނަށް ބެލުމުން އެނގެން އޮންނާތީ އަބްދުﷲ ސައީދާއި ދެކޮޅަށް ތިން ހެކިން ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުނުކޮށް ހެކިބަސް ނަގާފައިވަނީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާއި ހިލާފަށް ކަމަށެވެ.
ބައެއް ވަކީލުން ވިދާޅުވާ ގޮތުގައި ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުން ބަދަލުނުކުރާނަމަ އެތައް ސިއްރު ހެކިންނެއް ކޯޓުތަކުގައި ދީފައި ހުރި ހެކިބަސްތަކަށް ބަލައިގެން ޙުކުމެއް ކުރުން އެއީ ކުރެވޭނެ ކަމެއް ނޫނެވެ. މިއީ އެތައް ބޮޑެތި ޖިނާޢީ ކުށްވެރިންތަކެއް ދޫވެގެން ހިނގައިދާނެ ކަމެއް ކަމަށް ވެސް ބައެއް ވަކީލުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ