ރައީސް ސޯލިހާއި ބައްދަލުކުރައްވާ ބައެއް ކަންބޮޑުވުންތައް މައުމޫން ހިއްސާކުރައްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި އަދި ސަރުކާރު ކޯލިޝަން އެމްއާރްއެމްގެ އިންތިގާލީ ރައީސް، މައުމޫން އަބްދުލްގައްޔޫމް ބައްދަލުކުރައްވާ ބައެއް ކަންބޮޑުވުންތައް ހިއްސާ ކުރައްވައިފިއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހާއި ބައްދަލުކުރައްވާ ގައުމީ ބައެއް މައްސަލަތަކުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރެއްވުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ހާމަކަމާއި އެކުގައި ހުރިހާ ވާހަކައެއް ރައީސް ސޯލިހުގެ ފަރާތްޕުޅުން ކިޔައިދެއްވެވީތީ އުފާ ކުރައްވާ ކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ރައީސް ސޯލިހާއި ބައްދަލުކުރައްވާފައިވާއިރު ކޮވިޑް19 އަށް ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރެއްވުމަށް ރައީސް މައުމޫން ވަނީ އިއްޔެ ގޮވާލައްވާފައެވެ. އެމަނިކުފާނު އިއްޔެ ޓްވީޓު ކުރެއްވިއިރު ރައީސް ސޯލިހާއި އިލެކްޝަންސް ކޮމިޝަނު ވެސް ވަނީ ޓެގު ކުރައްވާފައެވެ.
ނަމަވެސް މިއަދު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވަނީ އިންތިހާބު ފަސް ކުރަންޖެހޭ ފަދަ އެއްވެސް ހާލަތެއް ރާއްޖޭގައި އޮތް ކަމަށް އެ ކޮމިޝަނުގެ އެއްވެސް މެންބަރަކު ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އިންތިހާބު ފަސް ކުރުމުގެ ގާނޫނީ އެއްވެސް ބާރެ ވެސް އިލެކްޝަނަށް ލިބިގެން ނުވާ ކަމަށެވެ.
 
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ