ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށް މަޝްވަރާ ކުރަނީ

ކުރީގެ ރައީސް އަަބްދުﷲ ޔާމީން ގޭބަންދަށް ބަދަލު ކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފި އެވެ.ކަރެކްޝަންސްގެ ސަރވިސް އިން ބުނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުމާއި ގުޅޭ މަޝްވަރާތައް ކަމާއި ބެހޭ ފަރާތްތަކާއި އެކު ކުރަމުންދާ ކަމަށެވެ. އަދި އެކަމާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.އެހެންނަމަވެސް ވަރަށް އަވަހަށް އެމަނިކުފާނު ގެއަށް ބަދަލު ކުރުމާއި މެދު ގޮތެއް ނިންމޭނެ ކަމަށް އެ ސަރވިސް އިން ބުނެއެވެ.ޔާމީން ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދި އިދިކޮޅު ސިޔާސީ ލީޑަރުން އެމަނިކުފާނާއި ބައްދަލުކޮށްފައިވާއިރު، މެޑަމް ފާތިމަތު އިބްރާހިމްގެ ސިޓީފުޅެއްވެސް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ސޯލިހު ވެސް ވަނީ ރައީސް މިދިޔަ ހޯމަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ. "އެ ބޭފުޅުން އެދިވަޑައިގެންނަވަނީ ޔާމީންގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ގެއަށް ބަދަލުކޮށްދިނުމަށް. އެކަމަކު ރައީސް ޔާމީން ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ ސިއްހީ އެއްވެސް މައްސަލައެއް ނެތް ކަމަށް." ރައީސް ސޯލިހު ވިދާޅުވި އެވެ.މީގެ ކުރިން ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް ޔާމީނަށް ޑޮކްޓަރު ބޭރަށް ދާން ލަފާ ދެއްވާފައިވެ އެވެ. މިކަމާއިގުޅިގެން ރައީސް ވިދާޅުވީ އެ ފުރުސަތު ސަރުުކާރުން ދިން ކަމަށާއި ނަމަވެސް ރައީސް ޔާމީން ރާއްޖެއިން ބޭރަށް ވަޑައިގެންނަވަން ބޭނުންފުޅުވެވަޑައި ނުގެންނެވީ ކަމަށެވެ.މަނީލޯންޑަރިންގެ ކުށް ސާބިތުވެ ރައިސް ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު 28 ވަނަ ދުވަހު އެވެ. އޭރުން ފެށިގެން އިދިކޮޅު ފަރާތްތަކުން ދަނީ ކެނޑިނޭޅި އެމަނިކުފާނު މިނިވަން ކުރުމަށް ނުވަތަ ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ