ބައިޑަންގެ ކްލައިމެޓް ސަމިޓްގައި ޗައިނާއާ ރަޝިއާ ބައިވެރިވާނެ

އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ "ލީޑާސް ސަމިޓް އޮން ކްލައިމެޓް" ގަައި ޗައިނާ އާއި ރަޝިއާއިން ބައިވެރި ވާނެކަން އެ ދެ ގައުމުން ކަށަވަރު ކޮށްދީފަ އެވެ.
ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވާ ޗުނިޔެން ވިދާޅުވީ މޫސުމީ ބަދަލާބެހޭ ގޮތުން ބައިޑަން އިންތިޒާމް ކުރައްވާ ސަމިޓްގައި ރައީސް ޝީ ޖިންޕިން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށާއި އެ ސަމިޓްގައު މޫސުމީ ބަދަލާ މެދު ޗައިނާ ދެކޭ ގޮތް ޝީ ހާމަ ކުރައްވާނެ ކަމަށެވެ.
ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޯފް ވިދާޅުވި ގޮތުން ރައީސް ޕޫޓިން ވެސް ބައިޑަންގެ މުސުމީ ބަދަލާ ބެހޭ ސަމިޓްގައި ވައިވެރިވެ ވަޑައިގަންނަވާނެ އެވެ. އޭނާ ވިދާޅުވީ މޫސުމަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ރަޝިއާ ވަރަށް ކަންބޮޑުވާ ކަމަށެވެ.
ލީޑާސް ސަމިޓް އޮން ކްލައިމެޓް މާދަމާ ފަށާނެ އެވެ. މިސަމިޓަށް ކަނޑައަޅާފައިވާ ތާރީޚަކީ އެޕްރީލް 22-23 އަށް، އޮންލައިންކޮށެވެ. ސަމިޓްގައި ބައިވެރިވެ ވަޑައިގެން ދެއްވުން އެދި 40 ލީޑަރުންނަށް ބައިޑަން ދައުވަތު އެރުވި އެވެ.
މޫސުމީ ބަދަލާ ބެހޭ ސަމިޓްގައި މައިގަނޑު މައުލޫއަކަށް ވާނީ ސިނާއިން މަސައްކަތްތަކުގެ ސަބަބުން ކާރުހާނާތަކުން ޖައްވަށް ބޭރުވާ ވިހަ ގޭސްތައް ކޮންޓްރޯލް ކުރުމެވެ. އިންސާނުން ތަރައްގީއަށް ކުރާ މަސައްކަތްތަކާ ހެދި މޫސުމަށް ލިބޭ ގެއްލުން ކުޑަ ކުރަން ވެސް މަޝްވަރާ ކުރެވޭނެ އެވެ.
ހުޅަނގު ގައުމުތަކާ އެކު އޮތް ގުޅުން ފަސޭހަ ކުރަން ރަޝިއާއިން ސަމިޓްގެ ތެރެއިން މަސައްކަތް ކުރައްވާނަންތޯ ސުވާލު ކުރުމުން ތަރުޖަމާން ޑިމިޓްރީ ޕެސްކޯފް ވިދާޅުވީ އެކަހަލަ އެދުންފުޅެއް ނުގެންގުޅުއްވާ ކަމަށާއި ސަބަބަކީ ތިޔަ ބައިގަނޑަކާ ހެދި މުޅި ދުނިޔެ އޮތީ ބޮލުގައި ރިއްސައިގެންފައި ކަމަށެވެ.
ތަރުޖަމާން ވިދާޅުވީ މޫސުމީ ބަދަލުތައް މިހާރަށް ވުރެ ހަރުދަނާކޮށް މެނޭޖްކުރުމަކީ ރަޝިއާ އެދޭ ކަމެއް ކަމަށާއި މިކަމުގައި ގައުމުތައް ސީރިއަސްވާން ޖެހޭ ކަމަށް ދަންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ